ދިރާގު ފައިބާ ބްރޯޑް ބޭންޑް ކަސްޓަމަރުންނަށް ދިރާގު ލިމިޓެއް ނެތް ފައިބާ ޕްލޭންތަކަށް ހިލޭ އަޕްގްރޭޑް ކުރުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެ ޕްރޮމޯޝަންގެ ދަށުން، ޕްލޭން އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށް ދެ މަސް ދުވަހުގެ މުއްދަތަށް އިތުރު ފީއަކާ ނުލައި ހިދުމަތް ބޭނުން ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އެއީ ކަސްޓަމަރުންނަށް އިތުރު ފީއަކާ ނުލައި ހަލުވިސްޕީޑާއި އަންލިމިޓެޑް އިންޓަނެޓް ތަޖުރިބާކޮށްލުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ފެށި ޕްރޮމޯޝަނެއް ކަމަށް ދިރާގުން ބުންޏެވެ.
އެ ޕްރޮމޯޝަނުގައި ދިރާގުގެ ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން ކަނޑައެޅިފައިވާ ވަކި ޕެކޭޖްތައް ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް ދިރާގު ލިމިޓެއްނެތް ފައިބާ ޕްލޭންތަކަށް ހިލޭ އަޕްގްރޭޑް ކުރެވޭނެ އެވެ. އަދި އެ ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ ނިޔަލަށެވެ.
އެ ޕްރޮމޯޝަންގެ ދަށުން ފައިބާ 5އެމް ސްޓާޓާ އާއި ފައިބާ 5އެމް ބޭސިކާއި ފައިބާ 5އެމް އާއި ފައިބާ 10އެމް ބޭސިކް އަދި ފައިބާ 15އެމް ސްޓާޓާގެ އިތުރުން ޝަރުތުހަމަވާ އެހެނިހެން ޕެކޭޖުތައް ބޭނުންކުރާ ކަސްޓަމަރުންނަށް ލިމިޓެއް ނެތް ފައިބާ ޕެކޭޖަށް ހިލޭ އަޕްގްރޭޑް ކުރެވޭނެ އެވެ.
ޕެކޭޖް އަޕްގްރޭޑް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު އަޕްގްރޭޑް ޕޯޓަލް ނުވަތަ މައި އެކައުންޓް މެދުވެރިކޮށް އަޕްގްރޭޑް ކުރެވޭނެ އެވެ. އޭގެ އިތުރުން ދިރާގުގެ ކަސްޓަމާ ސާވިސް ސެންޓަރުތަކުން ޕެކޭޖް އަޕްގްރޭޑް ކުރުމުގެ ހިދުމަތް ލިބޭނެ އެވެ.
ދިރާގުން ބުނީ އެ ޕްރޮމޯޝަންގެ ސަބަބުން ކަސްޓަމަރުންގެ އިންޓަނެޓް ތަޖުރިބާ އިތުރަށް ފުރިހަމަވެ، ވީޑިއޯ ސްޓްރީމް ކުރުމާއި ޑައުންލޯޑް ކުރުމާއި އޮންލައިން ގޭމިންގް އަދި ވީޑިއޯ ކޯލްތަކުގެ އިތުރުން ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ދިރާގުގެ ހިދުމަތްތައް ހެޔޮ އަގުގައި އަޕްގްރޭޑް ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން އެފަދަ އެކި ޕްރޮމޯޝަންތައް ދަނީ ހިންގަމުންނެވެ.