އދ. އަށް ނަސީރު އައްޔަން ކުރަން ކޮމެޓީން ރުހުން ދީފި

އދ.ގެ ދާއިމީ މަންދޫބު ކަމަށާއި އެމެރިކާ އާއި ކެނަޑާއަށް ކަނޑައަޅާ ސަފީރު ކަމަށް، މިހާރުގެ ފޮރިން ސެކެރެޓަރީ ޑރ. އަލީ ނަސީރު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީން ނިންމައިފި އެވެ.


ގައުމީ ސަލާމަތުގެ ކޮމެޓީގެ މުގައްރިރު އަދި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މިއަދު ވިދާޅުވީ ނަސީރުގެ އިތުރުން ނެދަލެންޑްސް އާއި ލަގްޒަމްބާގަށް ކަނޑައަޅާ ސަފީރު ކަމަށް އަހުމަދު ޝިއާން އައްޔަން ކުރަން ވެސް ކޮމެޓީން ރުހުން ދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ހަފްތާގައި ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ދެ ބޭފުޅުންނަށް ރުހުން ދޭން ފާސްކުރީ ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ނަމަވެސް ކޮމެޓީ މެމްބަރުން ވޯޓު ދެއްވި ގޮތުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

"ކޮމެޓީ ރިޕޯޓުގައި ސޮއިކުރުމަށް ފަހު، ރިޕޯޓު ވާނީ އިދާރީ މޭޒާ ހަވާލުކޮށްފައި،" ރިޒާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ: ނަސީރަށާއި ޝިއާންއަށް ރުހުން ދޭން ފެނޭތޯ މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާނެ - ފޮޓޯ: މަޖިލިސް

ސަފީރުކަމަށް ނަސީރާއި ޝިއާން އައްޔަން ކުރުމުގެ މައްސަލަ ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވީ މި މަހުގެ ހަތެއްގަ އެވެ.

ދެ ބޭފުޅުން އެ މަގާމުތަކަށް އައްޔަންކުރައްވާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުން ރުހުން ލިބިއްޖެ ނަމަ އެވެ.

ފޮރިން ސެކްރެޓަރީގެ މަގާމުގައި ހުންނެވި ނަސީރު ރާއްޖޭން ބޭރަށް ފޮނުވަން އުޅެނީ ދައުލަތުން ވައްކަންކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތަކަށް މަގުފަހިކޮށްދިން މީހުންނަށް ރާއްޖޭން ފިލަން ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އިދިކޮޅު އިއްތިހާދުން ވަނީ ތުހުމަތުކޮށްފަ އެވެ.

ނަސީރަކީ އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމްގެ ފިރިކަލުންނެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހުއްޓުވަން މަސައްކަތް ނުކުރެއްވުމާއި މަނީ ލޯންޑަރިންގެ އަމަލްތަކުގައި އަޒީމާ ބައިވެރިވެވަޑައިގަންނަވާ ކަމަށް އިދިކޮޅު އިއްތިހާދުން ތުހުމަތުކުރެ އެވެ. އެކަމަކު އޭނާ އަބަދުވެސް ގެންދަވަނީ އެ ތުހުމަތުތައް ދޮގުކުރައްވަމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަސީރު ވިދާޅުވީ ސަފީރުން ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަނީ ދައުލަތުގެ މަންދޫބުންގެ ގޮތުގައި ކަމަށެވެ. އެއީ ބަޔަކު ފިލުވަން ނުވަތަ ފޮރުވަން ނުވަތަ ފިލުވުމަށް ފުރުސަތު ދޭން ކުރާ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.