ހައްޔަރުކުރި މެމްބަރުން ޖަލްސާތަކަށް ހާޒިރުނުކޮށްދޭތީ މަޖިލީހަށް ހުށަހަޅައިިފި

ފުލުހުން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ހަތަރު މެމްބަރުން ޖަލްސާތަކަށާއި ކޮމެޓީތަކަށް ހާޒިރުނުކޮށްދޭ ކަމަށް ބުނެ، ކުއްލި މައްސަލައެއް މަޖިލީހަށް ވައްދައިފި އެވެ.


މިހާރު ހައްޔަރުކޮށްފައި ވަނީ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތެވެ.

އޭގެ ތެރެއިން ފާރިސް ހައްޔަރުކޮށްފައިވަނީ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ އެވެ. އަމީތާއި ސައުދާއި ވަހީދު ހައްޔަރުކޮށްފައި ވަނީ އެ ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް، ފުލުހުންގެ ސަފު ފޫއަޅުވާލައި މިދިޔަ މަހުގެ 24 ގައި މަޖިލިހުގެ އިދާރާ އަށް ވެންނެވި މައްސަލައިގަ އެވެ.

ވަހީދާއި ސައުދު އަދި އަމީތު ބަންދުކޮށްފައި ވަނީ 15 ދުވަހުގެ މުއްދަތަކަށެވެ. ފާރިސް ހައްޔަރުކޮށްފައި ވަނީ އޭނާގެ މައްޗަށް ކުރާ ރިޝްވަތުގެ ތުހުމަތުގެ މައްސަލައިގެ ޝަރީއަތް ނިމެންދެންނެވެ. އެކަމަކު އެ މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.

މެމްބަރު ސައުދާއި އަމީތު ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މިދިޔަ ބުރާސްފަތި ދުވަހު މަޖިލިހަށް ފޮނުއްވި ކުއްލި މައްސަލާގައި ވަނީ ހަތަރު މެމްބަރުން މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް ހާޒިރުކުރަމުން ނުދިއުމަކީ ގާނޫނާއި މަޖިލީހުގެ ގަވާއިދާ ޚިލާފު އަމަލެއް ކަމަށެވެ.

އޭގެ ސަބަބުން، ރައްޔިތުން އިންތިޚާބު ކޮށްފައިވާ މަޖިލީހުގެ މެމްބަރުންތަކެއްގެ ގާނޫނީ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅާފައިވާ ކަމަށް ވެސް މައްސަލާގައި ބުނެފައިވެ އެވެ. އަދި މެމްބަރުންގެ ގާނޫނީ މަސްއޫލިއްޔަތާއި ވާޖިބަށް އެންމެ ހިނދުކޮޅަކަށް ހުރަސް އެޅޭނެ ކަމެއް ކުރުމުގެ ގާނޫނީ ބާރެއް އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށް ވެސް ބުނެފައފިވެ އެވެ.

"މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި މެމްބަރަކު ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުންނަ މުއްދަތުގައި ބާއްވާ މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކުގެ ބައްދަލުވުންތަކަށް ހާޒިރުވުމުގެ ހައްގު އޭނާއަށް ލިބިގެންވާ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައި،" ކުއްލި މައްސަލާގައިވެ އެވެ.

ކޯޓުގެ އަޑުއެހުމަކަށް ފަހު ފާރިސް ޖަލަށް ގެންދަނީ. --ފޮޓޯ/މިހާރު

ކުއްލި މައްސަލާގައި ވާ ގޮތުން މެމްބަރެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކާއި މެމްބަރުކަމުގެ ޝަރުތު ގެއްލޭނެ ހަމައެކަނި ގޮތްތައް ގާނޫނުއަސާސީގައިވެ އެވެ. އަދި މެމްބަރެއް އިންތިޚާބު ކޮށްފައިވާ ދާއިރާގެ ގޮނޑި ހުސްވެއްޖެ ކަމާ މެދު ޚިލާފެއް އުފެދިއްޖެނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވެ އެވެ.

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި އަމީތާއި ވަހީދު އަދި ސައުދުގެ ގޮނޑި ގެއްލިފައިވާ ކަން އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ ކޯޓު ހުކުމަކާ ނުލައި ހަމައެކަނި ތުހުމަތެއްގައި ކަމަށް ބުނެ، މިވަގުތު ޖަލުގައި ހައްޔަރުކޮށްފައިވާ ކަމަށާއި ގާނޫނުއަސާސީގައި ބުނާ ގޮތަށް އެއިން އެއްވެސް މެމްބަރެއްގެ ގޮނޑި ހުސްވެއްޖެ ކަމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅާފައި ނުވާ ކަމަށް ވެސް މަޖިލީހަށް ހުށަހެޅި މައްސަލާގައިވެ އެވެ.

ހަތަރު މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ވަނީ ބަލައިގެންފަ އެވެ. އެކަމަކު މިހާތަނަށް އެ މައްސަލައިގެ އަޑުއެހުމެއް ނުބާއްވަ އެވެ.