އިބްރާހިމް ދީދީއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދަން ނިންމައިފި

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ އާ ދެކޮޅަށް ދައުލަތުން 2015 ވަނަ އަހަރު ކުރި ދައުވާގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.


ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަބުދުﷲ މުހައްމަދު ހައްޔަރު ކުރި އިރު ދީދީ ހުންނެވީ ސިފައިންގެ މާލޭ އޭރިއާގެ ކޮމާންޑަރަކަށެވެ. އެ މަސައްލައިގައި އޭނާގެ މައްޗަށް ފުރަތަމަ ކުރި ދައުވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އަނބުރާ ގެންގޮސްފަ އެވެ. މިއަދު ބާތިލު ކުރި ދައުވާއަކީ ދެވަނަ ފަހަރަށް ކުރި ދައުވާ އެވެ.

ދީދީ މިއަދު "މިހާރު" އަށް ވިދާޅުވީ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމީ އެ މައްސަލައިގައި ކުރިން ކުރި ދައުވާ އަނބުރާ ގެންގޮސްފައި ވާތީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެފަދަ މައްސަލަ ތަކުގައި ސުޕްރީމް ކޯޓާއި ހައި ކޯޓުން ކުރިން އަމަލުކޮށްފައިވާ ގޮތަށް ރިއާޔަތްކޮށްގެން ކަމަށެވެ.

"އެގޮތަށް ނިންމެވީ އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ވެސް އަދި ސުޕްރީމް ކޯޓާއި ހައި ކޯޓުން އަމަލުކޮށްފައިވާ ގޮތަށް ބަލާއި އިރު ވެސް އެއީ ކުރިއަށް ނުގެންދެވޭނެ ދައުވާއެއް ކަމަށް،" ދީދީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދައުވާއިން ސަލާމަތްވެވަޑައިގެންނެވުމުން ﷲ އަށް ހަމްދުކުރައްވާ ކަމަށާއި އަބަދުވެސް ހުންނަވާނީ ރައްޔިތުންނަށް އިހުލާސްތެރި ބޭފުޅެއްގެ ގޮތުގައި ކަމަށެވެ.

"ކޮންމެ ބިރެއް ދެއްކިޔަސް، އަދި ކޮންމެ އިނާޔަތްތަކެއް ދޭން އުޅުނަސް އަޅުގަނޑު ހުންނާނީ އިންތިހާބު ކުރި ރައްޔިތުންނަށް އިހުލާސްތެރިކަމާ ތެދުވެރިކަމާ އެކީ،" ދީދީ ވިދާޅުވި އެވެ.

އަބުދުﷲ މުހައްމަދު ބަންދު ބަންދުކޮށްގެން ގެންގުޅުނު މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ އަނބުރާ ގެންދިއުމަށް ފަހު ދެވަނަ ފަހަރަށް ދައުވާ ކުރުމުންނެވެ. ރައީސް ނަޝީދަށް ކޮށްފައިވާ ހުކުމް މުރާޖައާ ކޮށްދިނުމަށް އެ އޮފީހުން މިހާރު ވަނީ ސުޕްރީމް ކޯޓުގައި އެދިފަ އެވެ.