ޔާމީން މަރާލުމުގައި ބައިވެރިވި އެންމެން ހައްޔަރުކޮށްފިން: ފުލުހުން

ބްލޮގާ ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އެންމެން ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.


ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ޔާމީން މަރާލި މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބި އެ މައްސަލަ ޕީޖީ އަށް ފޮނުވަން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. ފުލުހުން ކުރިން ބުނި ގޮތުގައި ޔާމީން މަރާލި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ހަތް މީހެކެވެ.

ނަމަވެސް އެ މީހުންގެ ނަމެއް އަދި އެހެން އެއްވެސް މައުލޫމާތެއް ފުލުހުން މިހާތަނަކަށް ހާމައެއް ނުކުރެ އެވެ.

ބަޔާނުގައި ބުނި ގޮތުގައި މި ރަހުމު ކުޑަ އަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން، މި އަމަލު ހިންގިކަން ކަށަވަރު ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ވަނީ ލިބިފަ އެވެ.

އެހެންވެ، ޔާމީންގެ މަރުގެ މައްސަލައިގެ ތަހުގީގު ކާމިޔާބުކޮށް މިކަމުގައި ހިމެނޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ބުނާ ބުނުން ފުލުހުން ވަނީ ތަކުރާރުކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި ޔާމީންގެ މަރުގެ މައްސަލައިގެ ތަހުގީގު ފުލުހުން ފެށުމާއެކު، ތަހުގީގަށް ތަފާތު ގޮންޖެހުންތައް ދިޔައީ ކުރިމަތިވަމުންނެވެ. އެ ގޮތުން ހާދިސާއާ ގުޅުން ހުރި މައުލޫމާތުތައް ހިއްސާ ކުރުމާއި މައްސަލައިގެ ތަހުގީގަށް ބައެއް ގާނޫނީ ވަކީލުންގެ ފަރާތުން ދިމާވަމުން ދިޔަ ހުރަސްތަކާއި ތަހުގީގުގެ ފޯކަސް ބަދަލު ކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރި ކަމަށް ފުލުހުން ބުންޏެވެ. އަދި ރާއްޖެ އާއި ރާއްޖޭން ބޭރުން ތަފާތު ޕްރެޝަރުތައް ފުލުހުންނަށް ކުރިމަތިވި ކަމަށް ފުލުހުން ބުންޏެވެ.

މިދެންނެވި އުނދަގޫތަކާއި ގޮންޖެހުންތަކާއެކު ވެސް ފުލުހުން މަސައްކަތް ކުރަމުން ގޮސްފައި ވަނީ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ޝާމިލްވާ ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ފުލުހުންގެ މުއައްސަސާގައި ހުރި ހުރިހާ ވަސީލަތްތައް ބޭނުންކޮށްގެން ކުރުމަށެވެ،" ބަޔާނުގައި ބުންޏެވެ.

ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި ތޫނު އެއްޗެހިން އޭނާ އަށް ބޮޑެތި ހަމަލާދީ މަރާލި މިދިޔަ އޭޕްރީލް މަހުގަ އެވެ. ޔާމީނަށް އިންސާފު ހޯދަން އޭނާގެ އާއިލާ އާއި ރަހުމަތްތެރިން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.