ގއ. ވިލިނގިލީ ކައުންސިލަށް އަލަށް އިންތިޚާބުވި ކައުންސިލަރެއްގެ މައްސަލައެއް އެ ރަށު ކޯޓުން ދެވަނަ ފަހަރަށް ބަލަނިކޮށް، އެ މައްސަލަ ސުޕްރީމް ކޯޓުން ހުއްޓުވައިފި އެވެ.
އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި ވިލިނގިލީ ކައުންސިލަށް އިންތިޚާބުވެ އިއްޔެ ހުވާކުރި ކައުންސިލަރުންގެ ތެރޭގައި ހިމެނޭ މުސްތަފާ މުހައްމަދާ ދެކޮޅަށް އެ ރަށު ކޯޓުގައި ހިންގަމުން ގެންދިޔައީ ދައުލަތުން ދައުވާކުރާ ޚިޔާނާތުގެ މައްސަލައެކެވެ. އެކަމަކު އެއީ ކޮންކަމަކާ ގުޅިގެން އޭނާއާ ދެކޮޅަށް ކުރި ދައުވާއެއް ކަމެއް ސާފެއް ނުވެ އެވެ.
މިދިޔަ ހުކުރުދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކުން އެ މައްސަލަ ބާތިލްކޮށް، އެ މައްސަލާގައި އަޅާފައިވާ ފިޔަވަޅުތައް ބާތިލްކުރީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިލިނގިލީ ކޯޓުން 2013 ގައި ކަނޑައެޅުމަށް ފަހު، އެ މައްސަލަ އެ ކޯޓުން އަލުން ބަލަމުންދާތީ އެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ މައްސަލަ އަނބުރާ ގެންދަން ދައުލަތުން 2013 ގައި ސިޓީ ފޮނުވުމުން، އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިލިނގިލީ ކޯޓުން އޭރު ކަނޑައަޅާފައިވާ ކަމަށާއި އަދި އެ ނިންމުން މަތީ ކޯޓެއްގައި އިސްތިއުނާފް ކޮށްފައިނުވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ބެލުމުގެ އިހްތިސާސްގެ ދަށު މަރުހަލާގެ އެއްވެސް ކޯޓަކަށް ނޯންނާނެ ކަމަށާއި އެއީ ނިހާއީ ހުކުމަކަށް ވެފައިވާ ހުކުމެއް ކަމަށް އެ އަމުރުގައިވެ އެވެ.
ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ވިލިނގިލީ ރަށު ކައުންސިލްގެ ފަސް ގޮނޑި ވެސް ކާމިޔާބުކުރީ އެމްޑީޕީންނެވެ.