ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރައި، އަނިޔާވެރި ގޮތަކަށް މަރާލި ބްލޮގާ، ޔާމީން ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މިއަދު ހަވީރު ބާއްވަން އުޅުނު ހިނގާލުން ފުލުހުން ހުއްޓުވައިިފި އެވެ.

ޔާމީންގެ އާއިލާ އާއި އެކުވެރިން އިސް ނަގައިގެން މިއަދު ހަވީރު އެ ހިނގާލުން ބާއްވަން އޮތީ އާޓިފިޝަލް ބީޗުން މަޖީދީމަގުން ގޮސް ރަސްފަންނާ ހަމައަށެވެ.

ޔާމީނު މަރާލިތާ މަހެއް ފުރުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި މި ހިނގާލުން ފުލުހުން ހުއްޓުވީ އެކަމަށް ހުއްދަ ނުހޯދާ ކަމަށް ބުނެ އެވެ. އެހެންވެ، ހިނގާލުމުގައި ބައިވެރިވި މީހުން ދެން އަޑުއުފުލީ އާޓިފިޝަލް ބީޗުގައި ތިބެގެންނެވެ.

ޔާމީން ރަޝީދު މަރާލިތާ އެއްމަސް ފުރުން ފާހަގަކުރުމަށް މިއަދު ބޭއްވި އެއްވުމުގައި އޭނާގެ މަންމަ (ވ) އަދި ގެއްލިފައިވާ ނޫސްވެރިޔާ ރިލްވާންގެ މަންމަ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
ޔާމީން ރަޝީދު މަރާލިތާ އެއްމަސް ފުރުން ފާހަގަކުރުމަށް މިއަދު ބޭއްވި އެއްވުމުގައި އޭނާގެ މަންމަ (ވ) އަދި ގެއްލިފައިވާ ނޫސްވެރިޔާ ރިލްވާންގެ މަންމަ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އެއްވި މީހުން ތިބީ ޔާމީންގެ މަރަށް އިންސާފު ހޯދައިދިނުމަށް އެދި އެކި ލިޔުންތައް ލިޔެފައިވާ ބޯޑުތަކާއި ބެނާތައް ހިފައިގެންނެވެ. އަދި ޔާމީނަށް ދެމުން ދިޔަ މަރުގެ އިންޒާރުތަކަށް ފުލުހުން އަޅާނުލައި ތިބީ ކީއްވެތޯ އާއި އެހީ އަށް އެދި ދެން ގުޅަންވީ ކާކަށްތޯ ވެސް ބައެއް ބޯޑުތަކުގައި ލިޔެފައި ވެ އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވޭ ޔާމީނަށްވީ ގޮތް އެއްވެސް މީހަކު ހަނދާން ނެތޭކަށް. މިކަން ހަނދާން ނައްތާލައިފި ނަމަ ތިއިން ކޮންމެ ބޭފުޅަކަށް ވެސް މިކަން ކުރިމަތިވެދާނެ،" ހިނގާލުމުގައި ބައިވެރިވުމަށް، އާޓިފިޝަލް ބީޗަށް ގޮސް ހުރި ޔާމީންގެ އެކުވެރިއަކު ބުންޏެވެ.

ޔާމީނުގެ އާއިލާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ މަރަށް މިއަދު އެއް މަސް ފުރުނުއިރު ވެސް މަރާލި މީހުންގެ މައުލޫމާތެއް މިހާތަނަށް އާއިލާ އަދި އާއްމުންނާ ވެސް ހިއްސާކޮށްފައި ނުވާ ކަމަށެވެ.

ޔާމީން ރަޝީދުގެ މަރަށް އެއްމަސް ފުރުން ފާހަގަކުރުމަށް މިއަދު ބޭއްވި އެއްވުމުގެ ތެރެއިން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
ޔާމީން ރަޝީދުގެ މަރަށް އެއްމަސް ފުރުން ފާހަގަކުރުމަށް މިއަދު ބޭއްވި އެއްވުމުގެ ތެރެއިން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

"އެއްވެސް ބަޔަކު އަޅުގަނޑުމެންގެ ދަރިފުޅަށް އަނިޔާކޮށް މަރާލަން ޖެހޭ އެއްވެސް ސަބަބެއް އަޅުގަނޑުމެންނަށް ނޭނގޭއިރު، މިކަމުގެ މައުލޫމާތު ވެސް ފުލުހުން ހިއްސާކޮށްފައި ނުވުމަކީ ކަންބޮޑުވާ ކަމެކެވެ،" ބަޔާނުގައިވެ އެވެ.

އޭނާގެ މަރާ ގުޅިގެން މިހާތަނަށް ހަތް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ޔާމީން މަރާލި މީހުންނާއި އެކަން ރާވައި ފައިސާ ހަރަދުކުރި ބަޔަކު ވީހާ ވެސް އަވަހަކަށް ހޯދާނެ ކަމަށް އުއްމީދުކުރާ ކަމަށް އާއިލާ އިން ބުނެ އެވެ.

ޔާމީންގެ މަރުގެ ތަހުގީގު ފުލުހުން ކުރަމުން އަންނައިރު، އެ ތަހުގީގުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށާއި އެކަން ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފަ އެވެ. އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ޔާމީނަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.