ކަރާކަސް (އޮކްޓޯބަރު 26) - އިދިކޮޅު މެންބަރުންގެ އަޣުލަބިއްޔަތު އޮތް ޕާލަމެންޓުން މަސައްކަތް ކުރަމުން ދަނީ "ބަރުލަމާނީ ބަޣާވާތެއް" ކުރަން ކަމަށް ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވެއްޖެ އެވެ.

ރައީސް މަދޫރޯ މިހެން ވިދާޅުވެފައި ވަނީ އެމަނިކުފާނު ގާނޫނު އަސާސީއާ ޚިލާފު ވެއްޖެ ކަމަށް ބުނެ ޕާލަމެންޓުން ވޯޓެއް ނެގުމާ ގުޅިގެންނެވެ. ޕާލަމެންޓުން މި ވޯޓު ނަގާފައި މި ވަނީ ރައީސް މަދޫރޯ މަގާމުން ވަކި ކުރުމަށް މިދިޔަ ހަފުތާގައި ނަގަން އުޅުނު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ސަރުކާރު ހުއްޓުވާފައިވާތީ އެވެ. ސަރުކާރުން ބުނެފައި ވަނީ އެ ވޯޓަކީ މާނައެއް ހުރި އެއްޗެއް ނޫން ކަމަށާއި ޕާލަމެންޓުގެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް ކޯޓުން ނިންމާފައިވާތީ ޕާލަމެންޓް ނިންމުތައް ވެސް ސައްހަ ނުވާނެ ކަމަށެވެ.

ވެނެޒުއެލާގެ ސްޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ވަނީ ވޯޓު ވިއްކި ކަމަށް ތުހުމަތު ކުރެވޭ ތިން މެންބަރަކު މަގާމުން ވަކި ނުކޮށް އެ މީހުން ބައިވެރިކޮށްގެން ޕާލަމެންޓުން ނިންމާ ނިންމުތައް ސައްހަ ނުވާނެ ކަމަށް ނިންމައިފަ އެވެ.

ވެނެޒުއެލާގެ ޕާލަމެންޓުން ވަނީ ރައީސް މަދޫރޯ ހާޒިރު ކުރަން ވެސް ފާސްކޮށްފައި. --ފޮޓޯ:އޭޕީ
ވެނެޒުއެލާގެ ޕާލަމެންޓުން ވަނީ ރައީސް މަދޫރޯ ހާޒިރު ކުރަން ވެސް ފާސްކޮށްފައި. --ފޮޓޯ:އޭޕީ

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ހުއްޓުވާފައި ވަނީ އެ ވޯޓު ނަގަން ތައްޔާރު ކުރި ޕެޓިޝަނުގައި ކޮށްފައިވާ ސޮއިތައް އޮޅުވާލާފައިވާ ކަމަށް ބުނެ އެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ އެ ގައުމުގެ އިލެކްޓޯރަލް ކައުންސިލް އޮތީ ސަރުކާރުގެ ކޮންޓްރޯލުގެ ދަށުގައި ކަމަށެވެ.

ރައީސް މަދޫރޯ ވިދާޅުވީ ގައުމުގައި އުފެދިފައިވާ މައްސަލަތަކާ ގުޅިގެން މަޝްވަރާ ކުރުމަށް ޑިފެންސް ކައުންސިލުގެ ބައްދަލުވުމެއް މިއަދު ބާއްވަވާނެ ކަމަށެވެ. ވެނެޒުއެލާ ސިފައިން ބުނެފައި ވަނީ ގައުމުގެ ސިޔާސީ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. ރައީސް މަދޫރޯ އަދި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބަޣާވާތް ކުރަން އުޅެނީ އެ ގައުމުގެ ތެލުގެ މުއްސަނދި ކަމަށް ދަހިވެތިވެފައިވާ ބޭރުގެ ބައެއް ގައުމުތަކުގެ އެހީ އެކު ކަމަށެވެ.

ޕާލަމެންޓުގައި އިއްޔެ ނެގި ވޯޓުގައި ވަނީ ރައީސް މަދޫރޯ ޕާލަމެންޓަށް ހާޒިރު ކުރަން ވެސް ފާސްކޮށްފަ އެވެ.

"ވެނެޒުއެލާގެ ރައްޔިތުންނާއި ދުނިޔެ އަށް ދައްކަން ބޭނުން ވަނީ މި މައްސަލަތައް އުފެދިފައި މި ވަނީ ރައީސް މަދޫރޯ ގާނޫނު އަސާސީއާ ޚިލާފުވުމުންކަން،" ޕާލަމެންޓުގެ މެޖޯރިޓީ ލީޑަރު ހޫލިއޯ ބޯޖަސް ވިދާޅުވި އެވެ.