ކޮޅިގަނޑުގައި މާލޭގެ ބައެއް ތަންތަނަށް ގެއްލުންވެއްޖެ

މިރޭ އައި ކޮޅިގަނޑުގެ ވަރުގަދަ ވަޔާ އެކު މާލޭގެ އެކި ހިސާބުތަކުން ބައެއް ގަސްތަކާއި ބިލްބޯޑުތައް ވެއްޓި، އެކި ވަރުގެ ގެއްލުންތައް ލިބިއްޖެ އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިރާކޮޅު އައި ކޮޅިގަނޑުގައި، މާލޭގެ ބައެއް ސަރަހައްދުތަކުގައި ހަރުކޮށްފައި ހުރި ބިލްބޯޑުތަކާއި ފެންސްތައް ވެސް ވެއްޓިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވި ކަމަށެވެ. އަދި އެ ކޮޅިގަނޑުގައި ބައެއް ގަސްތައް ވެސް ވެއްޓި ގެއްލުން ލިބިފައިވެ އެވެ. ނަމަވެސް އެ ގެއްލުންތަކުގެ ތަފުސީލެއް ކަމާ ބެހޭ ފަރާތްތަކުން ހާމައެއްނުކުރެ އެެވެ.

މިއިން އެއްވެސް ހާދިސާއެއްގައި މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.

އެމްއެންޑީއެފް އިން ބުނީ ވިއްސާރައިގައި އެކި ސަރަހައްދުތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ހެންވޭރު ސޯސަންމަގުގައި ހުރި ގެއެއްމަތީގައި ހުރި އެއްޗެހިތަކެއް ވެއްޓިގެން އެ ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެން ބޮޑުވެ، ހިނގާބިނގާވެ އުޅުމަށާއި ވެހިކަލް ދުއްވުމަށް ވެސް ބައެއް ހިސާބުތަކުގައި ވަނީ ދަތިވެފަ އެވެ.

‎މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނީ ‎ކުރިއަށް އޮތް ތިން ދުވަހު ވެސް މެދުރާއްޖެތެރެ އަށާއި އުތުރަށް ގަދަ ވަޔާ އެކު ބޯކޮށް ވާރޭ ވެހި އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ. މާލޭ ސަރަހައްދަށް ކަނޑު ގަދަވެ، ހުޅުމާލެ އާއި ވިލިމާލޭގެ ފެރީގެ ހިދުމަތް ވެސް މިރޭ މެދުކަނޑާލަން ޖެހުނެވެ. އަދި އަދި ކަނޑު ގަދަވި ވަގުތު ކަނޑުމަތީގެ ބައެއް އުޅަނދުތަކަށް ނުރައްކާތެރި ހާދިސާތައް ދިމާވެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

މެދުރާއްޖެތެރެ އަށާއި އުތުރަށް ގަޑިއަކު 15-25 މޭލު ބާާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭއިރު ރާއްޖޭގެ އެހެން ހިސާބުތަކަށް އާއްމުގޮތެއްގައި ވައިޖެހޭނީ 8 މޭލާއި 18 މޭލާ ދެމެދު ކަމަށް މެޓް އޮފީހުން ބުންޏެެވެ. އަދި ވިލާގަނޑުގައި 35-45 މޭލު ބާރުމިނުގައި ވައި ޖެހޭނެ އެވެ.