ދަތުރުތައް ފެށުން ލަސްވަަނީ ތައްޔާރު ނުވެވޭތީ: ފްލައިމީ

ވިލާ އެއާގެ ފްލައިމީގެ ދަތުރުތައް އައްޑު އާއި ފުވައްމުލަކަށް ފެށުން ލަސްވަނީ އެ އެއާލައިނަށް އަދިވެސް ތައްޔާރީތައް ނުވެވޭތީ ކަމަށް މިއަދު ބުނެފި އެވެ.


މި މަހުގެ 15 ގައި އައްޑޫ، ފުވައްމުލަކުގެ ދަތުރުތައް ފެށޭތޯ ބަލަމުން އަންނަ ކަމަށް ވިލާ އެއާ އިން ކުރިން އޮތީ ބުނެފަ އެވެ. ނަމަވެސް އެ އެއާލައިނުން މިއަދު ބުނީ ތައްޔާރީތައް ވެވުނުހާ އަވަހަކަށް، ދަތުރުތައް ފަށާނެ ދުވަސް ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ.

ފްލައިމީގެ ޑިސްޓްރިބިއުޝަން މެނޭޖަރު އާދަމް ފައިނާން ވަހީދު ވިދާޅުވީ މަސައްކަތް ކުރަނީ ވީހާ ވެސް އަވަހަށް ދަތުރުތައް ފެށޭތޯ އެވެ.

"އެހެންވީމާ ހުރިހާ ކަމެއް ހަމަޖެހުނުހާ އަވަހަކަށް ރަސްމީކޮށް އަޅުގަނޑުމެން ދަތުރުތައް ރޭވިފައިވާ ގޮތް އިއުލާން ކުރާނަން. މި ވަގުތު ސީދާ [ދަތުރުތައް ފަށާނެ] ޑޭޓެއް ދަންނަވަން ދަތި،" އޭނާ ވިދާޅުވި އެވެ.

"އެކަހަލަ އެއްވެސް އިންޑިކޭޝަނެއް އައިސްފައެއް ނެތް. އެހެންވީމަ މަސައްކަތް ހަމަ ކުރިއަށް އެބަދޭ ހުއްޓުމެއް ނެތި،"

ފްލައިމީގެ ދަތުރުތައް އައްޑު އާއި ފުވައްމުލަކަށް ކުރުމުގެ ހުއްދަ ސަރުކާރުން ނުދިން ކަމަށް ބުނެ މިހާރު ދައްކާ ވާހަކަތަކާ ގުޅޭ ގޮތުން ފައިނާން ވިދާޅުވީ އެފަދަ އެއްވެސް އިޝާރާތެއް ކަމާބެހޭ އެއްވެސް އިދާރާއަކުން މިހާތަނަށް ދީފައި ނެތް ކަމަށެވެ.

"އެކަހަލަ އެއްވެސް އިންޑިކޭޝަނެއް އައިސްފައެއް ނެތް. އެހެންވީމަ [ދަތުރުތައް ފެށުމުގެ] މަސައްކަތް ހަމަ ކުރިއަށް އެބަދޭ ހުއްޓުމެއް ނެތި،" އޭނާ ވިދާޅުވި އެވެ.

ގާސިމް އިބްރާހީމްގެ ވިލާ އެއާއިން އޮޕަރޭޓް ކުރާ ފްލައިމީގެ ދަތުރުތައް ކުރިން ވެސް އައްޑު އާއި ފުވައްމުލަކަށް ބޭއްވި އެވެ. އެކަމަކު 2013 ގައި ފެށި ދަތުރުތައް ވަނީ 2015 ގައި ހުއްޓާލައިފަ އެވެ.

ފްލައިމީން ދަތުރުތައް ފެށުމުން، ޚިދުމަތުގެ އަގަށް ވަރަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އޭރު އައިކަން ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.