މިއަހަރުގެ ޓްވިމްބިޓް ޓެލެކޮމް އެވޯޑްސްގައި، "ޓެލްކޯ އޮފް ދަ އިޔާ–ސްމޯލް މާކެޓްސް" ގެ އެވޯޑް ދިރާގުން ކާމިޔާބުކޮށްފި އެވެ.

ޓްވިމްބިޓް ޓެލެކޮމް އެވޯޑަކީ އޭޝިއާ ސަރަހައްދުގެ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ކުންފުނިތަކަށް އީޖާދީ އާ ކަންކަމާއި މާލީ ކުރިއެރުމާއި ކަސްޓަމަރުންނަށް ދޭ ހިދުމަތް ފުރިހަމަ ކުރުމުގެ އިތުރުން ޑިޖިޓަލް ކުރިއެރުންތަކުގައި ހޯދާ ކާމިޔާބީތަކުގެ އަގުވަޒަން ކުރަން ދޭ އެވޯޑެކެވެ.

އެ އެވޯޑަކީ ޑިޖިޓަލް އީޖާދުތަކާއި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތް ހަރުދަނާ ކުރުމުގެ އިތުރުން ރާއްޖޭގެ ޑިޖިޓަލް ކުރިމަގު ބައްޓަންކުރަން ދިރާގުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ދިރާގުން ސިފަކުރެ އެވެ.

އޭޝިއާގެ ކުރިއަރަމުން އަންނަ އަދި ކުދި މާކެޓްތަކަށް ހިދުމަތް ދޭ މުވާސަލާތީ ގިނަ ކުންފުނިތަކަކާ ވާދަކޮށް ދިރާގަށް އެ އެވޯޑު ލިބުމަކީ ދިރާގުން އެ ސިނާއަތުގައި ކުރަމުންދާ މުހިންމު މަސައްކަތްތައް ހާމަކޮށްދޭ ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. 

އެކަމާ ގުޅޭގޮތުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ އެ އެވޯޑުން ރަމްޒު ކޮށްދެނީ ދިރާގުން ރާއްޖޭގެ މުވާސަލާތީ ހިދުމަތް ފޯރުކޮށް ދިނުމުގައި ސާބިތުކަމާއެކު ހޯދާ ކުރިއެރުންތަކާއި ކަސްޓަމަރުން އެ ކުންފުންޏަށް ކުރާ އިތުބާރާއި މުވައްޒަފުންގެ މަސައްކަތް ކަމަށެވެ. 

"ވޭތުވެދިޔަ އަހަރު ދިރާގުން ރާއްޖޭގެ މުވާސަލާތީ ތާރީހުގައި މުހިންމު ލަނޑުދަނޑިއެއް ހާސިލްކޮށް، މީހުން އުޅޭ ހުރިހާ ރަށެއްގައި ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދީ ނިންމުމާއެކު މިއަދު މިވަނީ ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް މޯބައިލް އަދި ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ފައިބާ މެދުވެރިކޮށް ހުރިހާ ޑިޖިޓަލް ހިދުމަތްތައް ބޭނުން ކުރުމުގެ ފުރުސަތު ފަހިކޮށް ދެވިފައި. އެހެންވެ، މި އެވޯޑް މިއަހަރު ލިބުމަކީ އަޅުގަޑުމެންގެ މި މަސައްކަތަށް ލިބުނު ވަރަށް ބޮޑު ތަރުހީބެއް" އޭނާ ވިދާޅުވި އެވެ. 

ދިރާގުން ދޭ އެކި ހިދުމަތްތައް ފާހަގަކޮށް ބައިނަލްއަގުވާމީ އެކި އެވޯޑުތައް ދިރާގުން ކޮންމެ އަހަރަކު ވެސް ހާސިލްކުރެ އެވެ.