އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެމްޕޭން ހަރަކާތްތައް އިންތިޒާމްކޮށްގެން ހިންގާނެ ސްޓިއަރިން ކޮމިޓީތަކެއް އެ ދެ ޕާޓީގެ ގުޅިފައިވާ ކޯލިޝަނުން މިއަދު އިންތިހާބުކޮށްފި އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ހީނާ ވަލީދު ވިދާޅުވީ ސްޓިއަރިން ކޮމިޓީތަކެއް އިންތިހާބު ކުރުމަށް ޓަކައި މާލެއާއި ހުޅުމާލެ ހިމެނޭ ގޮތުން 18 ތަނެއްގައި މިއަދު އިންތިހާބު ބާއްވާފައިވާ ކަމަށެވެ. މާލެއާއި އެހެން ރަށްތަކުގައި ވޯޓުލުން މިހާރު ނިމިފައިވާ ކަަމަށާއި ހުޅުމާލޭގައި މިރޭ 11:00 އާ ހަމައަށް ވޯޓްލުން ކުރިއަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްް-ޕީއެންސީގެ ސްޓިއަރިން ކޮމިޓީ އިންތިހާބުގައި ވޯޓްލާން ގޮސް ތިބި ބަޔަކަށް އޮފިޝަލަކު އިރުޝާދު ދެނީ.
ޕީޕީއެމްް-ޕީއެންސީގެ ސްޓިއަރިން ކޮމިޓީ އިންތިހާބުގައި ވޯޓްލާން ގޮސް ތިބި ބަޔަކަށް އޮފިޝަލަކު އިރުޝާދު ދެނީ.

ހީނާ ވިދާޅުވިގޮތުގައި ސްޓިއަރިން ކޮމިޓީތަކަށް 1100 އަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލި އިރު ބައެއް ރަށްތަކުގައި އިންތިހާބު ބާއްވާކަށް ނުޖެހުނެވެ. އެއީ ކޮމިޓީތަކުގައި މެމްބަރުން ތިބެން ޖެހޭ އަދަދަށް ވުރެެ އިތުރަށް ކުރިމަތިލާފައި ނުވާތީ އެވެ.

"18 ކޮމިޓީއެއްގެ އިންތިހާބު އަަޅުގަނޑުމެން މިއަދު މި ބޭއްވީ. އެހެން ދާއިރާތަކުން އޮޓަމެޓިކުން ބޭފުޅުން ހޮވިފައިވާތީ،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން އޮތުމުން މާލެ ސަަރަހައްދުގައި ގިނަ މީހުން އެއްވެގެން ހިންގާ ހަރަކާތްތައް ހިންގޭނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަ ހޯދައިގެން، އެ އިދާރާއިން ދޭ އިރުޝާދާ އެއްގޮތަށެވެ. ޕީޕީއެމް-ޕީއެންސީން މިއަދު އިންތިހާބު ބޭއްވީ ހީނާ ވިދާޅުވިގޮތުގައި އެޗްޕީއޭއިން ހުއްދަ ހޯދައިގެންނެވެ. ވޯޓުލުން ކުރިއަށް ގެންދިޔައީ ގައިދުރުކަން ބެހެއްޓުމާއި އަތް ސެނިޓައިޒްކުރުން ފަދަ ރައްކާތެރިކަމުގެ ފިޔަަވަޅުތަކަށް ސަމާލުކަންދީގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ވަރުގަދަ ކެމްޕޭނެއް ކުރަން އިދިކޮޅު ކޯލިޝަނުން ކޮމިޓީތަކެއް އިންތިހާބުކުރުމަކީ ރަށްރަށުގައި ތިބި އެ ދެ ޕާޓީގެ މެމްބަރުން ދިން ޚިޔާލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ޓްވިޓާގައި ވިދާޅުވީ ސްޓިއަރިން ކޮމިޓީތަކެއް އެކުލަވައިލުމަކީ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރަން އެޅުނު ބޮޑު ފިޔަވަޅެއް ކަމަށެވެ. އެއީ ޑިމޮކްރަސީގެ މިސާލެއް ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން އޮތީ މިދިޔަ އޭޕްރިލްމަހު އެވެ. އެކަމަކު ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އެ އިންތިހާބު ލަސްކޮށް ކައުންސިލްތަކުގެ ދައުރު ވަނީ އަންނަ އަހަރާ ހަަމަައަށް ދަންމާލައިފަ އެވެ.