ގާސިމްގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރަނީ

ފުލުހުންގެ ބެލުމުގެ ދަށުން މިހާރު ބަންދުކޮށްފައި ހުރި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރު ކުރަން ހަމަޖައްސައިފި އެވެ.


ސަރުކާރު ވައްޓާލަން އުޅުމާއި ނުފޫޒު ފޯރުވުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ގާސިމްގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން ކޯޓުން ވަނީ އިތުރުކޮށްފަ އެވެ. އެންމެ ފުރަތަމަ 15 ދުވަސް އިތުރު ކުރުމަށް ފަހު ދެވަނަ ފަހަރަށް އިތުރުކުރީ ހަތަރު ދުވަހެވެ. އެންމެ ފުރަތަމަ އިތުރުކުރި 15 ދުވަހުގެ މުއްދަތަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.

ބަންދާ މެދު ގޮތެއް ނިންމަން މިއަދު ހާޒިރުކުރަނީ ކުރިން ދިން ހަތަރު ދުވަހުގެ މުއްދަތު މިއަދަށް ހަމަވާތީ އެވެ.

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ކުރިން ވެސް ގާސިމް ހައްޔަރުކުރި އެވެ. އެކަމަކު އެ ފަހަރު ހައި ކޯޓުން އެންގީ އޭނާ ދޫކޮށްލުމަށެވެ. ސަބަބަކީ ގާސިމް ހައްޔަރު ކުރީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒްގެ ގާނޫނާ ޚިލާފަށް ކޯޓުން ހޯދި އަމުރަކަށް ކަމަށްވާތީ އެވެ. ހަައި ކޯޓުގެ ހުކުމާ އެކު ގާސިމް ދޫކޮށްލުމަށް ފަހު އަލުން އޭނާ ހައްޔަރުކުރީ އިމްތިޔާޒްގެ ގާނޫނާ އެއްގޮތަށް އަމުރު ހޯދައިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ދައުވާ އުފުލައި، އެ ދައުވާގެ ޝަރީއަތް މިހާރު ވަނީ ފަށައިފަ އެވެ. އެ ދައުވާކުރަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ބަޔަކަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ އެވެ.