ފުލުހުން އުޅެނީ ހަގީގަތް ފޮރުވަން، ތަހުގީގަށް އިތުބާރެއް ނުކުރަން: ޔާމީންގެ ބައްޕަ

ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލާގައި ފުލުހުން ކުރަމުން އަންނަ ތަހުގީގަށް އިތުބާރު ނުކުރެވޭ ކަމަށް އޭނާގެ އާއިލާގެ ފަރާތުން ޔާމީންގެ ބައްޕަ ހުސެއިން ރަޝީދު މިއަދު ބުނެފި އެވެ.


އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ 35 ވަނަ ބައްދަލުވުމާ ދިމާކޮށް ސްވިޓްޒިލެންޑްގެ ޖެނީވާގައި ހުރެގެން އެންޑީޓީވީ އަށް ދިން އިންޓަވިއުއެއްގައި ހުސެއިން ބުނީ އޭނާގެ ދަރިފުޅުގެ މަރުގެ ހަގީގަތް ފޮރުވަން ފުލުހުން ގެންދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

އޭނާ ބުނި ގޮތުގައި ޔާމީންގެ މަރުގެ މައްސަލާގައި ޝައްކުކުރެވޭ ކަންތައްތަކެއް އެބަ ހުއްޓެވެ.

އެގޮތުން ޔާމީން މަރާލާފައި އޮތް ތަން އަވަހަށް ދޮވުމާއި ފުލުހުން ފިޔަވާ އެހެން ބަޔަކަށް ސީން ދައްކާފައި ނުވުން ހިމެނޭ ކަމަށް ބުންޏެވެ. ޔާމީން މަރާލި ތަނުގެ ފޮޓޯ ނަގަން އެއްވެސް މީހަކަށް ފުރުސަތު ނުދިންއިރު، ޔާމީން މަރާލާފައި އޮތް އިމާރާތުގައި ދިރިއުޅޭ އެކަކާ ވެސް ސުވާލުނުކުރާ ކަމަށް އޭނާ ބުންޏެވެ.

ޔާމީނަށް އިންސާފު ހޯދައި ދިނުމަށް ގޮވާލާ ބޭއްވި އެއްވުމެއްގައި މެމްބަރު އީވާ (ވ) ބައިވެރިވެވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އެހެންވެ ހުސެއިން ބުނީ ޔާމީންގެ މަރާ ގުޅޭ ތަހުގީގެއް އދ. އިން ހިންގަން އެހީތެރިވެދޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"އަޅުގަނޑު ޖެނީވާ އަށް އައީ އަޅުގަނޑުގެ ދަރިފުޅަށް އިންސާފު ހޯދައި ދޭން ބައިނަލްއަގުވާމީ ފެންވަރެއްގައި މިކަމުގެ އަޑު އުފުލައި، (ދިވެހި) ސަރުކާރަށް ޕްރެޝަރު ކުރަން،" އޭނާ ބުންޏެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އދ. އަށް މިކަމުގައި އެހީތެރިވެވިދާނެ ކަމަށް."

ޔާމީންގެ ބައްޕަ ވަނީ ސަރުކާރަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެގޮތުން ރާއްޖޭގައި މިހާރު އޮތީ ޑިމޮކްރަޓިކް ވެރިކަމެއް ހިންގާ ސަރުކާރެއް ނޫން ކަމަށާއި ރާއްޖެ ދަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމަށް އޭނާ ބުންޏެވެ.

ޔާމީން މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ އެންމެން ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ކުރިން ބުނި ގޮތުގައި ޔާމީން މަރާލި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ހަތް މީހެކެވެ. ނަމަވެސް އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ރަހުމު ކުޑަ އަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން، މި އަމަލު ހިންގިކަން ކަށަވަރުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށާއި ޔާމީންގެ މަރުގެ މައްސަލައިގެ ތަހުގީގު ކާމިޔާބުކޮށް މިކަމުގައި ހިމެނޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ފުލުހުން ބުނެ އެވެ.

ޔާމީނަށް އިންސާފު ހޯދަން އޭނާގެ އާއިލާ އާއި ރަހުމަތްތެރިން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.