ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ މަރާލާފައި އޮއްވައި ފެނުނު ޔާމީން ރަޝީދުގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން 29، ގެ މަރުގެ ތަހުގީގަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އޭނާ މަރާލުމުގައި ބައިވެރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ. މައްސަލައިގެ ތަހުގީގަށް ލިބެމުން އަންނަ ކުރިއެރުމާ އެކު، ތަހުގީގު ކާމިޔާބު ކުރެވޭނެ ކަމުގެ ބޮޑު އުއްމީދެއް ވެސް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"މި ތަހުގީގުގައި އެއްކުރެވިފައިިވާ އަދި ލިބިފައިވާ ހެކި އިތުރަށް ތަހުލީލު ކުރުމަށްޓަކައި ބައިނަލްއަގުވާމީ އެހީތެރިކަމަށް އެދި ޔޫރަޕާއި އާސިއާންގެ ގައުމުތަކުގެ ކުރިއަރާފައިވާ ފޮރެންސިކް ލެބޯޓްރީތަކަށް ފޮނުވި އަންނަނީ ތަހުލީލު ކުރަމުންނެވެ،" މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ޔާމީނަށް ބަޔަކު މީހުން ހަމަލަދީ މަރާލި މައްސަލާގައި ފުލުހުން އާންމުކުރި ފުރަތަމަ ބަޔާނުގައި ބުންޏެވެ.
ފުލުހުން ބުނިގޮތުގައި ޔާމީންގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ދަނިކޮށް، އެ މައްސަލައިގެ ފޯކަސް ބަދަލުކޮށް އެހެނިހެން މަގްސަދުތައް ހިމެނޭ ގޮތަށް ތަހުގީގަށް ހުރަސްއެޅޭ ގޮތަށް އެކި ފަރާތްތަކުން މަސައްކަތްތަކެއް ކުރަމުންދެ އެވެ. އޭގެ ނަތީޖާ އަކީ، ގާތިލުން ފިލައިގެން އުޅެން މަގުފަހިވުން ކަމަށް ފުލުހުންގެ މުއައްސަސާ އަށް ގަބޫލުކުރެވޭ ކަމަށް ބުނެ އެފަދަ އަމަލުތައް ހުއްޓާލަން ވެސް ފުލުހުން ވަނީ ގޮވާލައިފަ އެވެ.
ސ. ފޭދޫ އަށް އުފަން ޔާމީނަށް މަރުގެ އިންޒާރުތައް ދިނުމަށް ފަހު، މަރާލާފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅޭ ސްޕެޓިއުލާ ގޭގެ ސިޑި ކައިރީގަ އެވެ. އޭނާގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ދެނެވިއްޖެ ކަމަށް ފުލުހުން އާއްމުކުރިތާ ހަފުތާއެއްހާ ދުވަސް ފަހުން މިދިޔަ ހޯމަދުވަހާއި އިއްޔެ ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެކަމަކު އެއީ ފުލުހުން އާންމުކުރި ސީސީޓީވީ ފުޓޭޖުން ފެންނަ ދެ މީހުން ކަމެއް ނުވަތަ ނޫން ކަމެއް އަދިއެއް ނޭނގެ އެވެ.
ޔާމީން މަރާލުން ކުށްވެރިކޮށް، އޭނާގެ މަރުގެ ތަހުގީގު މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދަން ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވެސް އަންނަނީ ގޮވާލަމުންނެވެ.