މާބަނޑު ދުވަސްވަރު ހަކުރު މައްޗަށްދިއުމަކީ ވިހާ ދަރިންގެ ގައިގައި ސަރުބީ ޖަހާ މިންވަރު އިތުރުވުމުގެ ފުރުސަތު ބޮޑުވާ ކަމެއް ކަމަށް ފަހުގެ ދިރާސާއަކުން ހާމަވެއްޖެ އެވެ.
ގެސްޓޭޝަނަލް ޑައިބެޓީޒް ނުވަތަ މާބަނޑު ވުމާ ގުޅިގެން ހަކުރު މައްޗަށްދާ މަންމައިން ވިހާއިރު ކުއްޖާގެ ބަރުދަން އިތުރު ނުވިޔަސް ދުވަސްކޮޅެއް ފަހުން އެފަދަ ކުދިންގެ ބަރުދަން މާބޮޑަށް އިތުރުވާން ފަށާކަމަށް ދިރާސާގައި ފާހަގަވެފައިވެ އެވެ. އެގޮތުން، ސިއްހީ މައްސަލައެއް ނެތް މީހުން ވިހާ ދަރިންނަށް ވުރެ މާބަނޑު ދުވަސްވަރު ހަކުރު ހުރި މީހުން ވިހާ ދަރިންގެ ގައިގައި ސަރުބީ ހުންނަ މިންވަރު 15 ޕަސެންޓް އިތުރުވާ ކަމަށް ދިރާސާ ކުރި ފަރާތުން ބުނެފައިވެ އެވެ.
މާބަނޑު ދުވަސްވަރު ހަކުރު ހުންނަ މަންމައިންގެ ދަރިންގެ ހަށިގަނޑަށް ބަދަލުތައް އަންނަން ފަށަނީ އެކުދިން އުފަންވާތާ އެތަކެއް މަސް ފާއިތުވާ ފަހުންނެވެ. މިފަދަ ކުދިންނަށް ދިމާވާ އިތުރު މައްސަލަތައް ވެސް ހުރެ އެވެ. އޭގެ ތެރޭގައި ބޮޑު ވުމަށްފަހު މިފަދަ ކުދިންނަށް ހަކުރުބަލި ފަސޭހައިން ޖެހުމުގެ ފުރުސަތު ބޮޑުވުމުން ހިމެނެ އެވެ.
މިގޮތަށް ދިމާވާން މެދުވެރިވާ އެއް ސަބަބަކީ މައިމީހާގެ ރަހިމުގައި ކުއްޖާ އޮންނައިރު އަންނަ މެޓަބޮލިކް ބަދަލުތަކެވެ. އަނެއް ސަބަބަކީ މާބަނޑު ދުވަސްވަރު ހަކުރު މައްޗަށްދާ މައިމީހާގެ ގާތުން ކިރު ދޭތީ އެވެ.
ގެސްޓޭޝަނަލް ޑައިބެޓީސް ހުންނަ އަންހެނުންގެ ލޭގައި ހަކުރު ހުންނަ މިންވަރު އާއްމުކޮށް އިތުރުވާން ފަށަނީ ބަލިވެ އިންނަތާ ހަތް މަސް ފުރޭ ފަހުންނެވެ. މިގޮތަށް، މާބަނޑު އިތުރު ހަކުރު މައްޗަށް ދަނީ ފަލަބަލީގެ ސަބަބުން ނުވަތަ އާއިލީ ގޮތުން ވާރުތަވާ ކަމެއްގެ ގޮތުގަ އެވެ.
ހަކުރުބަލީގެ މި ވައްތަރަކީ ވިހެއުމަށްފަހު މުޅިން ރަނގަޅުވާ ވައްތަރަކަށް ވިޔަސް، މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ދިއުމަކީ އެ އަންހެނެއްގެ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ހަކުރުބަލި ޖެހުމުގެ ނުރައްކާ ވަރަށް ބޮޑުވެގެންދާ ކަމެކެވެ.