ކަރަންޓުގެ ބިލްގެ މައްސަލާގައި މައުލޫމާތު ސާފުކުރުމަށް އެންވަޔަރުމެންޓް އެންޑް އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހީމް، ސަރުކާރުގެ މަސްއޫލިއްުޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީ އަށް ހާޒިރުވުމުގެ އަމުރެއް ނެރެން މިއަދު ނިންމައިފި އެވެ.
ކޮމިޓީގެ މުގައްރިރު ވިލުފުށި ދާއިރާގެ ޕީޕީއެމްގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ، މިނިސްޓަރު ތޯރިގް އެ ކޮމިޓީ އަށް ވަޑައިގަތުމަށް ތަކުރާރުކޮށް އަންގަވާފައިވާ ކަމަށެވެ.
މިނިސްޓަރު ތޯރިގް ކޮމިޓީ އަށް ވަޑައިނުގަންނަވާ މައްސަލާގައި ކޮމިޓީގެ މެމްބަރުން ނުރުހުން ފާޅުކުރައްވާތީ، ރިޔާޒް ވިދާޅުވީ ތޯރިގް ކޮމިޓީއަށް ވަޑައިގަތުމަށް ދެން އޮންނަ ބައްދަލުވުމެއްގައި، އަމުރެއް ނެރުއްވާނެ ކަމަށެވެ. މިއަދުގެ ބައްދަލުވުމުގައި އެކަމާ މެދު ގޮތެއް ނުނިންމީ، މަޖިލިހުގެ ގަވައިދުގައިވާ ގޮތުގެ މަތިން، ކޮމިޓީތަކަށް މީހުން ހާޒިރު ކުރުމުގެ އަމުރު ނެރުމަށް ފާސްކުރުމަށްޓަކައި ބޭނުންވާ އަދަދަށް މެމްބަރުން ނެތުމުންނެވެ.
ގަވައިދުގެ 132 ވަނަ މާއްދާގެ (ކ)އާ ހަވާލާދީ ރިޔާޒް ވިދާޅުވީ، ކޮމިޓީތަކަށް މީހުން ހާޒިރުކުރުމަށް އަމުރު ނެރުމަށް ފާސްކުރެވޭނީ ހަ މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ. އެކަމަކު ކޮމިޓީގައި މި ބަހުސް ކުރިއިރު ތިއްބެވީ، މުގައްރިރު ރިޔާޒް ފިޔަވައި ފަސް މެމްބަރެކެވެ. މުގައްރިރަށް ވޯޓުގައި ބައިވެރިވެވަޑައެއް ނުގެންނެވޭނެ އެވެ.
ކަރަންޓުގެ އަގު ބޮޑުވުމުގެ މައްސަލަ އިންތިހާ އަށް ބޮޑުވެފައިވާއިރު، ޖަވާބުދާރީވުމަށްޓަކައި ހަކަތައާ ބެހޭ މިނިސްޓަރު ކޮމިޓީ އަށް ވަޑައިނުގަންނަވާތީ، ސަރުކާރު ހިންގާ ޕާޓީގެ ބައެއް މެމްބަރުން ވެސް މިއަދުގެ ކޮމިޓީގައި ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ރިޔާޒް ވިދާޅުވީ ކޮމިޓީގެ ބައްދަލުވުމެއް މާދަމާ ބޭއްވޭތޯ ބައްލަވާނެ ކަމަށެވެ.