ގެސްޓް ހައުސްތަކުން ގްރީން ޓެކުހަށް ނަގާނީ ހަތަރު ޑޮލަރު

ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން އަންނަ އޮކްޓޯބަރު މަހުން ފެށިގެން ގްރީން ޓެކްސްގެ ގޮތުގައި ހަތަރު ޑޮލަރު ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީން މިއަދު ނިންމައިފި އެވެ.


އިގްތިސާދީ ކޮމެޓީގެ މެމްބަރަކު "މިހާރު"އާ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި ކޮމެޓީ ބައްދަލުވުމުގައި ތިން ހުށަހެޅުމެއް ހުށަހެޅި އެވެ. ނަމަވެސް ފާސްވީ ޕީޕީއެމަށް ނިސްބަތްވާ، މާފަންނު ދެކުނު ދާއިރާގެ އަބްދުﷲ ރިފާއު ހުށަހެޅުއްވި އިސްލާހެވެ.

ރިފާއު ހުށަހެޅުއްވީ ގްރީން ޓެކްސްގެ ގޮތުގައި ނަގަން ނިންމި ހަ ޑޮލަރުގެ ބަދަލުގައި ހަތަރު ޑޮލަރަށް ބަދަލު ކުރުމަށާއި އޮކްޓޯބަރު މަހު ޓެކްސް ނަގަން ފެށުމަށެވެ. އެގޮތަށް ފާސްވީ ޕީޕީއެމްގެ ހަތަރު މެމްބަރުންގެ ވޯޓާ އެކުގަ އެވެ. މި ހުށަހެޅުމަށް ދެކޮޅު ހެއްދެވީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރުންނެވެ.

މީގެ އިތުރުން ގެސްޓް ހައުސްތަކުން ގްރީން ޓެކްސް އުވާލުމަށާއި ޓޫރިޒަމްގެ ގާނޫނަށް ގެނައި އިސްލާހާ ބެހޭ ގޮތުން ހިޔާލު ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އިސް ވެރިން ހާޒިރު ކުރުމަށް ވެސް ހުށަހެޅި އެވެ. އެކަމަކު އިދިކޮޅު މެމްބަރުންގެ އެ ހުށަހެޅުންތައް ފާހެއް ނުވެ އެވެ.

މި ޓެކްސް ދައުލަތަށް ދެއްކުމަކީ، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުށަހެޅުއްވި ބިލުގައިވާ ގޮތުން، އެ މީހަކު ހުންނަ ތަނެއްގެ ޒިންމާއެކެވެ. ނަމަވެސް އިދިކޮޅު މެމްބަރުން ވަނީ ގްރީން ޓެކްސް ނެގުމަކީ ގެސްޓް ހައުސް ވިޔަފާރި އިނދަ ޖައްސާލުން ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ ނޮވެމްބަރު މަހު ތައާރަފްކުރި ގްރީން ޓެކްސް މިހާރު ނަގަނީ ރިސޯޓުތަކާއި ހޮޓާތަކުގެ އިތުރަށް ސަފާރީތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުންނެވެ.

މި އަހަރުގެ މިހާތަނަށް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 17.9 މިލިއަން ޑޮލަރު (272 މިލިއަން ރުފިޔާ) ވަނީ ލިބިފަ އެވެ. މީރާގެ ހިސާބުތައް ދައްކާ ގޮތުން ދެ ވަނަ އަށް އެންމެ ގިނަ އަދަދަކަށް ދައުލަތަށް ޑޮލަރު ވަންނަނީ ގްރީން ޓެކްސް އިންނެވެ.