ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ބިން އަދި ފަޅުތައް އިއުލާނު ކުރުމަކާ ނުލައި ކުއްޔަށް ދޫކުރެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހު ފާސް ކުރަން ވޯޓު ދެއްވި ކުރެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްބާރީ އަބްދުﷲގެ މައްސަލަ ބެލުމަށް އެ ޕާޓީން މިއަދު ނިންމައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ އެމްޑީޕީގެ ނިންމުމާ ދެކޮޅަށް ބާރީ ވޯޓު ދެއްވި މައްސަލަ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ބަލައި، މެމްބަރާ ދޭތެރޭ ފިޔަވަޅު އަޅަން ފެންނަ ނަމަ، ސުލޫކީ ކޮމެޓީ އަށް ފޮނުވާނެ ކަމަށެވެ.
ނިޔާޒް ވިދާޅުވި ގޮތުގައި ސުލޫކީ ކޮމެޓީ އަށް އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި ނަސޭހަތް ދިނުމާއި، ޕާލަމެންޓްރީ ގްރޫޕްގައި ނަގާ ވޯޓުތަކުގައި ބައިވެރި ނުކުރުމާއި ޕާާޓީން ވަކި ކުރެވިދާނެ އެވެ.
"ބާރީގެ މައްސަލަ ބެލުމަށް ވަނީ ހަމަޖެހިފައި، އަޅާނެ ފިޔަވަޅަކާ ދޭތެރޭގައި ސުލޫކީ ކޮމެޓީން ގޮތެއް ނިންމާނީ،" ނިޔާޒް ވިދާޅުވި އެވެ.
ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ބިން އަދި ފަޅުތައް އިއުލާނު ކުރުމަކާ ނުލައި ކުއްޔަށް ދޫކުރެވޭ ގޮތަށާއި ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ދުވާލަކަށް ތިން ޑޮލަރުގެ ޓެކްސް ނެގުމަށް ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހަށް ވޯޓު ނުދޭން އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރުނެވެ.
ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ޕީޕީއެމް ކޯލިޝަންގެ މެމްބަރުންގެ ތެރެއިން ވޯޓު ނުދެއްވި ހަމައެކަނި މެމްބަރަކީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނެވެ. އަދި އެ ވޯޓުގައި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވެސް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އެހެންވެ ދެ މެމްބަރުންގެ މައްސަލަ ޕީޕީއެމުން ދަނީ ބަލަމުންނެވެ.