މާލޭހިޔާގެ ހުސް ބިމުގައި ޕީޕީއެމްގެ ޖަގަހަ ހަދާ މައްސަލަ އޭސީސީން ބަލަން ފަށައިފި

މާލޭހިޔާ ފްލެޓްތައް ހުރި ސަރަހައްދުގައި އޮންނަ ހުސް ބިމުގައި ޕީޕީއެމްގެ ޖަގަހައެއް ހަދަމުން އަންނަ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.


އޭސީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކުރީގެ ފުރުގާން މިސްކިތް ތަޅާލައި އާ މިސްކިތް ހުޅުވަންދެން ވަގުތީ ގޮތުން ބޭނުންކުރި މިސްކިތް ހުރި ބިމުގައި ޕީޕީއެމްގެ ޖަގަހަ ހަދާ ކަމަށް މީޑިއާތަކުގެ ސަމާލު ކަމަށް އައުމާ ގުޅިގެން އެ މައްސަލަ ބަލަނީ ކޮމިޝަންގެ އަމިއްލަ އިސްނެގުމަކަށް ކަމަށެވެ.

"އަމިއްލަ އިސް ނެގުމަކަށް އެކަން ހިނގާފައި އޮތް ގޮތް ބަލަމުން ދަނިކޮށް އަމިއްލަ ފަރާތަކުން ވެސް އެ މައްސަލަ ވަނީ އޭސީސީ އަށް ހުށަހަޅާފައި،" އޮފިޝަލް ވިދާޅުވި އެވެ.

ޕީޕީއެމް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް (ވ) ވާހަކަ ދައްކަވަނީ. އެ ބިމަކީ މީހެއްގެ އަތުން ކުއްޔަށް ނެގި ތަނެއް ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

އޭސީސީ އަށް އަމިއްލަ މީހަކު ފޮނުވި ސިޓީއެއްގައި ބުނީ ޕީޕީއެމުން ޖަހަގަ ހެދުމުގެ މަސައްކަތް ކުރަމުން ގެންދަނީ ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޑިޕާޓްމަންޓްގެ މުވައްޒަފުންތަކެއްގެ އެހީތެރިކަމާ އެކު ކަމަށެވެ. އެހެންވެ އެ މައްސަލަ ބަލައި ފިޔަވަޅު އަޅައި ދިނުމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މާލޭ ހިޔާގެ ހުސް ބިން ސިޔާސީ ޕާޓީއެއްގެ ޖަގަހަ ހަދަން ދޫކޮށްފައެއް ނުވާނެ އެވެ. އެ ބިން ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން ތިން ފަހަރު އިއުލާންކުރި ކަމަށާއި އެ ބިން ދިނީ އެންމެ ގިނަ އިން މާކްސް ހޯދި ފަރާތަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެކަމަކު އެއީ ކޮން ފަރާތެއް ކަމެއް ހައުސިން މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. އެތަނުގައި ހަދާ ޕީޕީއެމް ޖަގަހައިގެ މަސައްކަތުގައި މިނިސްޓްރީގެ މުވައްޒަފުން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ހައުސިން މިނިސްޓްރީން ދޮގުކުރެ އެވެ.

ޕީޕީއެމުން ބުނެފައި ވަނީ މާލޭހިޔާ ކައިރީގައި ޕީޕީއެމްގެ ޖަގަހައެއް ހަދަނީ މީހެއްގެ އަތުން ބިން ކުއްޔަށް ނަގައިގެން ކަމަށާއި އެ ބިން ހޯދީ ކޮރަޕްޝަނުގެ ތެރެއިން ނޫން ކަމަށެވެ.

ޕީޕީއެމުން އަންނަނީ ވެސްޓް ޕާކް ހުރި ބިމުގައި އެ ޕާޓީގެ ހަތަރު ބުރީގެ އިމާރާތެއް ހަދަމުންނެވެ. އެތަނުގެ މައްސަލާގައި ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށާއި ޕީޕީއެމަށް ފާޑުކިޔަމުންނެވެ.