ނިއުޕޯޓު ހިންގި ސްޓްރާޑާ އަށް ނާޖާއިޒު މަންފާ ހޯދައި ދިން: އޭސީސީ

ލޮނުޒިޔާރަތްކޮޅުގައި ހިންގަމުން އަންނަ ނިއުޕޯޓް ވިއު ރެސްޓޯރެންޓް ހިންގަމުން އަންނަ ސްޓާރާޑާ ޕްރައިވެޓް ލިމިޓެޑަށް މިދިޔަ ސަރުކާރުން ނާޖާއިޒު މަންފާތަކެއް ހޯދައި ދިން ކަމަށް ބެލެވޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގު ރިޕޯޓުގައި މިއަދު ބުނެފި އެވެ.


ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ދިޔަ ގޮތް ބެލުމަށް ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓަކާ އެކު ތަރައްގީ ކުރުމުގެ މަސައްކަތް، ސްޑްރާޑާ ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސެޕްޓެމްބަރު 22، 2016 ގަ އެވެ. ހައުސިން މިނިސްޓްރީ އާއި ސްޓްރާޑާއާ ދެމެދު އެއްބަސްވުން ގާއިމްކޮށްފައި ވަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ނަމަވެސް ފަހުން އެ މުއްދަތު އަށް އަހަރަށް އިތުރުކޮށްފައި ވަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަނީ ސްޓްރާޑާއާ އެކު ވި އެއްބަސްވުން ބާތިލްކޮށްފަ އެވެ.

އޭސީސީން ނެރުނު ތަހުގީގު ރިޕޯޓުގައި ބުނީ ސްޓްރާޑާ އިން ހުށަހެޅި ޕްރޮޕޯސަލްގައި ހިމެނޭ ބައެއް ކަންކަން ފުރިހަމަކޮށްފައި ނުވާ ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދައްކަމުން ނުދާ ނަމަ އެއްބަސްވުން ބާތިލްކުރުމުގެ އިހްތިޔާރު އޮއްވައި އެކަމާ ގުޅޭ ގޮތުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ސްޓްރާޑާ އިން އެންމެ ފުރަތަމަ ހުށަހެޅި ޕްރޮޕޯސަލްގައިވާ ގޮތުން ބްރިޖު ބަލަން ޕްލެޓްފޯމަކާ އެކު ފުޑްއައުޓްލެޓްތައް ތަރައްގީ ކުރުމާއި ޕާކިން ޒޯނެއް ހެދުމަށް ހިމެނެ އެވެ. އަދި އިސްތިހާރު ކުރުމަށް ލެޑްވޯލްތަކެއް ހަރުކުރުން ސްޓްރާޑާގެ ޕްރޮޕޯސަލްގައި ހިމެނި އެވެ.

ސިނަމާލެ ބްރިޖު ބަލަން ހެދި ޕްލެޓްފޯމް. ސިނަމާލެ ބްރިޖު އެޅި ފަހުން ވެސް މީހުން އެ ތަން ބޭނުން ކުރޭ. --- ފޮޓޯ: މިހާރު

މި ޕްރޮޕޯސަލްގައި "ޗާޓައިމް" ގެ ގޮތުގައި ތަނެއް އިމާރާތް ކުރަން ޕްރޮޕޯސަލްގައި ނެތެވެ. އެކަމަކު، ސްޓްރާޑާ އިން ހައުސިން މިނިސްޓްރީ އަށް ސިޓީ ފޮނުވައިގެން ބިމުގެ އެންމެ އުތުރު ފަރާތުގައިވާ ޕާކިން ޒޯނު ހުޅަނގަށް ޖައްސައި އެ ސަރަޙައްދު ފިނިބުއިން ވިއްކާ ތަނެއްގެ ގޮތުގައި ބޭނުންކުރުމުގެ ހުއްދަ ދީފައިވާ ކަމަށް ވެސް އޭސީސީގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ސްޓްރާޑާ އަށް ދިން ގާތްގަނޑަކަށް 10،000 އަކަފޫޓުގެ ބިން ތަރައްގީ ކުރަން އިތުރު ކަންތައްތަކެއް އެ ކުންފުނިން ހުށަހެޅި ކަމަށް އޭސީސީން ބުންޏެވެ. އެގޮތުން ޒަމާނީ ފުޓްބޯޅަ ދަނޑެއް އެޅުމާއި ފެންވަރު ރަނގަޅު ސިނަމާއެއް ހެދުމާއި ގަސް އިންދުމާއި ކުޑަކުދިން ކުޅޭ އިންޑޯ ޕްލޭ އޭރިއާއެއް ތަރައްގީ ކުރުމަށް އެ ކުންފުނިން ހުށަހެޅި ކަމަށް އޭސީސީގެ ރިޕޯޓުގައިވެ އެވެ. އަދި ސަރުކާރުން ބޭނުންވާ ހިދުމަތެއް ދިނުމަށް ސީއެސްއާރުގެ ގޮތުގައި ދެ މިލިއަން ރުފިޔާ ދިނުމަށް ސްޓްރާޑާ އިން ހުށަހެޅި ކަމަށް ރިޕޯޓުގައިވެ އެވެ.

އޭސީސީން ބުނި ގޮތުގައި އެ ސަރަހައްދު ތަރައްގީ ކުރުމަކީ ވަގުތީ ގޮތުން ކުރާ ކަމެއް ކަން ލިޔުންތަކުން އެނގޭ އިރު، އެއްބަސްވުމަށް ގެނައި ބަދަލުތަކުގެ ސަބަބުން އެއްބަސްވުމުގެ މައިގަނޑު މަގްސަދު ވަނީ ގެއްލިފަ އެވެ. އަދި އެއްބަސްވުމަށް ގެނައި ބަދަލުތަކުގައި ސޮއި ކުރި އިރު، ބައެއް ކަންތައްތައް ފުރިހަމަކޮށްފައި ނުވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެ އެވެ.

އޭސީސީން ބުނީ އެއްބަސްވުމުގައި ސޮއި ކުރި ފަހުން ސްޓްރާޑާ އިން ބިމު ކުލި ދައްކާފައި ވަނީ އޮކްޓޯބަރު 2017 އާ ހަމައަށެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 1.4 މިލިއަން ރުފިޔާ ނުދައްކާ އޮތް އިރު، ސީއެސްއާރުގެ ގޮތުގައި ނެގި ދެ މިލިއަން ރުފިޔާ ވެސް ސްޓްރާޑާ އިން ދައްކާފައި ނުވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ރިޕޯޓުގައި ވަނީ ޗާޓައިމް އިމާރާތް ނަގަން ޖެހުމާ ގުޅިގެން ސްޓްރާޑާ އަށް އެކަމުގެ ދޭންޖެހޭ ބަދަލު ހޯދަން ޝަރުއީ ކޯޓެއް މެދުވެރިވެގެން ނޫން ގޮތަކަށް ކުރިއަށް ގެންދިއުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ޗާޓައިމް އިމާރާތުގެ ބަދަލުގެ ގޮތުގައި ދޭން ނިންމާފައިވާ 14.5 މިލިއަން ރުފިޔާއަކީ ބަދަލުގެ ގޮތުގައި ދޭންޖެހޭނެ ފައިސާއެއް ނޫން ކަމަށް އޭސީސީން ބުންޏެވެ.

ސްޓްރާޑާ ކުންފުނިން ހިންގާ ނިއު ޕޯޓް ވިއު ރެސްޓޯރެންޓް ހުސްކުރުމަށާއި އެ ބިމުގެ ކުލީގެ ގޮތުގައި އެ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޯދަން މި ސަރުކާރުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

އޭރު ސްޓްރާޑާގެ މެނޭޖިން ޑިރެކްޓަރަކީ ވެރިކަން ކުރި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ފަހުން ޕީއެންސީގެ ވެސް ކައުންސިލްގައި ހިމެނުނު ޒާހިދު ރަމީޒެވެ. ނަަމަވެސް ސަރުކާރު ބަދަލުވުމާ އެކު ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ދޫކުރައްވައި، އެ ކަން ހަވާލުކުރެއްވީ އަނބިކަނބަލުންނަށް ކަމަށް އެނގިފައިވެ އެވެ. މިހަރު ސްޓްރާޑާގެ ހިއްސާދާރުންގެ ގޮތުގައި ތިއްބެވީ ޒާހިދާއި އޭނާގެ އަނބިކަނބަލުންނެވެ.