ސުޕްރީމް ކޯޓަށް މެމްބަރުން ހުށަހެޅި މައްސަލަ ލަސްވާތީ ކަންބޮޑުވޭ: އަލީ ޒާހިރު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާ މެދު ގޮތެއް ކަނޑައަޅައިދޭން ސުޕްރީމް ކޯޓަށް އެ މެމްބަރުން ހުށަހެޅުއްވި މައްސަލަ ނުނިމި ދިގުލައިގެންދާތީ އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ރޭ ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.


ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރި ދާއިރާގެ މުހައްމަދު އަމީތާއި ވިލިނގިލި ދާއިރާގެ ސައުދު ހުސެއިނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމާއި މައްޗަންގޮޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާން އަދި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ. އިލެކްޝަންސްގެ އެ ނިންމުން ބާތިލް ކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އޭގެ ތެރެއިން ވަހީދާއި އަމީތާއި ސައުދު އަދި ލަތީފް އެވެ.

މަޖިލިހުގެ މެމްބަރުން ނޫން ކަމަށް އިލެކްޝަންސް އިން ކަނޑައަޅާފައިވަނިކޮށް، ވަހީދާއި އަމީތާއި ސައުދު މިދިޔަ ހޯމަ ދުވަހު މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގަތް މައްސަލާގައި ހައްޔަރުކޮށް އެ ބޭފުޅުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.

ކްރިމިނަލް ކޯޓުގައި ރޭ ބޭއްވި އަމީތުގެ ބަންދުގެ މުއްދަތު މަޖިލިހަށް ވަަޑައިގަތުމަށް ފަހު، އޭނާގެ ވަކީލު އަލީ ޒާހިރު ވަނީ، ސުޕްރީމް ކޯޓުން ގޮތެއް ނުނިންމަނީސް މެމްބަރުން ހައްޔަރުކުރުމަކީ، ފުލުހުންނަށް ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން މި މެމްބަރުން ޕީޕީއެމުން ވަކިވެވެވަޑައިގެންފައި ވަނިކޮށް، ސުލޫކީ މައްސަލަ ބެލުމަށް ފަހު އެ ޕާޓީން އިލެކްޝަނަށް ހުށަހެޅި ސިޓީއަކާ ގުޅިގެން، ކޮމިޝަނުން ނިންމީ މި މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ. ވަކި ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް ހޮވުމުން އެ ޕާޓީން ވަކިވުން، ވަކިކުރުން ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނަނީ، އެ ހުކުމުގެ ކުރިން ހިނގާފައިވާ ކަމަކަށް އޭގެ އަސަރެއް ނުކުރާނެ ކަމަށެވެ.

އަލީ ޒާހިރު ފާހަގަކުރެއްވި ގޮތުގައި މަޖިލިހުގެ މެމްބަރެއްގެ ގޮނޑިއާ މެދު ނުވަތަ މެމްބަރު ކަމުގެ ޝަރުތާ މެދު ޚިލާފެއް އުފެދިއްޖެ ނަމަ ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަން ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮވެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޒާހިރު ވާހަކަ ދައްކަވަނީ: ސުޕްރީމް ކޯޓުން ގޮތެއް ނުނިންމަނީސް މެމްބަރުންނާ މެދު އެއްވެސް މުއައްސަސާއަކުން ފިޔަވަޅު އެޅުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށް ވިދާޅުވި.

"އަމީތުގެ ގޮނޑީގެ މައްސަލަ ވެސް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު އެ ކޯޓުން ވަކިގޮތެއް ނުނިންމަނީސް އަމީތާ ދޭތެރޭ އެއްވެސް ފިޔަވަޅެއް އެޅުމަކީ އޭނާގެ ހައްގު ގެއްލިގެންދާނެ ކަމެއް ކަމަށް މުއްދަތުގެ މަޖިލީހުގައި ދެންނެވިން،" އަލީ ޒާހިރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އިސްމާއިލް އަބްދުލް ހަމީދުގެ މައްޗަށް އެއް އަހަރު ދުވަހުގެ ޖިނާއީ ހުކުމެއް އިއްވުމުން، އެ ހުކުމް އިސްތިއުނާފް ނިމެންދެން ގޮނޑި ނުގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ކަން އަލީ ޒާހިރު ފާހަގަކުރެއްވި އެވެ.

އެހެން މެމްބަރުންނެކޭ އެއްގޮތަށް އަމީތު ވެސް ހައްޔަރުކޮށް ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަހައްޓަން ނިންމީ މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވުމުގެ އިތުރުން ހެއްކަށް ނުފޫޒު ފޯރުވައިފާނެތީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.