ހައްޖާ ގުޅޭ ކަންކަން ކުރިއަށް ގެންދާނީ އޭސީސީގެ ތަހުގީގު ނިމުމުން: މިނިސްޓްރީ

ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދަން ކުންފުނިތަކަށް ހުއްދަ ދޫކުރި ގޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގު ކުރަން ފެށުމުން ހައްޖާ ގުޅޭ ހުރިހާ ކަމެއް ދެން ކުރިއަށް ގެންދާނީ އެ ތަހުގީގު ނިމުމުން ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.


ރާއްޖޭން މި އަހަރު މީހުން ހައްޖަށް ފޮނުވުމަށް ހަ ކުންފުންޏަކަށް ވަނީ ފުުރުސަތު ދީފަ އެވެ. އެކަމަކު އެ ހުއްދަ އަށް އެދި ޕްރޮޕޯޒަލް ހުށަހެޅި ކުންފުނިތަކުގެ ޕްރޮޕޯޒަލް އިވެލުއޭޓްކޮށް، ޕޮއިންޓް ދީފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ އޭސީސީއަށް ވަނީ މައްސަލަ ހުށަހަޅާފަ އެވެ. އެހެންވެ، އެކަމާ ގުޅޭ މަސައްކަތްތައް މަޑުޖައްސާލައި، ހައްޖު ގުރޫޕުތަކަށް ފައިސާ ނުދެއްކުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އޭސީސީގެ އެ ނިންމުމަށް އިހުތިރާމް ކުރާނެ ކަމަށާއި ކުންފުނިތަކަށް ހުއްދަ ދިނުމާއި ކޯޓާ ދޫކުރުމާ ގުޅޭ ކަންކަން ކުރާނީ އެ ތަހުގީގު ނިމުމުން ކަމަށެވެ.

"އަޅުގަނޑުމެން އަދި ނުނިންމަން ގުރޫޕުތަކަށް ދީފައިވާ ހުއްދަތައް ކެންސަލްކޮށް، އަލުން ޕްރޮޮޕޯސަލްތައް އިވެލުއޭޓް ކުރާކަށް. އެކަމަކު ތަހުގީގު ނިމޭ ގޮތަކުން އެކަން ކުރަން ވެސް ޖެހިދާނެ،" އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ހައްޖަށް މީހުން ގެންދަން މި އަހަރު އިސްލާމިކް މިނިސްޓްރީން ހުއްދަ ދިނީ ހައްޖު ކޯޕަރޭޝަނުގެ އިތުރުން ސިސިލްފަރު ހައްޖު އެންޑް އުމުރާ ގުރޫޕް، ޒައީ ހައްޖު ގުރޫޕް، ދަރުމަ ލިލް ހައްޖި، އަލް ހަރަމައިން އަދި ކިސްވާ ގުރޫޕަށެވެ.

ރާއްޖެއަށް ލިބިފައިވާ 1000 ކޯޓާގެ ތެރެއިން 50 ޕަސެންޓް ނުވަތަ 500 ކޯޓާ ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ. އަނެއް ފަސް ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންނަކަށް ދިނީ 100 ޖާގަ އެވެ. އޭސީސީން ބުނީ ހައްޖަށް ގެންދިއުމުގެ ހުއްދަ ދިނުމާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި، ވަރަށް އަވަހަށް ނިންމާނެ ކަމަށެވެ.