ނައިފަރުގައި މާބަނޑު މީހަކު ކުއްލި ގޮތަކަށް މަރުވެއްޖެ

ޅ. ނައިފަރުގައި މާބަނޑު މީހަކު ކުއްލި ގޮތަކަށް އިއްޔެ މަރުވެއްޖެ އެވެ.


އެ ރަށު، ބާގުބޭދާ، އައިޝަތު އަޒްކާ އަބްދުﷲ 29، މަރުވީ ނޭވާހިއްލުމުގެ މައްސަލައަށް ގޭގައި ފަރުވާ ވެސް ހޯދި ފަހުން އަނެއްކާ ހާލު ގޯސްވެގެން ކަމަށްވެ އެވެ.

ދެވަނަ ދަރިފުޅަށް އަޒުކާ ބަލިވެ އިންތާ އަދި ހަތަރު މަހެވެ.

އަޒްކާގެ ގާތް މީހަކު ބުނީ އޭނާއަކީ އަބަދުވެސް ނޭވާ ހިއްލާ މީހެއް ކަމަށެވެ. އެގޮތުން އިއްޔެ ވެސް ނޭވާ ހާސްވެގެން ފުރަތަމަ އިންހޭލް ބޭނުންކުރި ކަމަށާއި އޭގެ ފަހުން ގޭގައި ނެބުލައިޒް ވެސް ކުރި ކަމަށް އޭނާ ބުންޏެވެ.

އެކަމަކު އޭނާ ބުނި ގޮތުގައި ފަހުން އަނެއްކާ ހާލު ސީރިއަސްވީ ކުއްލިއަކަށެވެ.

"ރޯދަ ވީއްލުމުގެ ކުޑައިރުކޮޅެއް ކުރިން ނޭވާ އަށް އުނދަގޫވެ، ހާސްވެ ކުއްލިއަކަށް ހަބަރު ހުސްވީ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި،" އޭނާ ބުންޏެވެ.

މި މަހު 11 ގައި ށ. މިލަންދޫގައި މާބަނޑު 21 އަހަރުގެ އަންހެނަކު ވެސް ކުއްލިއަކަށް ވަނީ މަރުވެފަ އެވެ. އެރަށު ލިވަޕޫލް ފާތުމަތު ޝަރުމާ މަރުވީ ހާޓް އެޓޭކެއްގައި ކަމަށް ލަފާކޮށްފައިވެ އެވެ.