ވޮޝިންޓަން (ޖޫން 6) - ގަތަރު އެކަހެރި ކުރުމަކީ ޓެރަރިޒަމަށް ނުމުން އައުމުގެ ފެށުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ސައުދީ އަރަބިއާގެ އިސްނެގުމުގެ މަތިން ހަތް ގައުމަކުން ވަނީ ގަތަރާ ސިޔާސީ ގުޅުން ކަނޑާލައިފަ އެވެ. ގަތަރުނ ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ އެ ގައުމާ ގުޅުން ކަނޑާލި ގައުމުތަކަކީ ސައުދީގެ އިތުރުން ޔޫއޭއީ، ބަހުރޭން، މިސްރު، ޔަމަން، ލީބިއާ އަދި ދިވެހި ރާއްޖެ އެވެ.
ގަތަރަށް ފިއްތުންތައް ކުރިމަތި ކުރުމުން ޓްރަމްޕް ކުރިން ވަނީ އެކަމުގެ ފައިދާ ނަންގަވައިފަ އެވެ. އެމަނިކުފާން ވިދާޅުވީ ދާދި ފަހުން ސައުދީ އަރަބިއާ އަށް ކުރެއްވި ދަތުރުފުޅުގެ ކާމިޔާބު ފެންނަން ފަށައިފި ކަމަށެވެ.
ޓްރަމްޕް ކުރެއްވި ސިލްސިލާ ޓްވީޓްތަކެއްގައި ވަނީ ގަތަރުން ޓެރަރިޒަމަށް ފައިސާ ޚަރަދު ކުރާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އެމަނިކުފާން ވިދާޅުވީ މެދުއިރުމައްޗަށް ދާދި ފަހުން ކުރެއްވި ދަތުރުގައި ހަރުކަށި ވިސްނުމާއި ޓެރަރިޒަމަށް ފައިސާ ހޭދަ ނުކުރެވޭނެކަން ފާހަގަ ކުރައްވާފައިވާނެ ކަމަށެވެ. އަދި އަރަބި ގައުމުތަކުގެ ވެރިންނާ އެކު ބޭއްވި ސަމިޓުގައި ލީޑަރުން ވަނީ ގަތަރަށް އިނގިލި ދިއްކުރައްވާފައި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕުގެ ޓްވީޓާ ގުޅިގެން ގަތަރުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ޓްރަމްޕް ސައުދީ އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީއާ މެއި 21 ވަނަ ދުވަހު ބައްދަލު ކުރައްވައިފަ އެވެ.
ގަތަރުން ބުނެފައި ވަނީ އެ ގައުމު އެކަހެރި ކުރުމަށް ބޮލުގައި އަޅުވާފައި ވަނީ މުޅިން ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އަނެއްކޮޅުން ޕެންޓަގަނުން ވަނީ މެދުއިރުމަތީގެ އެމެރިކާގެ ވައިގެ މަރުކަޒަށް ދޭ ސަޕޯޓަށް ގަތަރަށް ޝުކުރު އަދާކޮށްފަ އެވެ.