ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ވަކި ފަރާތަކަށް ޖެހިފައި ނުވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވެއްޖެ އެވެ.
އޭސީސީގެ ގައުމީ މަހާސިންތާ އިފްތިތާހުކުރަން އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ލުތުފީ ވިދާޅުވީ ކޮރަޕްޝަންގެ ވަކިތަކުން އެއްވެސް ގައުމެއް ސަލާމަތް ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.
ނަމަވެސް ކޮރަޕްޝަނާއި ރިޝްވަތާއި ފަސާދައިގެ އަމަލުތަކާ ގުޅޭ މައްސަލަތައް ހޯދައި ބަލައި، ކަމާ ބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަން އޭސީސީ އަބަދުވެސް ދެމި ތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭސީސީން އަބަދުވެސް މަސައްކަތް ކުރާނީ ވަކި ފަރާތަކަށް ބުރަވުމެއް ނެތި، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު އޭސީސީއާ މަތިކުރެވިފައިވާ އަމާނާތް އެންމެ ފުރިހަމަ އަށް އަދާކުރަން. އެގޮތުގެ މަތީގައި ދެމިތިބޭނެ ކަމުގެ ކަށަވަރުކަން އަރުވަން،" ލުތުފީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭސީސީގެ މަސައްކަތްތަކަށް ބައެއް ފަރާތްތަކުގެ ފާޑުކިއުންތައް ދަނީ އަމާޒުވަމުންނެވެ. އެކަމަކު އެ ފާޑުކިއުންތައް ކެތްތެރިކަމާ އެކު އަޑުއެހުމުގެ ގާބިލްކަން ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުންގެ އެބަހުރި ކަމަށް ވިދާޅުވި އެވެ.
އޭސީސީން ދައުލަތުގެ އިދާރާތަކަށް ގޮސް، އެ ތަންތަނުގައި ހިނގާ ކަންކަން ބަލައި، އެ ތަންތަނުގައި އުޅޭ މުވައްޒަފުން ހާޒިރު ކުރުމުން ތަފާތު ފާޑުކިއުންތައް އަމާޒުވިޔަސް، ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އޭސީސީން ކުރަން ޖެހުނު ކޮންމެ ކަމެއް ގާނޫނީ އިމުގެ ތެރެއިން ކުރާނެ ކަމަށް ލުތުފީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވަކި ފަރާތަކަށް ވީތީ މައްސަލަތައް ނުބަލައި ބައެއް މައްސަލަތައް ދޫކޮށްލާ ކަމުގެ ވާހަކަތައް ދެއްކިޔަަސް މި އަހަރުގެ މިހާތަނަށް އޭސީސީއަށް ހުށަހެޅި އަދަދަށް ވުރެ ގިނަ މައްސަލަތައް ތަހުގީގުކޮށް ނިންމާފައިވާނެ އެވެ.
"މޮޅު މީހަކަށް، ދެރަ މީހަކަށް ވަކި ގޮތެއް ހަދާފައި ނުވާނެ. އޭސީސީ އަށް ކުރިމަތިވާ ފާޑުކިއުމަކީ ދުނިޔޭގައި މިފަދަ މުއައްސަސާތަކަށް ވެސް ކުރިމަތިވާ ފާޑުކިއުންތައް. އެއީ މި ރާއްޖޭގައި އެކަނި ހިނގާ ކަން ކަމެއް ނޫން،" ލުތުފީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާ މަރުހަލާގަ އާއި ޝަރީއަތުގެ މަރުހަލާގައި ސާބިތު ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި އެކަމުގައި ގިނަ ހަރުފަތްތައް ގިރާ ކުރަން ޖެހޭ ކަމަށެވެ.
ލުތުފީ ވިދާޅުވި ގޮތުގައި ދެ ދުވަހުގެ މުއްދަތަށް އޭސީސީ އާއި އިސްލާމިކް ޔުނިވާސިޓީ ގުޅިގެން ބާއްވާ މަހާސިންތާގެ ބޭނުމަކީ އޭސީސީގެ ތަހުގީގުތައް ހަރުދަނާ ކުރުމާ ގުޅޭ މަޝްވަރާތައް ކުރުމެވެ.
މީގެ އިތުރުން ދައުވާ އުފުލުމުގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހުރި ގޮންޖެހުންތައް ހައްލު ކުރުމާއި ކޮރަޕްޝަންގެ ސަބަބުން ގެއްލޭ މުދަލާއި ފައިސާ ވީ އެންމެ އަވަހަކަށް ހޯދައި އަވަސް ކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭ މަޝްވަރާތައް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.