ހައި ކޯޓު: ރިޝްވަތުގެ މައްސަލާގައި ހައްޔަރުކުރި ޝާފިއު ދަށު ކޯޓުން ވެސް ވަނީ ދޫކޮށްލާފައި --ފޮޓޯ/މިހާރު
23 އޯގަސްޓް 2017 - 10:54
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަހުމަދު ޝާފިއު ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް އިިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލާގައި މެމްބަރުންނަށް ރިޝްވަތު ދިނުމުގައި ބައިވެރިވުމުގެ ތުހުމަތުގައި ޝާފިއު ހައްޔަރުކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލާފަ އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ހެއްކާއި ގަރީނާއަށް ބަލާއިރު ޝާފިއު ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެހެންވެ ދަށު ކޯޓުގެ ނިންމުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ ޝާފިއު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ދައުލަތުން ދަށު ކޯޓުގައި އެދިފައިވާއިރު ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރެވޭނީ އެ ގާނޫނުގައި ބުނާ ސަބަބަކުން ކުރެ ސަބަބެއް އޮތުމާ އެކު އެ މީހެއްްގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެކި ހުރެގެން ކަމަށެވެ. ނަމަވެސް ޝާފިއުއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކަކީ އޭނާގެ މައްޗަށް ރިޝްވަތުގެ ތުހުމަތެއް އުފެދޭ މިންވަރުގެ ހެކިތަކެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ.
ޝާފިއުގެ އިތުރުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ވެސް އެ މައްސަލައިގެ ތުހުމަތު ވަނީ ކޮށްފަ އެވެ. ފާރިސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވާއިރު އެ މައްސަލަ ފާރިސްގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލަ މިހާރު އޮތީ ހައި ކޯޓުގައި ހުކުމް ކުރުމުގެ މަރުހަލާގަ އެވެ.
އެ މައްސަލާގައި ފާރިސަށް ދައުވާކޮށް، މިހާރު ވަނީ ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފެންވަރު
23 August 2017
ވީމާ ފާރިޝް ހައްޔަރު ކޮށްފައި ވަނީ ވެސް ރަގަޅަކަށް ނޫންތާއެވެ؟
ގުދުސް
23 August 2017
ފާރިޝްގެ މައްސަލާގައި ދެން ޚިލާފު ރައުޔެއް ލިޔުނަސް ރަނގަޅުވާނެއޭ. ހަމަ ފަނޑިޔާރުންގެ ބަހުސަށްވެސް އަންނާނެ އިތުރު މުއްސަނދިކަމެއް.
ފަޑުއްކަ
23 August 2017
ދައުވާ ކުރަން ދެކަށް ވެސް ފާރިޝް ހުންނަން މިޖެހެނީ ހައްޔަރުގައެވެ.ފާރިޝް އާއި ދެކޮޅެއް އެއްވެސް ހެއްކެއް ލިބިފައު ނުވާ އިރު ވެސް މެއެވެ.
ފޮނިކަލޯ
23 August 2017
ނުހައްގުން މީހުން ބަންދުކުރުމާއި އަނިޔާ ދިނުން މިސަރުކާރުވަނީ މަތީ ދަރަޖައިގެ ކާމިޔާބީ ހޯދާފައެވެ.
ސިއާ
23 August 2017
ޝާފިއު އަށް މިގޮތް ފާރިސް އަށް ކޮންގޮތެއް? އަދި މިނޫން ދުވަހެއް އޮތްކަން ﷲ ގެ ދަރުބާރުގައި ޖަވާބުދާރީ ވާންޖެހޭނެކަން އާޚިރަތަށްޓަކައި ހަނދާންކޮށް ހަމަހަމަ ކަމާއި ތަފާތުކުރުމެއްނެތި އިންސާފް ގާއިމްކުރުން.