ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ބިން އަދި ފަޅުތައް އިއުލާނު ކުރުމަކާ ނުލާ ކުއްޔަށް ދޫކުރެވޭ ގޮތަށް މަޖިލީހުން ފާސް ކުރިޔަސް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ރަށްތައް ދޭތަން ބަލަން ނުތިބޭނެ ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން މިއަދު ބުނެފި އެވެ.

އެމްޑީއޭގެ ނައިބު ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހަކީ ދައުލަތަށް އާމްދަނީ ލިބޭނެ ގޮތަށް ފަރުމާކުރި އިސްލާހެއް ކަމަށެވެ. އަދި އިއުލާންނުކޮށް ވެސް ރަށްތައް ދެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އިސްލާހަށް ތާއީދުކުރީ، އާމިރު ވިދާޅުވި ގޮތުގައި، ދައުލަތަށް އާމްދަނީ ލިބޭނެ ގޮތްތަކާއި ދައުލަތް ހިންގަން ބޭނުންވާ ގާނޫނުތައް ފާސްކުރުމަކީ މަޖިލީހުން ކުރަން ޖެހޭ ކަމަކަށް ވާތީ އެވެ.

އޭނާ ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަމަކަށާއި ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ލިބޭ ކަންކަމަށް އެމްޑީއޭގެ ތާއީދު ނުލިބޭނެ ކަމަށެވެ.

ސަރުކާރުގެ އިސް ސަފުގައި ތިއްބަވައިގެން ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ކުރައްވާ ނަމަ، ފިޔަވަޅު އަޅާފައިވާކަން މާޒީން ވަނީ ފެނިފައި ކަމަށް އާމިރު ވިދާޅުވި އެވެ. އެގޮތުން ކޮރަޕްޝަންގެ ތުހުމަތުގައި ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ އެންމެ އަރިސް އެއް ބޭފުޅާ އަހުމަދު އަދީބަށް ހުކުމް އިއްވާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު: ކޮރަޕްޝަން ކުށް ސާބިތުވެ ވަނީ ޖަލަށް ލާފައި -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު: ކޮރަޕްޝަން ކުށް ސާބިތުވެ ވަނީ ޖަލަށް ލާފައި -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު

"ރައްޔިތުންނަށް ގެއްލުން ލިބޭ ގޮތަށް ކަންކަން ކުރާ ނަމަ ފިޔަވަޅު އެޅޭނެ ކަމަށް އެމްޑީއޭ އިން ދެކެނީ،" އާމިރު ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓު މަޖިލީހުން ފާސްކުރީ ދައުލަތަށް ވަކި ވަރަކަށް އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށް ކަމަށާއި އެ ބަޖެޓު ނުލިބިއްޖެ ނަމަ، ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން ދަތިވާނެ ކަމަށް އާމިރު ވިދާޅުވި އެވެ.

ރައްޔިތުންނަށް ގެއްލުން ލިބޭ ގޮތަށް ކަންކަން ކުރާ ނަމަ ފިޔަވަޅު އެޅޭނެ ކަމަށް އެމްޑީއޭ އިން ދެކެނީ --އާމިރު

"ދައުލަތުން އާމްދަނީ ލިބޭ ކަންކަމުގައި އެންމެ ރަނގަޅު ގޮތަކީ އެކަމަށް ތާއީދުކުރުން. ގޯހަށް ކަމެއް ކުރާ ނަމަ ރައްޔިތުންނަށް ބަލާކަށް ނުތިބެވޭނެ، މިނިވަން މުއައްސަސާތަކަށް ބަލާކަށް ނުތިބެވޭނެ. މަޖިލީހާއި ޝަރުއީ ދާއިރާ ވެސް ބަލަން ތިބެގެނެއް ނުވާނެ،" އާމިރު ވިދާޅުވި އެވެ.

ޓޫރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްވުމުން އިއުލާންކޮށްގެންނާއި ނުކޮށް ވެސް ރަށް ނުވަތަ ބިން ނުވަތަ ފަޅެއް ކުއްޔަށް ދެވިދާނެ އެވެ. އިއުލާން ނުކޮށް ތަނެއް ދެވޭނީ ހިންގަން ބޭނުންވާ މަޝްރޫއުގެ ތަފްސީލާ އެކު ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅުމުން، އެ މިނިސްޓްރީން ހަދައި ގަވާއިދެއްގެ ދަށުންނެވެ.

އިސްލާހުގައިވާ ގޮތުން ތަންތަން ކުއްޔަށް ދޫކުރެވޭނީ އެ މަޝްރޫއެއް ހިންގަން ތިމާވެށީގެ ގޮތުން އެކަށީގެންވާ ތަނެއްގެ އިތުރުން، ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅައި އާންމުކުރާ އެކުއިޒިޝަން ފީ އެއްފަހަރާ ދެއްކުމާއި އެ މަޝްރޫއަށް ފަންނީ ގޮތުންނާއި މާލީ ގޮތުން ގާބިލު ފަރާތަކަށް ވުމުންނެވެ.

މި އިސްލާހަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދެކޮޅު ހެއްދެވި އެވެ. އަދި އިދިކޮޅު ފަރާތްތަކުން ވެސް ވަނީ އެއީ ހިޔާނާތަށް ވަރަށް ބޮޑަށް މަގުފަހިވާ އިސްލާހެއް ކަމަށް ސިފަކޮށްފަ އެވެ.