އެކި ކުލަކުލައިގެ "ފޭކު" ފޭރު މާރުކޭޓުގައި!

ލޯކަލް މާރުކޭޓްގައި ބޭރުގެ އުފެއްދުންތައް ގިނަ އަދަދަކަށް ވިއްކަން ހުރި އިރު އޭގެ ތެރެއިން އާންމުންގެ ސަމާލުކަން އެންމެ ބޮޑަށް ލިބިފައިވާ އެކައްޗަކީ ކުލަ ރީތި ފޭރެވެ. ރަބަރު ކޮތަޅެއްގައި ބަންދުކޮށްފައި ހުންނަ، ގުރާފެހި ކުލަ އާއި ގަދަ ފިޔާތޮށި ކުލައިގެ މި ފޭރުތައް ރީތިކަމުން އެތައް ބަޔަކު އެ ގަނެ އެވެ. އެކަމަކު ސިއްހީ ގޮތުން މިއީ ރައްކާތެރި އެއްޗެއް ނޫން ކަމަށް ބޭރުގެ ބައެއް ގައުމުތަކުން މީގެ އެތައް އަހަރެއް ކުރިން އިންޒާރު ދީފައިވެ އެވެ.


"ހައިބްރިޑް" ފޭރެއް ކަމަށް ބުނެ ވިއްކާ މި ފޭރުގެ ބޭރުގައި އޮންނަނީ، އޭގެ ތޮށިގަނޑު ދުއްވާލުމަށް ފަހު އާޓިފިޝަލް ކުލަ އާއި ހަކުރު ބޭނުންކޮށްގެން ލާފައި އޮންނަ ފަށަލައެކެވެ. އެ ކުލަ ފިލައިގެން ދިޔަ ނުދިނުމަށް ބޭރުން ރަބަރުގަނޑެއް ލާފައި އޮވެ އެވެ. ވިއްކަން މާރުކޭޓަށް ގެނައުމާ ހަމަޔަށް ހުންނަނީ ފިނިކޮށްފައި ބަހައްޓައިފަ އެވެ.

މީގެ ފޭރު މެލޭޝިއާގެ ކެމަރަން ހައިލެންޑްސްގައި 2007 ވަނަ އަހަރު ވިއްކުން ގިނަވެ ޝަކުވާތައް ބޮޑުވުމާ އެކު ކަންސިއުމާ އެސޯސިއޭޝަން އޮފް ޕެނާންގް (ސީއޭޕީ) އިން އިންޒާރު ދީފައިވެ އެވެ. ސީއޭޕީން އޭރު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފޭރުގައި ކުލަ ޖެއްސުމަށް ބޭނުންކުރާ މާއްދާތަކުގެ ސަބަބުން ރުޅި ގަދަވުމާއި ސަމާލުކަން ގެއްލުމާއި އެލާޖިކްވުން ފަދަ ކަންތައްތައް ދިމާވާ ކަމަށް ލެބޯޓަރީ ޓެސްޓްތަކުން ދައްކާ ކަމަށެވެ.

ކުލަ ޖައްސާފައި ހުންނަ ފޭރު ލޯކަލް މާރުކޭޓުގައި (ރަބަރު ކޮތަޅުގައި)

މިއީ ހައިބްރިޑް ފޭރެއް ކަމަށް ބުންޏަސް އެ ވާހަކަ ގަބޫލު ނުކުރުމަށާއި މީގެ ފޭރު ނުގަތުމަށް ސީއޭޕީން އިލްތިމާސްކޮށްފައިވެ އެވެ.

މި މައްސަލަ މެލޭޝިއާގައި ބޮޑުވި ދުވަސްވަރު، ސީއޭޕީގެ ރައީސް އެސް.އެމް. މުހައްމަދު އިދުރީސްއާ ހަވާލާދީ "ދަ ސްޓާ" ގައި ބުނެފައި ވަނީ މީގެ ފޭރު ވިއްކަނީ ކެމަރަން ހައިލެންޑްސްގައި ހައްދާ ހައިބްރިޑް ފޭރެއް ކަމަށް ބުނެ އޮޅުވާލައިގެން ކަމަށެވެ. އެކަމަކު އެއީ އެތަނުގައި ހައްދާ އެއްޗެއް ވެސް ނޫނެވެ.

ކުލަ ޖައްސާފައި ހުންނަ ފޭރު ފަޅާލީމާ ހުންނަ ގޮތް

މީގެ ފޭރު ފަޅާލުމުން އެތެރެއަށް ކުލަ ފޭދިފައި ހުންނަކަން އެނގެ އެވެ. ތެތްކޮށް ގިނަ ދުުވަހު އޮތުމުގެ ސަބަބުން ތަތްމުޑު ވަހެއް ހުންނައިރު ފޭރަކީ ހަމަ އާދައިގެ ފޭރެވެ. އެކަމަކު ގަދަ ފޮނިރަހައެއް ހުރެ އެވެ، ނަމަވެސް އާޓިފިޝަލް ގޮތްތައް ބޭނުންކޮށްފައި ހުންނާތީ މިއީ ގުދުރަތީ ފޮނިރަހަ ކަމެއް ޔަގީނެއް ނޫނެވެ.

މިކަމާ ބެހޭ ގޮތުން ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.