ސައޫދީގެ އާ ވަލީ އަހްދު ޕްރިންސް މުހައްމަދަށް ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

ސައޫދީ އަރަބިއްޔާގެ އާ ވަލީ އަހްދު އަދި އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދަރިކަލުން މުހައްމަދު ބިން ސަލްމާން އަށް ރައީސް އަބްދުﷲ ޔާމީން މިއަދު ތަހުނިޔާ ފޮނުއްވައިފި އެވެ.


ސައޫދީގެ އާ ވަލީ އަހްދުގެ މަގާމަށް މިއަދު އައްޔަން ކުރެއްވި މުހައްމަދަށް ރައީސް ޔާމީން ފޮނުއްވި ތަހުނިއްޔާގެ މެސެޖުގައި ވިދާޅުވީ، އެމަނިކުފާނުގެ ދައުރުގައި ސައޫދީ އާއި އެ ގައުމުގެ ރައްޔިތުންނަށް އިތުރު ފާގަތިކަމާއި ތަރައްގީ ލިބޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

"މިގޮތުން، ދުނިޔޭގެ ވިޔަފާރީގެ ގަދަބާރެއްގެ ގޮތުގަ އާއި، އިސްލާމީ އުއްމަތް އެއްބައިވަންތަކޮށް ހަރުދަނާ ކުރުމުގަ އާއި، ސަރަހައްދީ ގޮތުންނާއި ދުނިޔޭގެ ސުލްހަ ޤާއިމް ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ފަރާތެއްގެ ގޮތުގައި ސަޢޫދީ ޢަރަބިއްޔާ ފާހަގަ ކުރައްވާފައިވެ އެވެ،" ރައީސް އޮފީހުން ބުންޏެވެ.

ސައޫދީގެ ރަސްގެފާނު ސަލްމާނާއި، އެ ގައުމުގެ ވަލީ އަހްދުގެ މަގާމަށް މިއަދު އައްޔަން ކުރެއްވި މުހައްމަދު ބިން ސަލްމާން (ވ).

ރައީސް ޔާމީން ވަނީ ރާއްޖެ އަށް ސައޫދީން ދެމުން ގެންދާ އެހީތެރިކަމަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވެސް ޝުކުރު އަދާކުރައްވާފައި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ހަރުދަނާވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް ޔާމީން، ޕްރިންސް މުހައްމަދަށް ފޮނުއްވި މެސެޖުގައި ވިދާޅުވި އެވެ.

ސައޫދީގެ އާ ވަލީ އަހްދު އަދި އެ ގައުމުގެ ރަސްކަމުގައި މިހާރު އެންމެ ނުފޫޒު ގަދަ އެއް ޝަހުސިއްޔަތުގެ ގޮތުގައި ފާހަގަކުރެވޭ މުހައްމަދަކީ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ވެސް ވަރަށް ގާތް ބޭފުޅެއް ކަމަށް ވެ އެވެ. ފ. އަތޮޅަށް ސައޫދީގެ ބިޔަ އިންވެސްޓްމަންޓް ގެނައުމުގެ މަސައްކަތުގައި ވެސް އެންމެ އިސްކޮށް ހުންނެވީ އާ ވަލީ އަހްދު މުހައްމަދު ކަމަށް އަޑުފެތުރިފައިވެ އެވެ.

މުހައްމަދު، ސައޫދީގެ ވަލީ އަހްދުގެ މަގާމަށް މުހައްމަދު މި އައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ބިން ނާޔިފް ބިން އަބްދުލްއަޒީޒް ވަކި ކުރެއްވުމަށް ފަހު އެވެ. މިހާތަނަށް މުހައްމަދު ހުންނެވީ ވަލީ އަހްދުގެ ނައިބުގެ މަގާމުގަ އެވެ.

ވަލީ އަހްދު މުހައްމަދަކީ ރަސްގެފާނު ސަލްމާންގެ ހަ ވަނަ ދަރިކަލުންނެވެ.