ކަރާކަސް (ޖުލައި 31) - ވެނެޒުއެލާގައި ޕާލަމެންޓް އިންތިޚާބު ނުބޭއްވުމަށް އިދިކޮޅު ފަރާތްތަކާއި އެމެރިކާ އިން އިންޒާރު ދެމުން ދަނިކޮށް އެ ގައުމުގެ ސަރުކާރުން އިއްޔެ އިންތިޚާބު ބާއްވައިފި އެވެ.
ވެނެޒުއެލާ ސަރުކާރުން ބޭނުންވީ ޕާލަމެންޓުގެ އިންތިޚާބު ބޭއްވުމަށް ފަހު އިދިކޮޅު ފަރާތްތަކުގެ އަތުގައި މިހާރު އޮތް ޕާލަމެންޓުގެ އަޣުލަބިއްޔަތު ހޯދުމަށް ފަހު ގާނޫނު އަސާސީ އަލުން ލިޔުމަށެވެ. އެމެރިކާ އިން ބުނެފައި ވަނީ އިންތިޚާބު ބާއްވައިފި ނަމަ ވެނެޒުއެލާ ސަރުކާރުގެ 13 މީހަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އެމެރިކާ އިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިއްކީ ހާލީ ވިދާޅުވީ ވެނެޒުއެލާ ސަރުކާރުން ޚުދުމުޚްތާރު މަގަށް މިސްރާބު ޖެހުމަށް އިތުރު ފިޔަވަޅެއް އަޅައިފި ކަމަށެވެ.
ވެނެޒުއެލާ ސަރުކާރުން ބުނެފައި ވަނީ އިންތިޚާބުގައި ވޯޓުލާން 41.5 ޕަސެންޓް މީހުން ނުކުތް ކަމަށެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ 88 ޕަސެންޓް މީހުން ވޯޓުލާން ނުދާ ކަމަށެވެ. މުޒާހަރާތައް މިއަދު ވެސް ކުރިއަށް ގެންދިއުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލައިފަ އެވެ.
އިންތިޚާބު ބާއްވަން އުޅޭތީ ވެނެޒުއެލާގައި ހިންގި ހަމަނުޖެހުންތަކުގައި ވަނީ 10 މީހުން މަރުވެފަ އެވެ.
ރައީސް ނިކޮލަސް މަދޫރޯ ވަނީ އިންތިޚާބުގެ ކާމިޔާބީ އަށް ތައުރީފް ކުރައްވައިފަ އެވެ. މަދޫރޯ ވިދާޅުވީ ގައުމުގައި ހިންގަމުންދާ ހަމަނުޖެހުންތަކަށް ހައްލު ހޯދާ ސިޔާސީ ގޮތުން ގައުމު ހުއްޓިފައި އޮތް އޮތުމަށް ނިމުން ގެނެވޭނީ އިންތިޚާބު ބާއްވައިގެން ކަމަށެވެ.