ކަރާކަސް (ޖުލައި 19) - ވެނެޒުއެލާގައި ޚިޔާލު ތަފާތުވުން ބޮޑުވެފައިވާ އިންތިޚާބު ބާއްވައިފި ނަމަ އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ނަމަވެސް ޖުލައި 30 ވަނަ ދުވަހު އެސެމްބްލީ އިންތިޚާބު ބާއްވާނެ ކަމަށް ވެނެޒުއެލާ ސަރުކާރުން ބުނެފި އެވެ.
ފޮރިން މިނިސްޓަރު ސެމިއުލް މޮންކާޑާ ވިދާޅުވީ ވެނެޒުއެލާގައި އިންތިޚާބު ބޭއްވުމަށް ހުރަސް އެޅޭނެ މީހަކު ނުހުންނާނެ ކަމަށެވެ.
ވެނެޒުއެލާގައި އާ އެސެމްބްލީ އިންތިޚާބެއް ބާއްވައިގެން ރައީސް ނިކޮލަސް މަދޫރޯ ބޭނުން ވަނީ ގާނޫނު އަސާސީ އަލުން ލިޔެ އަދި ޕާލަމެންޓުގައި މިހާރު އޮތް އިދިކޮޅު ފަރާތްތަކުގެ ބާރު ކަނޑުވާލުމެވެ. ވެނެޒުއެލާގައި ބާއްވަން އުޅޭ އިންތިޚާބާ ދެކޮޅު ހެދުމުގެ ގޮތުން އާދިއްތަ ދުވަހު ވަނީ އެތައް މިލިއަން ބަޔަކު ނުރަސްމީކޮށް ވޯޓު ދީފަ އެވެ. ރައްޔިތުންގެ ފިކުރާ ދެކޮޅަށް މަސައްކަތް ކުރައްވާތީ ރައީސް ޓްރަމްޕް، މަދޫރޯ ސިފަ ކުރައްވާފައި ވަނީ ހުދުމުހުތާރު ވެރިއަކަށް ވާން މަސައްކަތް ކުރާ ގޯސް ލީޑަރެއްގެ ގޮތުގަ އެވެ.
އެމެރިކާ އިން ނިންމާފައި ވަނީ ވެނެޒުއެލާގެ ވަކިވަކި ފަރުދުންނަށް ފިޔަވަޅު އެޅުމަށެވެ. މިގޮތުން ޑިފެންސް މިނިސްޓަރު ލަޑިމިއާ ޕަޓްރިނޯ ލޮޕޭޒާއި ސޯޝަލިސްޓް ޕާޓީގެ ދެ ވަނަ އަށް އެންމެ ވަރުގަދަ ލީޑަރު ޑިއޮސްޑާޑޯ ކަބެލޯ އަށް ފިޔަވަޅު އެޅުން ހިމެނެ އެވެ. މީގެ އިތުރުން ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން ވެސް ހިމެނެ އެވެ. އެމެރިކާ އަށް ތިން ވަނަ އަށް އެންމެ ގިނައިން ތެޔޮ އެކްސްޕޯޓް ކުރާ ގައުމަކީ ވެނެޒުއެލާ އެވެ. ވެނެޒުއެލާގެ އިދިކޮޅު ފަރާތްތަކުން ވަނީ މަދޫރޯއާ ދެކޮޅަށް 24 ގަޑިއިރުގެ މުޒާހަރާއެއް ކުރުމަށް ގޮވާލައިފަ އެވެ.