އުމުރުން 18 އަހަރުގެ އިންޑިއާ ކުއްޖަކު ދުނިޔޭގެ އެންމެ ލުއި ސެޓެލައިޓް އުފައްދައިފި އެވެ.
ރިއްފަތު ޝާރޫކް މި ސެޓެލައިޓް ހަދާފައި ވަނީ ތްރީޑީ ޕްރިންޓްކޮށްގެން ހެދި ހަތަރު ސެންޓިމީޓަރުގެ ކިއުބެއްގަ އެވެ. މި ސެޓެލައިޓްގެ ބަރުދަނުގައި ތިން އައުންސް ވެސް ނުހުރެ އެވެ. އެހެންވެ އައިފޯނަކަށް ވުރެ މީގެ ބަރުދަން ލުޔެވެ.
އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ކުރިއަށް ގެންދިޔަ "ކިއުބްސް އިން ސްޕޭސް" މުބާރާތުގައި ބައިވެރިކުރުމަށް ހެދި މި ސެޓެލައިޓް ނާސާއިން ޖައްވަށް ފޮނުވާނެ އެވެ.
"އަހަރެމެން ހަމަ ސުމަކުން ފަށައިގެން މީގެ މަސައްކަތް ފުރިހަމަކުރީ. މީގައި އާ ވައްތަރެއްގެ އޮން-ބޯޑް ކޮމްޕިއުޓަރެއްގެ އިތުރުން، ސްޕީޑް ބެލުމާއި ސެޓެލައިޓްގެ ދަތުރާ ބެހޭ މައުލޫމާތު އެއްކުރުމަށާއި ދަމާ ބާރު ބެލުމަށް އަށް ސެންސަރެއް ހަރުކޮށްފައި ވާނެ،" އިންޑިއާގެ ބިޒްނަސް ސްޓޭންޑަޑަށް ދިން އިންޓަވިއުއެއްގައި ޝާރޫކް ބުންޏެވެ.
ނާސާގެ މި ޕްރޮގްރާމަށް 57 ގައުމަކުން 86،000 އުފެއްދުމެއް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 80 ހުށަހެޅުމެއް ވަނީ ނާސާއިން ހޮވައިފަ އެވެ. ޝާރޫކްގެ ސެޓެލައިޓް އޭގެ ތެރޭގައި ހިމެނެ އެވެ.
ޝާރޫކްގެ މި ހުށަހެޅުމަށް ނަން ދީފައި ވަނީ އިންޑިއާގެ މިހާރު އަވަހާރަވެފައިވާ ކުރީގެ ރައީސް އަދި ރޮކެޓް ސައިންޓިސްޓް އޭޕީޖޭ އަބްދުލްކަލާމަށް ނިސްބަތްކޮށެވެ. އެ ނަމަކީ "ކަލާމްސެޓް" އެވެ.
މި ސެޓެލައިޓް ނާސާއިން، އަންނަ މަހުގެ 22 ގައި ޖައްވަށް ފޮނުވާނެ އެވެ. ނަމަވެސް ހަތަރު ގަޑިއިރުގެ ދަތުރަކުން ސަބްއޯބިޓަލް ފްލައިޓެއްގައި ފޮނުވާ މި ސެޓެލައިޓް މައިކްރޮ ގްރެވިޓީ މާހައުލެއްގައި އޮޕަރޭޓްކުރާނީ އެންމެ 12 މިނެޓަށެވެ.
ޝާރޫކް ވަނީ އޭނާގެ އުމުރުން 15 އަހަރުގައި، މޫސުން ބެލުމަށް ބޭނުންކުރާ ބެލޫނެއް ވެސް އީޖާދުކޮށްފަ އެވެ.