ނަޝީދުގެ ޖަލު ހުކުމް ރަނގަޅު: ސުޕްރީމް ކޯޓު

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލާން ކުރި ހުކުމް ރަނގަޅު ކަމަށާއި އެ ހުކުމަކީ އިތުރަށް ޗެލެންޖް ކުރުމުގެ ފުރުސަތު ނެތް ނިހާއީ ހުކުމެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.


ނަޝީދުގެ ވެރިކަމުގައި ޖެނުއަރީ، 2012 ގައި އަބްދުﷲ ގާޒީ ހައްޔަރުކޮށް، ކ. ގިރިފުށީގައި ބަންދުކޮށްގެން ގެންގުޅުނު މައްސަލާގައި ނަޝީދު 13 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށް ހައި ކޯޓުން ވެސް ކުރިން ވަނީ ނިންމައިފަ އެވެ. ހައި ކޯޓުން އެ ގޮތަށް ނިންމީ ކްރިމިނަލް ކޯޓުގެ އެ ހުކުމް ކަށަވަރުކުރަން ދައުލަތުން އެ ކޯޓަށް ހުށަހެޅި މައްސަލާގަ އެވެ.

ހައި ކޯޓުގެ އެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައިވަނީ އެ މައްސަލާގައި ކްރިމިނަލް ކޯޓާއި ހައި ކޯޓުގެ ނިންމުން ވެސް ރަނގަޅު ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ނަޝީދުގެ ފަރާތުން އަމިއްލައަށް ހައި ކޯޓަށް ހުށަހަޅާފައި ނެތުމުން ކްރިމިނަލް ކޯޓުގެ އެ ހުކުމަކީ ޗެލެންޖް ކުރުމުގެ ފުރުސަތު ނެތް "ނިހާއީ ހުކުމެއް" ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

ނަޝީދަށް އިސްތިއުނާފްގެ ހައްގު އޮތް ނަމަވެސް އިސްތިއުނާފްގެ މުއްދަތު ހަމަވިއިރު ވެސް ދަށު ކޯޓުގެ ނިންމުން ނަޝީދުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ނުކުރާ ކަން ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ފާހަގަކުރެއްވި އެވެ.

އިސްތިއުނާފަށް ހުށަހަޅަން އޮންނަ މުއްދަތުގައި ހުށަނޭޅުނީ މަގުބޫލު ސަބަބެއް އޮވެގެން ކަމަށް ބުނެ އޭގެފަހުން ވެސް ނަޝީދުގެ ފަރާތުން ހައި ކޯޓަށް އެ މައްސަލަ ހުށަހަޅާފައި ނެތުމުން ކްރިމިނަލް ކޯޓުގެ ހުކުމަކީ "ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ، ނިހާއީ ހުކުމެއް" ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ނަޝީދުގެ ޝަރީއަތް ހިންގުމުގެ ހުރިހާ އިޖްރައާތުތައް ރަނގަޅު ކަމަށް ވެސް ސުޕްރީމް ކޯޓުގެ އެ ހުކުމުގައިވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން ނަޝީދުގެ ޝަރީއަތާ ބެހޭގޮތުން ބަހުސްކުރި މައިގަނޑު ހަތަރު އިޖްރައާތެއް ރަނގަޅު ކަމަށް ހުކުމުގައި ވަނީ ކަނޑައަޅައިފަ އެވެ.

ައެކަށީގެންވާ ވަގުތާއި ވަސީލަތް ނަޝީދަށް ލިބުނު

އެގޮތުން ކުށުން ބަރީއަވާން އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ނަޝީދަށް ލިބިވަޑައިގެންފައިވާ ކަމަށާއި ވަކީލުންގެ އެހީ ހޯއްދެވުމުގެ ހައްގު ނަޝީދަށް ލިބިވަޑައިގެންފައިވާ ކަމަށް ކަނޑައެޅުމުގެ އިތުރުން ހެކިންނާ ސުވާލު ކުރުމުގެ ހައްގު ނަޝީދަށް ދީފައިވާ ކަމަށާއި މައްސަލަ ބެލި ފަނޑިޔާރުންގެ އިންސާފުވެރިކަމާ މެދު ސުވާލު އުުފެދޭ ކަމެއް ނެތް ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޓެރަރިޒަމްގެ ދައުވާ އުފުލުމުގެ ކުރިން އެ މައްސަލާގައި ހުޅުމާލޭ ކޯޓުގައި ނަޝީދުގެ މައްޗަށް ދައުވާ އުފުލައި، ތިން އަހަރު ވަންދެން އެ މައްސަލަ އެ ކޯޓުގައި އޮތް ކަމަށެވެ. އެ މުއްދަތުގައި އެ މައްސަލައިގެ ލިޔުންތައް ނަޝީދަށް ލިބިވަޑައިގެންފައި ވާއިރު ފަހުން އެ ދައުވާ އަނބުރާ ގެންގޮސް، ކްރިމިނަލް ކޯޓުގައި ޓެރަރިޒަމްގެ ދައުވާ އުފުލިޔަސް ފަހުން ވެސް ހުށަހަޅާފައި ހުރީ ކުރީގެ ލިޔުންތައް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ހުޅުމާލޭ ކޯޓުގައި ނަޝީދަށް އުފުލީ ކުށް ނުކުރާ މީހަކު ހައްޔަރު ކުރުމުގެ ދައުވާ ކަމަށްވެފައި ފަހުން އުފުލީ ޓެރަރިޒަމްގެ ދައުވާ ކަމަށްވިޔަސް އެ ދެ ދައުވާއަކީ އެއް ކަމަކާ ގުޅިގެން އުފުލި ދައުވާއެއް ކަން އުއްތަމަ ފަނޑިޔާރު ސައީދު ފާހަގަ ކުރެއްވި އެވެ. އަދި ކުރިން ހުށަހަޅާފައި ނެތް އާ ހެއްކެއް ފަހުން ހުށަހަޅާފައި ނެތް ކަމަށް ވިދާޅުވި އެވެ.

އެހެންވެ ކުށުން ބަރީއަވާން އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ލިބުމުގެ ހައްގު ނަޝީދަށް ލިބިފައިވާ ކަމަށް އުއްތަމަ ފަނޑިިޔާރު ވިދާޅުވި އެވެ.

ވަކީލުންގެ އެހީތެރިކަން ނަޝީދަށް ލިބުނު

ވަކީލުންގެ އެހީތެރިކަން ލިބުމުގެ ހައްގު ނަޝީދަށް ލިބިފައިވާ ކަމަށް ވިދާޅުވެ، އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެންމެ ފުރަތަމަ އަޑުއެހުމުގައި ވެސް ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ނަޝީދަށް ކޯޓުން ދީފައިވާ ކަމަށެވެ. ނަޝީދުގެ ވަކީލުން އެ މައްސަލައިން އަމިއްލައަށް ވަކިވުމުން ވެސް އަލުން ވަކީލުން ހޯދަން ނަޝީދަށް ކޯޓުން ފުރުސަތު ދިން ކަމަށާއި އެކަމަކު އެ ފުރުސަތުގެ ބޭނުން ނަޝީދު ނުކުރައްވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ނަޝީދުގެ ހެކިން ހާޒިރު ނުކުރި ސަބަބު ރަނގަޅު

ނަޝީދުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިން ހާޒިރު ނުކޮށް، މައްސަލަ ނިންމާފައިވާތީ އެކަމާ ގުޅިގެން އުއްތަމަ ފަނޑިޔާރު ސައީދު ވިދާޅުވި ގޮތުގައި ނަޝީދުގެ ހެކިން ހާޒިރު ނުކުރަން ކްރިމިނަލް ކޯޓުން ނިންމި ސަބަބު ރަނގަޅެވެ. މައްސަލައެއްގައި ހުށަހެޅޭ ހެކި ބަލައިގަތުމާއި ނުގަތުމުގެ ބާރު ފަނޑިޔާރުންނަށް އޮންނަ ކަން ފާހަގަ ކުރައްވައި، އުއްތަމަ ފަނޑިޔާރު ވިދާޅުވީ ހެއްކަކު ހާޒިރު ނުކުރަން ފަނޑިޔާރު ނިންމާ ސަބަބު ރަނގަޅު ނަމަ އެއީ ގާނޫނާއި ޚިލާފް ކަމަކަށް ނުވާނެ ކަމަށެވެ.

ފަނޑިޔާރުންގެ އިންސާފުވެރިކަން ގެއްލޭ ކަމެއް ނެތް

އެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެލި ތިން ފަނޑިޔާރުންގެ ތެރެއިން ގާޒީ އަބްދުﷲ ދީދީ އާއި ގާޒީ އަބްދުލްބާރީ ޔޫސުފަކީ އަބްދުﷲ ގާޒީ ހައްޔަރު ކުރިއިރު އެ ގޭގައި ތިބި ބަޔަކަށްވާތީ އެ ބޭފުޅުންގެ އިންސާފުވެެރިކަމާ މެދު ސުވާލު އުފައްދައި، ހުށަހަޅާފައިވާ ނުކުތާއާ ގުޅޭގޮތުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެއީ އެ ބޭފުޅުން އެ މައްސަލަ ބެލުމުން ދުރުވާންޖެހޭ ފަދަ ސަބަބެއް ނޫން ކަމަށެވެ. އަދި އެ ބޭފުޅުން ވަކި ފަރާތަކަށް ޖެހިފައިވާ ކަން އެކަމުން ދަލީލު ނުކުރާ ކަމަށް ވެސް ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މީގެ އިތުރުން އެ ހާދިސާގައި އަނިޔާ ލިބުނު ފަރާތް ކަމަށްވާ އަބްދުﷲ ގާޒީގެ އެއްވެސް ދައުރެއް އެ މައްސަލަ ބެލުމުގެ ނެތްކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

ނަޝީދަށް އިންވި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް، ބޭސް ފަރުވާ އަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ސަރުކާރުން ދިން ހުއްދައާ އެކު އެ ގައުމަށް ވަޑައިގެން ނަޝީދު ވަނީ ހިމާޔަތް ހޯއްދަވައިފަ އެވެ.

ހުކުމަށް ފަހު ކޯޓު ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަޝީދުގެ ވަކީލް ހިސާން ހުސެއިން ވިދާޅުވީ ނަޝީދުގެ ފަރާތުން އިސްތިއުނާފަށް ހުށަނޭޅީ ރާއްޖޭގެ ކޯޓަކުން ނަޝީދަށް އިންސާފު ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުމުގައި ވެސް ނަޝީދުގެ ފަރާތުން ފާހަގަކުރި ނުކުތާތައް ފާހަގަކޮށްފައި ނެތް ކަމަށް ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވި ގޮތުގައި ވަކިވަކި ފަރާތްތަކަށް ފިޔަވަޅު އަޅަން ބައިނަލްއަގްވާމީ މުޖްތަމައުގައި ކުރާ މަސައްކަތް އަދިވެސް ނަޝީދު ކުރައްވާނެ އެވެ. އަދި މުއައްސަސާތައް އިސްލާހު ކުރަން ވެސް ފިޔަވަޅު އަޅަން ކުރާ މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ވިދާޅުވި އެވެ.

ހުކުމަށް ފަހު ކޯޓު ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަޝީދުގެ ވަކީލް ހިސާން ހުސެއިން ވިދާޅުވީ ނަޝީދުގެ ފަރާތުން އިސްތިއުނާފަށް ހުށަނޭޅީ ރާއްޖޭގެ ކޯޓަކުން ނަޝީދަށް އިންސާފު ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުމުގައި ވެސް ނަޝީދުގެ ފަރާތުން ފާހަގަކުރި ނުކުތާތައް ފާހަގަކޮށްފައި ނެތް ކަމަށް ހިސާން ވިދާޅުވި އެވެ.