ޒަހަމްވި ފުލުސް މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން: އައިޖީއެމްއެޗް

ރޭ ދަންވަރު ކ. މާފުށީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލި ފުލުސް މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.


އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޒަހަމްވި ފުލުސް ކޮންސްޓެބްލް އަލީ ރައްޒާނަށް މިހާރު ފަރުވާދެމުން އަންނަނީ އެ ހޮސްޕިޓަލްގެ ވޯޑުގައި އެވެ.

"ސާޖަރީއެއް ހަދާފައި މިހާރު ވަނީ. ވޯޑަށް ބަދަލުކޮށްގެން ފަރުވާދެމުން އަންނަ އިރު، ހާލު އަންނަނީ ރަނގަޅުވަމުން،" އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ރައްޒާންގެ ހާލު ބެއްލެވުމަށް އަރީފް އައިޖީއެމްއެޗްގައި. - ފޮޓޯ: ޕޮލިސް

މީގެ ކުރިން ރައްޒާނަށް ފަރުވާދެމުން އައީ އައިޖީއެމްއެޗްގެ އައިސީޔޫގަ އެވެ.

މާފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ރައްޒާނަށް ހަމަލަދިނީ މާލެ އިން މާފުއްޓަށް ދިޔަ ލޯންޗަކުން ޖަލަށް އެއްޗެހިތަކެއް ވައްދަން އުޅޭ ކަމަށް ތުހުމަތު ކުރެވިގެން އެ މީހުން ހިފަހައްޓަން އުޅުމުގެ ތެރޭގަ އެވެ. އެ ހަމަލާގައި ވަޅި ހެރިފައި ވަނީ ރައްޒާންގެ ކުރިމަތިން ވާތު ކޮނޑާއި މެޔާ ދޭތެރެ އަށް ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި ރައްޒާނަށް ހަމަލަ ދިން މީހާ އާއި ލޯންޗުގެ ކެޕްޓަނާއި ލޯންޗުގައި ތިބި އިތުރު ދެ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ވަނީ، ޖަލަށް ވައްދަން އުޅުނު އެއްޗެހިތައް ވެސް އަތުލައިގެންފަ އެވެ.

ރައްޒާންގެ ހާލު ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އާއި ޕޮލިސް ކޮމިޝަނާ އަހުމަދު އަރީފް ވަނީ ބައްލަވާލައްވައިފަ އެވެ. އަދި މި ތިން ބޭފުޅުން ވަނީ ރައްޒާންގެ އާއިލާގެ މެމްބަރުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ.