ރާއްޖެ އިން މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ހެދޭ ވަރަށް ބޮޑު ގޯހަކަށް ވާނެ: އދ

ރާއްޖޭގައި އަލުން މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހަކަށް ވާނެ ކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ޚާއްސަ ރެޕަޓުއާ އެނިސް ކަލަމާޑް އިއްޔެ ވިދާޅުވެއްޖެ އެވެ.


އދ. އިން ފާހަގަކުރި ގޮތުގައި ރާއްޖޭގައި މަރުގެ ހުކުމް ކޮށްފައިވާ 20 މީހަކު އެބަތިއްބެވެ. އޭގެ ތެރޭގައި ފަސް ކުޑަކުދިން ވެސް ހިމެނޭ ކަމަށް އެ ޖަމާއަތުން ބުންޏެވެ. އަދި ތިން މީހަކަށް މަރުގެ އަދަބުދޭން ނިންމާފައިވާ ކަމަށް ވެސް އދ. އިން ބުނެފައިވެ އެވެ.

"ރާއްޖެ އިން 60 އަހަރަށް ފަހު މަރުގެ ހުކުމް ތަންފީޒުކޮށްފިނަމަ އެއީ ފަހަތަށް އެޅޭ ފިޔަވަޅަކަށް ވެގެންދާނެ. ރާއްޖެ އިން މަރަން ނިންމާފައިވާ ތިން މީހުންގެ ހުކުމް ތަންފީޒުކުރުން ހުއްޓާލަން ޖެހޭނެ. އެއީ ބައިނަލްއަގުވާމީ މުއާހަދާތަކާ މުޅިން ޚިލާފު ކަމެއް،" ޚާއްސަ ރެޕަޓުއާ ވިދާޅުވި އެވެ.

ކަލަމާޑް ވިދާޅުވީ ރާއްޖެ އިން ހުކުމް ތަންފީޒުކުރަން އުޅޭ ސަބަބު އޮޅުން ފިލުވައިދޭން ހޯމް މިނިސްޓްރީގައި އެދިވަޑައިގެންފައިވާ ކަމަށެވެ.

ރާއްޖޭގައި އަލުން މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ހެދޭ ވަރަށް ބޮޑު ގޯހަކަށް ވާނެ ކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ޚާއްސަ ރެޕަޓުއާ ކަލަމާޑް ވިދާޅުވިއިރު، ހުޅުމާލޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށެވެ. އަދި އެކަމާ މެދު އެއްވެސް މީހަކު ސުވާލު އުފައްދަވައިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށެވެ.

"އެ މަސައްކަތް ބާރަށް ކުރިއަށް އެބަދޭ. އެ މަސައްކަތަށް އެއްވެސް މަޑުޖެހުމެއް ނާދޭ. އަޅުގަނޑަށް ތާރީޚު ދަންނަވަން ނޭނގެނީ 60 އެތައް އަހަރެއް ފަހުން މަރުގެ އަދަބު ތަންފީޒު ކުރެވިގެން މިދަނީ، އެހެންވީމަ އޭގެ ޓެކްނިކަލިޓީއަށް ބަލާއިރު އޭގެ ވާހަކަތައް އެހާ ކޮމަންކޮށް އެކީ އެކައްޗަކަށް ދަންނަވާލުމަކީ ފަސޭހަ ކަމަކަށް ނުވާތީވެ،" އަޒްލީން ވިދާޅުވި އެވެ.

ރާއްޖޭގައި މަރަން ހުކުމް ކޮށްފައި ތިބި މީހުންގެ ތެރެއިން އިސްތިއުނާފް މަރުހަލާ ނިމިފައި އޮތީ އެންމެ ތިން މީހެއްގެ މައްސަލައިގަ އެވެ. އެއީ ޑރ. އަފްރާޝީމްގެ އަލީގެ ގާތިލް ހުސައިން ހުމާމް އަހުމަދާއި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދުގެ ގާތިލް މުހައްމަދު ނަބީލާއި އަހުމަދު ނަޖީބްގެ ގާތިލް އަހުމަދު މުއްރަތެވެ.