ފާރިސް މަޖިލިހަށް ހާޒިރުކޮށްދޭން އެދިފައިވަނިކޮށް ޕެޓިޝަން ކޮމެޓީން ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ޕެޓިޝަން ކޮމެޓީ އަށް ހާޒިރުކޮށްދޭން އެދިފައިވަނިކޮށް، އެ ކޮމެޓީން އޭނާ މިއަދު ވަކިކޮށްފި އެވެ.


"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފާރިސް ޕެޓިޝަން ކޮމެޓީން ވަކިކުރީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާންގެ އެދިވަޑައިގަތުމަކަށެވެ. އަދި ފާރިސްގެ ބަދަލުގައި އެ ކޮމެޓީ އަށް އައްޔަން ކުރެއްވީ، ނިހާންގެ އެދުމުގެ މަތިން ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އެވެ.

ވެރިކަން ކުރާ ޕީޕީއެމުން ފާރިސް ވަކިކޮށްފައި ވިޔަސް އަދިވެސް އޭނާ މަޖިލިހުގައި އިންނަވަނީ އެ ޕާޓީގެ މެމްބަރެއްގެ ގޮތުގަ އެވެ.

މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ފާރިސް މިހާރު ހުންނެވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި މާފުށީގަ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ކުށެއްގެ ތުހުމަތުގައި ބަންދުގައި ހުންނަ މެމްބަރަކު މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކަށް ހާޒިރުކޮށްދޭން ޖެހެ އެވެ. އެކަމަކު މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށާއި ޕެޓިޝަން ކޮމެޓީގެ ބައްދަލުވުމަށް ފާރިސް ހާޒިރުކޮށްދީފައެއް ނުވެ އެވެ.

އެހެންވެ، ޕެޓިޝަން ކޮމެޓީން ނިންމާފައި އޮތީ ފާރިސް އަށް އެ ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގެންނެވޭ ނަމަ، ކޮމެޓީ ބައްދަލުވުންތައް ކުރިއަށް ނުގެންދިއުމަށެވެ. ފާރިސް ކޮމެޓީއަށް ހާޒިރުކޮށް ދިނުމަށް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝާހިދެވެ. އަދި އެކަމަށް ތާއީދު ކުރެއްވީ މަތިވެރި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ހުސެއިން މުހައްމަދެވެ.

އެހެންވެ، ފާރިސް ޕެޓިޝަން ކޮމެޓީއަށް ހާޒިރުކޮށް ދިނުމަށް އެދި އެ ކޮމެޓީގެ ނައިބު މުގައްރިރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ސޮއި ކުރައްވައި މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދަށް ވަނީ ސިޓީ ފޮނުވައިފަ އެވެ.

އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވާ ފާރިސްގެ މައްޗަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެކަމަކު މަސީހް މަގާމުން ވަކި ކުރުމަށް މެމްބަރުންނަށް ފާރިސް ރިޝްވަތު ދެއްވި ކަމަށް ބުނާ މައްސަލައިގެ ތަހުގީގު އަދި ނުނިމެ އެވެ.