ކަރާކަސް (ޖުލައި 5) - ވެނެޒުއެލާގެ އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލް އޮންނަ ޕާލަމެންޓަަށް އެ ގައުމުގެ ސަރުކާރަށް ތާއީދުކުރާ ބަޔަކު ވަދެ ހަމަނުޖެހުން ހިންގާ މެންބަރުންނަށް އަނިޔާކޮށްފި އެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުގައި ޕާލަމެންޓަށް ބަޔަކު ވަދެގަތީ އެ ގައުމުގެ މިނިވަން ދުވަސް ފާހަގަ ކުރަން ޚާއްސަ ޖަލްސާއެއް ކުރިއަށް ގެންދަނިކޮށެވެ. އިދިކޮޅު ދެ މެންބަރެއްގެ މޫނުން ލޭ އަންނަ މަންޒަރު ފޮޓޯތަކުން ފެނެ އެވެ. ވެނެޒުއެލާގެ އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ ބައެއް ނޫސްތަކުން ބުނި ގޮތުގައި ޕާލަމެންޓުގެ ތެރޭގައި ދިން ހަމަލާތަކުގެ ސަބަބުން ވަރަށް ގިނަ މެންބަރުންނަށް އަނިޔާވި އެވެ. އަނިޔާވި މެންބަރުންނަށް ފަރުވާ ދިނުމަށް ވަނީ ހޮސްޕިޓަލަށް ގެންދަން ޖެހިފަ އެވެ.
ޕާލަމެންޓަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގި އިރު ރައީސް ނިކޮލަސް މަދޫރޯ ގެންދެވީ ވެރިރަށުގެ އެހެން ސަރަހައްދެއްގައި ސަރުކާރުން ބޭއްވި މިނިވަން ދުވަހުގެ ހަރަކާތެއްގައި ތަގްރީރު ދެއްވަމުންނެވެ.
ޕާލަމެންޓަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގުމުގެ ކުރިން މަދޫރޯގެ ނައިބް ޓަރެކް އެލް އައިސަމީ ވަނީ ސިފައިންގެ ވެރިޔާ އާއި މިނިސްޓަރުންނާ އެކު ޕާލަމެންޓަށް ވަޑައިގެން ތަގްރީރެއް ދެއްވައިފަ އެވެ. އޭނާ ވަނީ ސަރުކާރުގެ ސަޕޯޓަރުން ޕާލަމެންޓަށް އައިސް ތާއީދު އޮތްކަން ދެއްކުމަށް ގޮވާލައްވައިފަ އެވެ.
ވެނެޒުއެލާގައި ޑިސެމްބަރު 2015 ގައި ބޭއްވި އިންތިޚާބަށް ފަހު ޕާލަމެންޓުގެ ކޮންޓްރޯލް އޮންނަނީ އިދިކޮޅު ފަރާތްތަކުގަ އެވެ.
ވޭތުވެދިޔަ ތިން މަހެއްހާ ދުވަހު ތެރޭ ވެނެޒުއެލާ ސަރުކާރާ ދެކޮޅަށް ވަރުގަދަ އަށް ދަނީ މުޒާހަރާ ކުރަމުންނެވެ. މި ހަމަނުޖެހުންތަކުގައި މިހާތަނަށް ވަނީ 90 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.