ސަލީމްގެ ބަހުރުވަ އަނެއްކާވެސް ތަފާތު ވެއްޖެ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުގައި ބެހެއްޓުމާ މެދު ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މަޖިލިސް މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވެފައި ވަނިކޮށް، އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑް ވޭވް ސަލީމް) އެ ބަހުސް ތެރޭގައި ތަފާތު ގޮތަކަށް ވާހަކަ ދައްކަވައިފި އެވެ.


ސަރުކާރަށް ފާޅުގައި މީގެ ކުރިން ވެސް ފާޑުވިދާޅުވެފައިވާ ސަލީމްގެ ބަހުރުވަ ތަފާތުވެފައި މިވަނީ، މަސީހު ވަކިކުރަން އިދިކޮޅު ފަރާތްތަކުން ތިން ވަނަ ފަހަރަށް މަސައްކަތް ފަށާފައި ވަނިކޮށެވެ. މަޖިލިސް ހުޅުވުމާ އެކު އެ މައްސަލަ ހުށަހަޅަން ނިންމާފައި އޮތްއިރު، މަސީހު މަގާމުގައި ބެހެއްޓުމާ މެދު ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުންގެ މެދުގައި ވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ.

މަސީހުގެ ވޯޓާ މެދު މެމްބަރުންގެ ވިސްނުން ހުރި ގޮތް، ރައީސް ޔާމީން ވެސް ހިމެނިވަޑައިގަންނަވާ ވައިބާ ގްރޫޕްގައި ގެންދަވަނީ ފާޅުކުރައްވަމުންނެވެ.

މީގެތެރެއިން، މެމްބަރު ސަލީމްގެ ވާހަކަ ދެއްކެވުމުގެ ރާގު ހުރި ގޮތުން މަސީހާ އެއްކޮޅަށް އޭނާ ވޯޓު ދެއްވާނެތޯ ވަނީ ސުވާލު އުފެދިފަ އެވެ. ވޯޓު ނުދެއްވާނެ ކަމަށް ސީދާ ވިދާޅު ނުވި ނަމަވެސް އޭނާގެ ހިތްހަމަނުޖެހުންތަކާއި ދެކެވަޑައިގަންނަވާ ގޮތްތައް ވަނީ ތިލަކުރައްވައިފަ އެވެ.

މަޖިލީހުގެ ބައެއް ވޯޓުތަކުގައި ސަލީމް ވަނީ ޕީޕީއެމްގެ ވިޕްލައިނާ ޚިލާފަށް ކުރިން ވެސް ވޯޓު ދެއްވައިފަ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައާ އޭނައާ ގުޅުމެއް ނެތް ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓަށް ކުރީގެ ނައިބު ރައީސް އަހްމަދުު އަދީބު ފޮނުއްވި ސިޓީއާ ގުޅޭގޮތުން ވައިބަ ގްރޫޕްގައި މެމްބަރުން އެކި ގޮތްގޮތަށް ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް، ސަލީމް ވިދާޅުވީ "އިސްލާމްދީނުގައި އެންމެ ވަރުގަދަ ހެއްކަކީ އަމިއްލަ އިއުތިރާފް" ކަމަށެވެ.

އޭނާ މިހެން ވިދާޅުވީ، 11 އަހަރުގެ ހުކުމެއް ނާޒިމަށް އިއްވާފައި ވަނިކޮށް، އޭނާ މިނިވަންކުރަން ގޮވާލެއްވީ ގާނޫނީ ކޮން އުސޫލަކުންތޯ ވިދާޅުވެދެއްވުން އެދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދަށް މެމްބަރަކު ސުވާލު ކުރެއްވުމުންނެވެ.

ސަލީމު ދެއްވި ޖަވާބުން ދޭހަވަނީ، ނާޒިމް ފްރޭމްކުރުމުގައި އަދީބު ބައިވެރިވެވަޑައިގެންނެވި ކަމަށް ތުހުމަތު ކުރަމުން ދަނިކޮށް، ފިސްތޯލައާ ނާޒިމާ ގުޅުމެއް ނެތް ކަމަށް އަދީބު ވިދާޅުވުމުން ނާޒިމަކީ ކުށެއް ނެތް މީހެއްގެ ގޮތުގައި ކަނޑައަޅަން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވާ ކަމެވެ.

އަދީބަށް ނިސްބަތްކުރައްވައި ނިލަންދޫ ދާއިރާގެ މެމްބަރު ޚަލީލް އެދިވަޑައިގަތީ، ވަނީ "ފާސިގު ހެކިވެރިއަކު" ލިއުނު ސިޓީއަކަށް އަދީބު ދޫކޮށްލާނީ ކިހިނެއްތޯ މެމްބަރު ލަތީފް ވިދާޅު ދެއްވުމަށެވެ. އެ މެސެޖަށް ވެސް ނުސީދާކޮށް ޖަވާބު ދެއްވަމުން ސަލީމް ވަނީ ދީނުގައި ކަންކަން އޮންނަ ގޮތް މެމްބަރުންނަށް އޮޅުންފިލުވައިދެއްވައިފަ އެވެ.

"ކިތަންމެ ބޮޑު ފާސިގަކަށް ވިއަސް ކަންކަމަށް އަމިއްލަ އަށް އިއުތިރާފްވެ މާފަށް އެދި ﷲ އަށް ތައުބާވުމުން އެއީ އެންމެ ހިތްވަރު ގަދަ މީހާ. 99 މީހުން މެރިި މީހާ ވެސް ސުވަރުގެ ދިޔަ މި ވާހަކަ އިސްލާމީ ތާރީހުން ބައްލަވާލައްވާ. ﷲ އެއީީ ހުރިހާ ފާފައެއް ފުއްސަވާ ރަސްކަލާނގެ. އަޅުގަނޑުމެންނަށް އޮތީ ބޮޑާނުވެ ގިނަގިނަ އިން ދެންނެވުން،" ސަލީމް ވިދާޅުވި އެވެ.

ނާޒިމް ދޫކޮށްލަން ނުޖެހޭ ކަމަށް ޕީޕީއެމް ބައެއް މެމްބަރުން ވިދާޅުވި ވާހަކަފުޅާ ހިޔާލުތަފާތުކޮށް ސަލީމް ވާހަކަ ދައްކަވާފައިވާއިރު، މަޖިލިސް މެދުވެރިކޮށް ސަރުކާރުން ނިންމާ ނިންމުންތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަޅި އަށް ސަލީމް އަރާވަޑައިގެންނެވި އެވެ. އެފަހަރު ވަރަށް ފާޅުގައި ސަރުކާރަށް ފާޑުވިދާޅުވެ، ބައެއް ނިންމުންތަކާ މެދު ކޯފާއިސްކުރައްވައި ރައްދު ވެސް ދެއްވި އެވެ. އަދި މަޖިލީހުގައި ނެގި ވޯޓުތަކުގައި ސަރުކާރުން ބުނި ގޮތަށް ވޯޓު ދެއްވުނީތީ ރައްޔިތުންގެ ކިބައިން މާފަށް ވެސް އެދިވަޑައިގެންނެވި އެވެ.

އެ މައްސަލާގައި ސަރުކާރުން އޭނާގެ ވިޔަފާރި އަށް ފިއްތުންތައް ކުރިމަތިކުރަން ފެށުމުން، "އަޅުގަނޑު މިހިރީ ރައީސް ޔާމީނާއެކު" ކަމަށް ހަމައެކަނި ވިދާޅުވެ އެމަނިކުފާނު ފަޅިއަށް އެރުއްވީ އެވެ. އެ ނިންމެވުމާ ގުޅޭގޮތުން މާ ގިނަ ވާހަކަތަކެއް އޭނާ ނުދައްކަވަ އެވެ

މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު މިފަހަރު ހުށަހަޅާނީ މަޖިލީހުގެ ގަވާއިދަށް ޕީޕީއެމުން ގެނައި އިސްލާހާ އެކު 42 މެމްބަރުންގެ ސޮއި ހަމަކޮށްގެން ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެ އަދަދު ހަމަނުވާނެ ކަމަށް ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން ބުނަމުންދާއިރު، މަސީހާ މެދު ހުރި ހިތްހަމަނުޖެހުންތައް ކޯލިޝަނުގެ ބައެއް މެމްބަރުން ގެންދަވަނީ ފާޅުކުރައްވަމުންނެވެ.