ޕީޕީއެމުން ހުކުރުދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ގިނަ ބަޔަކާ އެކު ބޭއްވި ހިޓު ޖަލްސާގެ އަސަރު ސަރުކާރަށް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދައިރާގެ މެމްބަރު އާދަމް ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާގައި، ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ އިދިކޮޅުގެ ސައިޒު ދައްކާލި އެއްވުން "ބައެއް މީހުންނަށް ވަރަށް ހިތި" ކަަމަށާއި އަނެއް ބަޔަކަށް "ވަރަށް ފޮނި" ކަމަށެވެ.
"ޖަލްސާގެ ޖަޒުބާތުގައި ހިތި އެއްޗަކަށް ވީ މީހުން މި ޚަބަރު ވެސް ހަމަ ހަބަރަށް ހަދައިގެން އެބަ ގޮތްގޮތަށް އަނބުރާ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ޕީޕިއެމްގެ އަދަދު ގިނަވި ސަބަބުތަކަށް އެމްޑީޕީގެ ސަޕޯޓަރުން ކިޔާ ފާޑުކިޔާތީ ވެސް އޭނާ ރައްދު ދެއްވި އެވެ. ރަށްރަށުންނާއި އަވަށްޓެރި ގައުމުތަކުން މީހުން ގެނައި ކަމަށް ކުރާ ތުހުމަތާ ގުޅުވައި ވިދާޅުވީ "ޖަލްސާގައި ތިބީ މުޅިން ވެސް ބޭރު ގައުމުތަކުގެ މީހުން" ކަމަށް ބުންޏަސް މައްސަލައެއް ނެތް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ދުރުގައި ބަލަން ތިބި ބަޔަކަށް އެ ޖަލްސާގައި ތިބި މީހުންގެ ޖޯޝާއި ފޯރިއެއް ނޭނގޭނެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާފައިވަނީ ނުހައްގުން ކަމަށާއި އެއީ އިންތިޚާބުތަކުގައި އެމަނިކުފާނާ އެކުގައި ވާދަކުރުމުގެ ހިތްވަރު ވާދަވެރިންގެ ނެތުމުން ކަމަށް ވިދާޅުވި އެވެ. ރާއްޖެ ތަރައްގީކޮށް ކުރިއެރުވޭނީ ޔާމީނަށް ކަން ރައްޔިތުން ގަބޫލުކުރާ ކަމަށާއި އެ މަނިކުފާނު ވީ އެންމެ އަވަހަކަށް މިނިވަންކުރަން ސަރުކާރުގައި އެދެމުން އަންނަނީ އެހެންވެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
ސަރުކާރާ މެދު ނަފްތަރު އުފެދޭ ވާހަކަތައް ފަތުރައި، މުޖުތަމައު ބައިބައިކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓުވަން އެމްޑީޕީން ގޮވާލާފައިވާތީ އެކަމާ ބެހޭ ގޮތުން ވެސް އޭނާ ވާހަކަ ދެއްކެވި އެވެ. ޔާމީންގެ ސަރުކާރުގައި އެކަން ހުއްޓުވަން އުޅުމުން، އެމްޑީޕީން އެކަމާ ދެކޮޅަށް ތެދުވެ ފާޑުކިއުން އަމާޒުކުރި ކަމަށާއި އޭރު ވެސް އެކަން ހުއްޓުވަން އުޅުނީ ކިހާ ނުރައްކާތެރި މައްސަލައެއް ކަން ޔާމީނަށް އެނގިވަޑައިގަންނަވާތީ ކަމަށް ވިދާޅުވި އެވެ.
"އަބުރުގެ ގާނޫނަކީ ވެސް އޭގެތެރެއިން އުފަންކުރުވި އެއްޗެއް. ނަމަވެސް އޭރުގައި ރާއްޖޭގައި އުޅުއްވި ބޭފުޅުން ވިދާޅުވީ ކޮން ހޭޓް ސްޕީޗެއްހޭ، އެ ނޯންނާނެއޭ. އެއީ ވުޖޫދުގައިވާ އެއްޗެއް ނޫނޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.