މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިއުމާލު ކުރުމާއި މަސްތުވާތަކެތި ބޭނުންކުރުން އަދި މާ ބޮޑަށް ސްޓްރެސް ވުމުން، ބަނޑުގައި އޮންނަ ކުއްޖާއަށް އެޕިޖެނެޓިކް ބަދަލުތަކެއް އާދެ އެވެ. މި ކަންކަމުގެ ސަބަބުން، ކުއްޖާ އުފަންވާ ވަގުތު ޖީންތައް "އޮން" އަދި "އޯފް" ކުރާ ފިޒިކަލް ސްޓްރަކްޗާ އަށް ބަދަލުތަކެއް އާދެ އެވެ. މިކަމުގެ ސަބަބުން، ކުއްޖާ ވަރަށް ކުޑައިރުއްސުރެ ތަޅާފޮޅުން، ދޮގުހެދުން އަދި ވައްކަން ކުރުން ފަދަ ގޯސް އާދަތައް ހަރުލާ ކަމަށް ދިރާސާއަކަށް ފަހު ސައިންސްވެރިން ވަނީ އިންޒާރު ދީފަ އެވެ.

ލަންޑަންގެ ކިންގްސް ކޮލެޖާއި ޔުނިވަސިޓީ އޮފް ބްރިސްޓޯލްގެ ސައިންސްވެރިން ބުނާ ގޮތުގައި އުފަންވާ ވަގުތު ޖީންތަކަށް އަންނަ އެޕިޖެނެޓިކް ބަދަލުތަކުގެ ސަބަބުން، ކުއްޖާ މަސްތުވާތަކެއްޗަށް ދެވިހިފުމާއި ހަރުކަށި މީހަކަށް ވުމަށް މަގުފަހިވެ އެވެ. އަދި މިއީ ކުދިން ވިޔާނުދާވާ މައިގަނޑު ސަބަަބަކަށް ވެދާނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.

ވިޔާނުދާކޮށް އުޅޭ ކުދިންގެ ތެރެއިން، އިނގިރޭސި ވިލާތުގައި އާއްމުކޮށް ފަރުވާ ދެނީ ތަޅާފޮޅުމާއި ދޮގުހެދުން އަދި ވައްކަން ކުރުން ފަދަ ނުރަނގަޅު އާދަތައް އަށަގެންފައިވާ ކުދިންނަށެވެ.

މި ދިރާސާގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވި ޑރ. އެޑްވަޑް ބާކާ ވިދާޅުވީ ކުޑައިރުއްސުރެ މިޒާޖު ގޯސް ކުދިން ބޮޑެތިވެގެން ވިޔާނުދާ ކަންތައްތައް ކުރުން އޮންނަނީ މާ ގާތުގަ އެވެ. އެގޮތުން އުމުރުން 10 އަހަރު ފުރުމުގެ ކުރިން މާ ހަރުކަށި، ރުޅިގަދަ އަދި ވިޔާނުދާކޮށް އުޅޭ ކުދިން ބޮޑެތި މީހުންގެ ގޮތުގައި ހޭދަކުރާ ހަޔާތުގެ ދުވަސްތައް ބޮޑެތި ކުށްތަކަށް އަރައިގަތުމުގައި ހޭދަ ކުރެ އެވެ.

ކުދިންގެ މިޒާޖު ގޯސްވުމުގައި ޖެނެޓިކް ފެކްޓާގެ ދައުރު ބޮޑެވެ. ޖެނެޓިކް މައްސަލަތައް ހުންނަ ކުދިންނާއި ނުހުންނަ ކުދިންގެ މިޒާޖުގައި 50-80 ޕަސެންޓްގެ ބޮޑު ތަފާތެއް ހުރެ އެވެ.

ޑީއެންއޭ މެެތެލޭޝަން އަށް އަންނަ ބަދަލުތައް ދެނެގަތުމަކީ އުފަންވާ ކުދިން ތަންކޮޅެއް ބޮޑުވާއިރު މިޒާޖަށް އަންނަ ބަދަލުތައް މިހާރަށްވުރެ ރަނގަޅަށް ދެނެގަނެ އެކުދިންނަށް އެހީތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމަށް މުހިއްމު ކަމެއްކަން ސައިންސްވެރިން ފާހަގަ ކޮށްފައިވެ އެވެ. ޑީއެންއޭ މެތެލޭޝަން އަކީ ޖީންތައް "އޮން" އަދި އޯފް" ކުރުމުގެ މަރުހަލާ ރެގިއުލޭޓްކުރާ އެޕިޖެނެޓިކް ޕްރޮސެސްއެކެވެ.

މި ދިރާސާގައި ބޭނުންކުރީ ބްރިސްޓޯލްގެ އެވޯން ލޮންޖިޓިއުޑަނަލް ސްޓަޑީ އޮފް ޕޭރެންޓްސް އެންޑް ޗިލްރަން އަށް އެއްކޮށްފައިވާ މައުލޫމާތު ތަކެކެވެ. އެގޮތުން އުފަންވާއިރު ޑީއެންއޭ މެތެލޭޝަން އަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުއްޖާގެ އުމުރުން ހަތަރު އަހަރާއި 13 އަހަރާ ދެމެދުގައި މިޒާޖަށް އަންނަ ބަދަލުތައް ދެނެގަނެފައިވެ އެވެ. އަދި ކުއްޖާގެ މިޒާޖަށް ބަދަލު އައުމުގައި އެ ކުއްޖާ ދިރިއުޅޭ މާހައުލުން ފޯރުވަފާނެ ނުފޫޒަށް ވެސް ބަލާފައިވެ އެވެ. ސަބަބަކީ މީގެ ކުރިން ކޮށްފައިވާ ދިރާސާތަކުން މި ދެ ކަންތަކުގައި ގުޅުމެއް އޮތްކަން ފާހަގަކޮށްފައި ވާތީ އެވެ.