ދިރާގުގެ ބިޒްނަސް ސަޕޯޓް ސިސްޓަމްގެ މުހިއްމު މެއިންޓެނެންސް މަސައްކަތެއް ކުރާތީ ބައެއް ހިދުމަތްތައް މާދަމާރޭ އިރުއޮއްސި 6:00 އިން ފެށިގެން ހޮނިހިރު ދުވަހުގެ މެންދުރު 12:00 އާ ހަމައަށް، ވަގުތީ ގޮތުން މެދުކެނޑޭނެ ކަމަށް އެކުންފުނިން މިއަދު ބުނެފި އެވެ.

ސޯޝަލް މީޑިއާގައި ދިރާގުން މިއަދު އާއްމުކުރި ބަޔާނެއްގައި ބުނީ އެ މަސައްކަތް ކުރަމުންދާ ވަގުތުތަކުގައި ދިރާގުއެޕް، މައިއެކައުންޓް އަދި މަމެން އެޕްގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑޭނެ ކަމަށެވެ. އެހެންވެ ރީލޯޑް އަދި ރީޗާޖްގެ ހިދުމަތްތާއި ބިލަށް ފައިސާ ދެއްކުން އަދި ހިދުމަތްތައް އެކްޓިވޭޓްކުރުން މެދުކެނޑޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ. 

"އެހެންނަމަވެސް، 31 ޖުލައި 2026ގެ އިރު އޮއްސި 6:00 އިން މެންދަމު 12:00އާ ހަމައަށް ދިރާގުގެ ޕާޓްނަރު ފިހާރަތައް މެދުވެރިކޮށް ރީލޯޑް އަދި ރީޗާޖްގެ ހިދުމަތްތައް ލިބިގެންދާނެ އެވެ. މީގެ އިތުރުން، މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ވެސް ކަސްޓަމަރުންނަށް ފޯނު ކޯލު، އެސްއެމް.އެސް، އަދި މޮބައިލް ޑޭޓާގެ ހިދުމަތްތައް ކުރިއެކޭ ވެސް އެއްފަދައިން ލިބިވަޑައިގަންނަވާނެ އެވެ،" ދިރާގުގެ އިއުލާނުގައި ބުންޏެވެ.

ހިދުމަތްތަކުގެ ފެންވަރު ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަށް ކަސްޓަމަރުންދޭ އެއްބާރުލުމާއި، ކުރާ އިތުބާރަށް ދިރާގުން ވަނީ ބަޔާނުގައި ޝުކުރުއަދާކޮށްފަ އެވެ.