ރައީސް ޔާމީނަކީ ގައުމުގެ ބޮޑުތަކުރުފާނު: ސައީދު

ރައީސް އަބްދުﷲ ޔާމީނަކީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިން މިނިވަންކުރި މުހައްމަދު ތަކުރުފާނު ފަދަ ވެރިއެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.


ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އެތެރެ އާއި ބޭރުން އަންނަ ފިއްތުންތަކާއި ބޮޑެތި ގޮންޖެހުންތަކާ ރައީސް ޔާމީން ކުރިމަތިލައްވަނީ ސާބިތުކަމާއެކުގައި ކަމަށެވެ. އެ ހުރިހާ ގޮންޖެހުންތަކާއެކު ގައުމު ތަރައްގީ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ ދިމާލަށް ކޮން ކަހަލަ ގާތަކެއް، ހިލަތަކެއް، ހަމަލާތަކެއްތޯ ނާންނަނީ؟ މުހައްމަދު ތަކުރުފާނު ހަނގުރާމަ ކުރީ ކަނޑިން ކަމަށް ވެދާނެ. އެއީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ގައުމު މިނިވަން ކުރަން. މިއަދު އެ ކަނޑިއަށް ވުރެ މާ ވަރުގަދަ ހަތިޔާރަކާ ރައީސް ޔާމީން ކުރިމަތިލައްވާފައި ވަނީ،" ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމްގެ އަރިހުގައި ސިޔާސީ މަސައްކަތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ސައީދު ވިދާޅުވި އެވެ.

ޕީޕީއެމްގެ "ރުމާލެ 2" ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ސައީދު ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

ސައީދު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ފޭރާން ހިމެނޭ ގޮތަށް ހުރިހާ ކަމެއް ވިއްސިވިހާލެވިގެން ދިއުމުން އެ ހުރިހާ ކަމެއް ހައްލު ކުރަން މިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ހޮއްވެވީ ރައީސް ޔާމީނެވެ. އަދި ރައްޔިތުންގެ ފުއްދުންތެރިކަން އިތުރުކޮށްދީގެން އެ މައްސަލަތައް ހައްލުކޮށްދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މުހައްމަދު ތަކުރުފާނުގެ ހިތްވަރުން ހިތްވަރު ލިބިގަނެ، މިއަދު އެމަނިކުފާނު [ރައީސް ޔާމީން] ކުރިއަށް އެ ދަނީ އިސްލާމް ދީނުގެ އަސާސްތައް މަތީގައި ހުރެގެން ގައުމިއްޔަތު ދިފާއު ކުރަން،" ސައީދު ވިދާޅުވި އެވެ.

އިދިކޮޅު ބައެއް ލީޑަރުންނަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ އެބޭފުޅުން މަސައްކަތް ކުރައްވަނީ ރާއްޖޭގެ ރައްޔިތުން ފަގީރު ކަމުގެ ތެރެއަށް ވައްޓައިލުމަށް ކަމަށެވެ. އަދި ރާއްޖެ އަނދަވަޅަކަށް ވައްޓައިލުމަށް އެބޭފުޅުންނަށް އެއްވެސް ފުރުސަތެއް ނުލިބޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

އޭނާ ވަނީ އިދިކޮޅު ހަތަރު ބޭފުޅަކަށް ނިސްބަތް ކުރައްވައި، އެއީ ނިދީގައި ތިއްބަވައިގެން "ހިނގައިގެން ބޮނޑި ލިބޭ ބޭފުޅުން" ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެއީ ކޮން ބޭފުޅުންނެއް ކަމެއް ވިދާޅެއް ނުވެ އެވެ.

ބެލެވޭ ގޮތުގައި ސައީދު އިޝާރާތް ކުރެއްވީ އިދިކޮޅު ހަތަރު ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އަށެވެ.

ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ބައެއް ވަޒީރުންނާއި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން.---މިހާރު ފޮޓޯ: ނިޝާން އަލީ

ސައީދު ވިދާޅުވި ގޮތުގައި ދުނިޔޭގެ ތާރީޚާ އެއްގޮތަށް 2018 ގެ ފަހުން ވެސް ވެރިކަން ކުރައްވާނީ ރައީސް ޔާމީނެވެ. އަދި "ގައުމީ ބަތަލެއްގެ ގޮތުގައި" ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ދިވެހި ރައްޔިތުން ތިބިކަން ފާހަގަކުރައްވައި އެންމެންނަށް މިނިސްޓަރު ތައުރީފު ކުރެއްވި އެވެ.

ސައީދު ވިދާޅުވީ ގައުމުގެ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ސިއްހީ ނިޒާމަށް ދިމާވެފައިވާ ކަންކަން ހައްލުކޮށް ދިނުމަށް ރައީސް ޔާމީން ބުރަ މަސައްކަތްތަކެއް ކުރައްވަމުންދަވާ ކަމަށެވެ. އެގޮތުން 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލަކީ މިނިވަންކަން ދިފާއު ކުރުމަށް ޖެހޭނެ ބާރުގަދަ ތަނބެއް ކަމަށް ވިދާޅުވި އެވެ. ސައީދުގެ ވާހަކައިގައި ސަރުކާރުން ހިންގާ ބައެއް ބޮޑެތި މަޝްރޫއުތައް ފާހަގަކުރެއްވި އެވެ.

"...އެ ބޮޑުތަކުރުފާނަކީ ރައީސް ޔާމީނޭ ބުނަން ކެރޭ. އަޅުގަނޑުގެ ވެސް އަތޮޅުން. ރާއްޖޭގެ އުތުރުން، ދެކުނުން މެދުތެރެއިން އޭރު އަޅުގަނޑުމެންގެ ކާބަފައިންގެ ފައުޖުތަކާއި ދޯނިފަހަރު ފުރައިގެން މާލެ އަށް އައީ މި ގައުމުގެ ދިފާއުގައި. މިއަދު 21 ވަނަ ގަރުނުގެ ހަލަބޮލިކަމުގެ ތެރޭގައި ރައީސް އެ ދައްކަވަނީ އެ ސާބިތުކަން."

ރައީސް ޔާމީނަކީ ކާބަފައިން ދެކެން ބޭނުންވި ވަރުގެ ވެރިއެއް ކަމަށާއި އެފަދަ ވެރިއަކާއެކު ރައްޔިތުން ތިބުމަށް މިނިސްޓަރު ސައީދު ވަނީ ގޮވާލައްވައިފަ އެވެ.