ވަކީލަކު ހަމަޖައްސަން އިބްރާހިމް ދީދީ އަށް ކޯޓުން ފުރުސަތު ދީފި

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ވަކީލަކު ހަމަޖައްސަން ކްރިމިިނަލް ކޯޓުން އޭނާ އަށް މިއަދު ފުރުސަތު ދީފި އެވެ.


އެމްޑީޕީގެ ވެރިކަމުގައި އަބްދުﷲ ގާޒީ ހައްޔަރު ކުރި އިރު ސިފައިންގެ މާލޭ އޭރިޔާގެ ކޮމާންޑަރަކަށް ހުންނެވި އިބްރާހިމް ދީދީގެ މައްޗަށް ދައުވާ ކުރަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރަން ހިންގި "އޮޕަރޭޝަން ލިބަޓީ ޝީލްޑް"ގައި ބައިވެރިވި ކަމަށް ބުނެ އެވެ. އެ މައްސަލައިގައި އިބްރާހިމް ދީދީގެ މައްޗަށް މިދިޔަ މަހު ދައުވާކުރީ އެ މައްސަލައިގައި އޭނާ އަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް ނިންމަވާފައި އޮތުމަށް ފަހު އެވެ.

މިއަދު ބޭއްވި އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އިބްރާހީމް ދީދީ ވިދާޅުވީ އެ ދައުވާ އިތުރަށް ސާފު ކުރުމަށާއި އެ މައްސަލައިގައި އިޖްރާއީ މައްސަލަތަކެއް ހުރުމުން އެ މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާ އެކު ކަމަށެވެ. އޭނާ އަށް ދައުވާ ނުކުރަން ނިންމާފައި އޮއްވާ އަލުން ދައުވާ ނުކުރެވޭނެ ކަމަށާއި އެކަން ހައި ކޯޓަށް މިހާރު ހުށަހަޅާފައިވާ ކަމަށް އިބްރާހީމް ދީދީ ވިދާޅުވި އެވެ.

ވަކީލަކު ހަމަޖައްސަން އިބްރާހިމް ދީދީ ފުރުސަތަކަށް އެދިވަޑައިގަތުމުން އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ 10 ދުވަހުގެ މުއްދަތެއް ދެއްވައިފަ އެވެ. ގާޒީ ވިދާޅުވި ގޮތުގައި އެ މުއްދަތަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ވަކީލަކު ހަމަޖައްސަން ދެވޭނެ މުއްދަތު ކަމަށާއި އެ މުއްދަތުގެ ތެރޭގައި ހަމަނުޖައްސައިފި ނަމަ ވަކީލަކު ބޭނުން ނުވީ ކަމަށް ބެލެވޭނެ ކަމަށް އެ ގާނޫނުގައި ބުނާ ކަމަށް ގާޒީ ވިދާޅުވި އެވެ.

ދެން އޮންނަ އަޑުއެހުން އަންނަ މަހުގެ އަށް ވަނަ ދުވަހު ބާއްވާނެ ކަމަށް ގާޒީ އާދަމް ވިދާޅުވި އެވެ.

އިބްރާހީމް ދީދީގެ މައްޗަށް ކުރާ އެ ދައުވާ ސާބިތުވެެއްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް އޭނާ ޖަލަށްލުން ނުވަތަ އަރުވާލުމަށް ހުކުމްކުރާނެ އެވެ. އޭރުން މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ވެސް ގެއްލޭނެ އެވެ.

އަބްދުﷲ ގާޒީ ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި އޭރުގެ ރައީސް މުހައްމަދު ނަޝީދާއި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް ވަނީ ކުށް ސާބިތުވެ، ޖަލު ހުކުމް އައިސްފަ އެވެ.