ދިރާގާއި އެލައިޑް އިންޝުއަރަންސް ގުޅިގެން، ދިރާގު ލިމިޓެއް ނެތް ފައިބާ ޕްލޭންތައް ނަގާ ކަސްޓަމަރުންނަށް އެލައިޑްގެ "ހޯމް ކޮންޓެންޓްސް ތަކަފުލް" އިސްލާމިކް އިންޝުއަރަންސް ޕްލޭން ލިބޭ ތިން މަސް ދުވަހުގެ ޕްރޮމޯޝަނެއް ތައާރަފްކޮށްފި އެވެ.

އެ ޕާޓްނަޝިޕް ރަސްމީކޮށް އިއުލާނުކޮށްފައިވަނީ ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި އެ ޕްރޮމޯޝަން އިއުލާން ކުރުމުގެ އިތުރުން ދިރާގުން ވަނީ އެލައިޑަށް ދިރާގުގެ "އެލީޓް ކްލަބް" ގެ ޕާޓްނަރެއްގެ ގޮތުގައި މަރުހަބާ ކިޔައިފަ އެވެ.

އެ ޕްރޮމޯޝަނުގެ ދަށުން ދިރާގު ލިމިޓެއް ނެތް ފައިބާގެ ކޮންމެ ޕެކޭޖެއް މިހާރު ވެސް ބޭނުން ކުރަމުންދާ ކަސްޓަމަރުންނަށް އަދި މުޅިން އަލަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް 150،000ރ. އާ ހަމައަށް އެލައިޑްގެ "ހޯމް ކޮންޓެންޓްސް ތަކަފުލް" ޕްލޭނެއް އެއް އަހަރު ދުވަހަށް ހިލޭ ލިބޭނެ އެވެ.

އޭގެ އިތުރުން ދިރާގު ލިމިޓެއް ނެތް ފައިބާ 30އެމް އަދި އެއަށްވުރެ މަތީގެ ޕްލޭންތަކަށް އަލަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް ދިރާގުގެ ފަރާތުން "ސްމާޓްވިއު އިންޑޯ ކެމެރާ" އެއް ހިލޭ ލިބޭނެ އެވެ. އަދި ލިމިޓެއް ނެތް ފައިބާ 50އެމް އަދި އެއަށްވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް އެ ކެމެރާގެ އިތުރުން 12 މަސް ދުވަހަށް ހިލޭ "ކްލައުޑް ސްޓޯރޭޖް" ސަބްސްކްރިޕްޝަން ލިބޭނެ އެވެ. 

ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ އެސިސްޓަންޓް މެނޭޖަރު، ޕީއާރް އެންޑް ސްޕޮންސަޝިޕްސް، ނަޝާޔާ ނައީމް ވާހަކަ ދައްކަވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ އެސިސްޓަންޓް މެނޭޖަރު، ޕީއާރް އެންޑް ސްޕޮންސަޝިޕްސް، ނަޝާޔާ ނައީމް ވާހަކަ ދައްކަވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ އެސިސްޓަންޓް މެނޭޖަރު، ޕީއާރް އެންޑް ސްޕޮންސަޝިޕްސް ނަޝާޔާ ނައީމް ވިދާޅުވީ ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމުގެ އިތުރުން، އެފަދަ ޕާޓްނަޝިޕްތައް މެދުވެރިކޮށް ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަން ގެނެސްދިނުމަށް ކަމަށެވެ.

އެގޮތުން އެ ކުންފުނީގެ މަގުސަދަކީ އެ ޕްރޮމޯޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުބާރު ހިފޭ ހައި-ސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުމުގެ އިތުރުން ގޭތެރޭގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެހީތެރިވެދީ އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް އިތުރު ފައިދާތައް ހޯދައިދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެލައިޑް ތަކަފުލްގެ މެނޭޖަރު ފާތިމަތު ނިޒްމާ ވާހަކަ ދައްކަވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެލައިޑް ތަކަފުލްގެ މެނޭޖަރު ފާތިމަތު ނިޒްމާ ވާހަކަ ދައްކަވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

އެ ބައްދަލުވުމުގައި އެލައިޑް ތަކަފުލްގެ މެނޭޖަރު ފާތިމަތު ނިޒްމާ ވިދާޅުވީ ދިރާގާ ގުޅިގެން ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ވެސް ފުރުސަތު ހުޅުވާލައިގެން ބޭނުންތެރި އަދި ފަސޭހައިން ލިބޭނެ ރައްކާތެރިކަމުގެ ހައްލުތަކެއް ފޯރުކޮށްދިނުމުގެ މަގުފަހި ކޮށްދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އެގޮތުން އިންޝުއަރެންސްގެ ދާއިރާގައި އެލައިޑްގެ ތަޖުރިބާ އަދި ހިދުމަތްތަކާއި  ދިރާގުން ރާއްޖެއަށް ފުޅާކޮށްފައިވާ ފައިބާގެ ނިޒާމުގެ އެހީގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމުގެ އިތުރުން، ދިގު މުއްދަތަކަށް އެ ފަރާތްތަކުގެ ދިރިއުޅުން ވެސް އިތުރަށް ފުރިހަމަވެގެން ދިއުމަކީ އެ ކުންފުނީގެ ވަރަށް ބޮޑު އުއްމީދެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

އެލައިޑްގެ "ހޯމް ކޮންޓެންޓްސް ތަކަފުލް" ޕްލޭންގެ އެހީގައި ގޭތެރޭގައި ހުންނަ ސާމާނާއި ހަރުކޮށްފައި ހުންނަ ތަކެއްޗާއި ފަރުނީޗަރު ފަދަ ތަކެއްޗަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކަން ލިބޭނެ އެވެ.

އޭގެތެރޭގައި އަލިފާނުގެ ހާދިސާތަކާއި ވައްކަމާއި އުދައެރުމާއި ފެންބޮޑުވުން ފަދަ ކަންކަމުން ލިބޭ ގެއްލުންތައް ވެސް ހިމެނެ އެވެ. އެހެންވެ، އެ ޕްލޭނަކީ ކުއްލިއަކަށް ދިމާވާ އެފަދަ ހާދިސާތަކުގެ ސަބަބުން ލިބޭ މާލީ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވެ، އާއިލާތަކަށް ހިތްހަމަޖެހުމާއި ރައްކާތެރިކަން ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ.

ދިރާގުން ފޯރުކޮށްދޭ 'ސްމާޓްވިއު' އިންޑޯ ކެމެރާއަކީ 1080ޕީ ފުލް އެޗްޑީ ކޮލިޓީގައި ރޭގަނޑު ވެސް ސާފުކޮށް މަންޒަރު ފެންނަ ގޮތަށް ފަރުމާކޮށްފައިވާ ކެމެރާއެކެވެ. އެ ކެމެރާ 360 ޑިގްރީއަށް އަނބުރާ ލެވޭއިރު، އޭއައި މެދުވެރިކޮށް ހަރަކާތްތައް ދެނެގަނެ ވަގުތުން އެލާޓް ފޮނުވައިދިނުމުގެ ގާބިލުކަން އެ ކެމެރާގައި ހުރެ އެވެ. އަދި ވާހަކަ ދެއްކޭ އޯޑިއޯ ނިޒާމެއް ހިމެނޭތީ، އެ ކެމެރާއިން ކޮންމެ ތަނެއްގައި ހުރެގެން ވެސް ގޭގައި ތިބޭ މީހުންނާ ވާހަކަ ދައްކައި، ގޭތެރޭގެ ކަންތައްތައް ބެލެހެއްޓޭނެ އެވެ. 

އެ ޕްރޮމޯޝަންގައި އަންނަ އޮގަސްޓުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. އަދި ދިރާގުގެ ލިމިޓެއް ނެޓް ފައިބާ ޕްލޭންތައް ބޭނުންކުރަމުން ގެންދާ އަދި އަލަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުން "ހޯމް ކޮންޓެންޓްސް ތަކަފުލް" ޕްލޭންގެ ވައުޗާ ހޯދައި އެކްޓިވޭޓްކުރާނެ ގޮތުގެ މައުލޫމާތު ދިރާގު ވެބްސައިޓް އިން ލިބޭނެ އެވެ. 

އެ ޕްރޮމޯޝަންގެ އިތުރުން، ދިރާގު އެލީޓް ކްލަބްގެ މެންބަރުންނަށް އެލައިޑް ތަކަފުލްގެ ވަކި ހާއްސަ ޕްލޭންތަކަކުން ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އޭގެ ތެރޭގައި މޮޓޯ ކޮމްޕްރިހެންސިވް ޕްލޭނާއި ހޯމް ކޮންޓެންޓްސް ޕްލޭނާއި ހިޔާވަހި އަދި ފެމިލީ ތަކަފުލް ޕްލޭން ހިމެނެ އެވެ. އެގޮތުން އެލައިޑްގެ ކަސްޓަމާ ކެއާ ނުވަތަ ސޭލްސް ޗެނަލްތަކުން ހިދުމަތަށް އެދޭއިރު ދިރާގު އެލީޓް ކްލަބްގެ ޑިޖިޓަލް ކާޑު ދެއްކުމުން އެ ޑިސްކައުންޓްތައް ލިބޭނެ އެވެ. 

ދިރާގުން ދަނީ އެކި ކުންފުނިތަކާއި ގުޅިގެން އެފަދަ އެކި ޕްރޮމޯޝަންތައް ހިންގަމުންނެވެ.