ރޭ މާވެޔޮ މަގުން ފެނުނީ ފޯނެއް ފޭރިގަތުމަށް ފަހު އަނިޔާ ކޮށްފައި އޮތް މީހެއް

ޒަހަމުތަކަކާއެކު ރޭ ދަންވަރު މާވެޔޮ މަގަށް ވެއްޓިފައި އޮއްވާ ފެނުނީ، އޭނާގެ އަތުން ފޯނެއް ފޭރިގަތުމަށް ފަހު އަނިޔާ ކޮށްފައި އޮތް މީހެއް ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.


މަގުމަތީގައި އޮތް އެ ފިރިހެން މީހާ ފެނުނުތާ މާ ގިނަ އިރުތަކެއް ނުވަނީސް ފުލުހުން ވަނީ އޭނާ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ. އަދި އޭނާގެ ހާލު ގޯސް ނޫން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އެ މީހާއާ މާރާމާރީ ހިންގީ، މައްޗަންގޮޅި ސަހަރާ ކައިރީ ހުރި ގެއަކުން ވައްކަން ކުރަން އުޅޭ ކަމަށް ބުނެ ކަމަށެވެ. އަދި ބަޔަކު އޭނާ ފަހަތުން ދުއްވައިގަތުމުން، އަތުގައި ހުރި އެއްޗެހި މަގުމައްޗަށް ދޫކޮށްލައި ފިލަން އުޅުނު ކަމަށާއި އެކަމަކު މީހުން އޭނާ ހިފަހައްޓައި މާރާމާރީ ހިންގީ ކަމަށް ފުލުހުން ބުންޏެވެ.

"މާރާމާރީ ހިންގި މީހުން އޭނާގެ ފޯނު ފޭރިގެންފައިވާ ކަން ތަހުގީގަށް ވަނީ އެނގިފައި،" އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން މިހާރު ވަނީ އެ މީހާ އޭނާގެ އާއިލާއާ ހަވާލުކޮށްފަ އެވެ.

މާލޭގައި ފަހަކަށް އައިސް މާރާމާރީ އާއި ފޭރުން ވަނީ އިތުރުވެފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާ ދީ ޒަޚަމްކޮށްލި ޒުވާނަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް އިއްޔެ މަރުވެފައިވާ އިރު، މިދިޔަ އަންގާރަ ދުވަހު ވެސް މާލޭގައި ދެ މާރާމާރީއެއް ހިންގި އެވެ. އަދި މިދިޔަ ހަފުތާގައި ވެސް ދެ މާރާމާރީ ހިންގި އިރު އެލްސިއޯން ބޭކަރީ ކައިރީގައި މިދިޔަ ހަފުތާގައި ހިންގި މާރާމާރީއަކާ ގުޅިގެން ފުލުހުން ވަނީ ހަ މީހަކު ހައްޔަރުކޮށްފަ އެވެ.