އަންނަ ހަފުތާ އިން ފެށިގެން އައްޑޫން ޒަކާތް ބަލައިގަންނަން ފަށާނެ: މިނިސްޓްރީ

އައްޑޫ ސިޓީން ޒަކާތް ބަލައިގަތުމުގެ އިންތިޒާމްތައް އަންނަ ހަފުތާގައި ހަމަޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.


އެ މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހްސަން މިއަދު ވިދާޅުވީ ޒަކާތް ނެގުން ނުފެށި ލަސް ވަނީ ގދ. ތިނަދު އާއި އައްޑޫ ސިޓީގައި ކަމަށެވެ. ތިނަދޫގައި ތިބި އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުން މެދުވެރިކޮށް އަންނަ ހަފުތާގައި އެ ރަށުގައި ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަހްސަން ވިދާޅުވި ގޮތުގައި އައްޑޫގައި ޒަކާތް ނެގުން ކުރިއަށް ގެންދިއުމުގެ ވިސްނުން ހުރީ ހިތަދޫގައި ހުންނަ އިސްލާމިކް މިނިސްޓްރީގެ ޔުނިޓުގެ މުވައްޒަފުންނާއި ވަގުތީ މުވައްޒަފުން ނަގައިގެން ކަމަށެވެ. އެ ގޮތަށް ކުރިއަށް ގެންދަން ކައުންސިލާ އެކު މިނިސްޓްރީން ވާހަކަ ދައްކާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އައްޑޫގައި ހުންނަ މިނިސްޓްރީގެ ޔުނިޓްގެ މުވައްޒަފުންނަށް އެކަނި އެ ރަށުގައި ޒަކާތުގެ ކަންކަން ކުރިއަށް ނުގެންދެވޭނެ. އެއީ އާބާދީގެ ގޮތުން ބޮޑު ރަށަކަށް ވާތީ. އެހެންވެ ޒަކާތް ނެގުމުގެ އިންތިޒާމްތައް މި އަންނަނީ ހަމަޖައްސަމުން،" އަހްސަން ވިދާޅުވި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި އެ ކައުންސިލަށް ޒަކާތް ބަލައިގަނެވެން ނެތީ އިސްލާމިކް މިނިސްޓްރީން ހަމަޖައްސަން ޖެހޭ އިންތިޒާމްތައް ހަމަޖައްސައިނުދީގެންނެވެ.

ކައުންސިލުން ބުނީ ޒަކާތަކީ އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދަން ޖެހޭ ކަމަކަށް ވާ އިރު އެ މިނިސްޓްރީ އަށް އެހީވުމުގެ ގޮތުން މިދިޔަ އަހަރު މިނިސްޓްރީން އެންގި ގޮތަށް ޒަކާތް ބަލައިގަތުމާއި ބެހުމުގެ ކަންކަން ކުރި އަށް ގެންދެވޭތޯ މަސައްކަތް ކުރި ކަމަށެވެ. މިނިސްޓްރީން އެކުލަވައިލި ލިސްޓަށް އެ ފަހަރު ޒަކާތް ބަހަން ފެށުމުން، ޒަކާތުން ބައިބައި ލިބިގަތުމަށް އައި މީހުންގެ ސުވާލުތަކަށް ޖަވާބުދެވޭނެ ގޮތެއް ނެތި މަސްލަހަތު ގެއްލުނު ކަމަށް ކައުންސިލުން ބުންޏެވެ.

އެ މައްސަލާގައި މިނިސްޓްރީއާ ވާހަކަ ދައްކައިގެން ފުލުހުންގެ އެހީއާ އެކު އެކަން ކުރިއަށް ގެންދަން އުޅުމުން ވެސް ވަނީ ނާކާމިޔާބުވެފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.