ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމުން ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރުންގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެއްޖެ އެވެ.

ރައީސް މައުމޫންގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ޑރ. އަހުމަދު ޝަހީދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ބުނެފައި ވަނީ ޚާރިޖީ ސިޔާސަތު ބިނާކުރަން ޖެހޭނީ ރައްޔިތުންގެ ރައްކާތެރިކަމަށާއި މަންފާޔަށް ކަމަށެވެ. އެނޫން މަސްލަހަތުތަކަށް ބެލުމަކީ ގެއްލުން ލިބޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މައުމޫނާއި ރައީސް ނަޝީދުގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ޑރ. ޝަހީދު އެހެން ޓުވީޓެއްގައި ވިދާޅުވެފައި ވަނީ 1979 ވަނަ އަހަރު މިސްރުން އިޒްރޭލާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރުމުން އަރަބި ގިނަ ގައުމުތަކަކުން މިސްރާ ގުޅުން ކަނޑާލި ކަމަށެވެ. ނަމަވެސް ރާއްޖެ ދެމިއޮތީ މިސްރާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މައުމޫންގެ ސަރުކާރުގެ އެންމެ ފަހުގެ ފޮރިން މިނިސްޓަރު އަދި މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ ގަތަރަކީ ރާއްޖެއާ ވަރަށް ގާތް އެކުވެރި ގައުމެއް ކަމަށާއި ތަރައްގީގެ މަޝްރޫއުތަކަށް ދީލަތި އެހީތަކެއް ވެސް ދީފައިވާ ކަމަށެވެ.

"ސިޔާސީ ގުޅުން ކަނޑާލުމަކީ ގައުމަށް އޮތް ނުރައްކަލެއް. ގެއްލުން ދެނީ ގައުމުގެ މަސްލަހަތަށް،" ޝާހިދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެފައި ވަނީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބިނާވެފައި ވަނީ ސައުދީ އަރަބިއްޔާ ރުއްސުމުގެ މައްޗަށް ކަމަށެވެ.