ޚަބަރު / ރައްޔިތުންގެ މަޖިލިސް

އެންމެ 11 ޖަލްސާ، މަޖިލިސް އަނެއްކާ ވެސް ޗުއްޓީއަކަށް

މިއަދު ބޭއްވި މަޖިލީހުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާ އަށް ފަހު މަޖިލީހުގެ ރައީސް މަސީހާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ނިހާން ފޮޓޯއެއް ނަންގަވަނީ.

24 އޯގަސްޓް 2017 - 11:49

23 comments

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގައި 39 ޖަލްސާ ބާއްވަން ކަނޑައަޅާފައިވީ ނަމަވެސް ތިން މަސް ދުވަހުގެ އެ ދައުރުގައި އެންމެ 11 ޖަލްސާ ބޭއްވުމަށް ފަހު މެމްބަރުން ބޮޑު ޗުއްޓީއަކަށް މިއަދު ވަޑައިގެންފި އެވެ.

މަޖިލިހުގެ ދެވަނަ ދައުރަށް ފަހު، ގަވައިދުގައިވާ ގޮތުން މެމްބަރުން ޗުއްޓީ އަށް ވަޑައިގަންނަވަން ޖެހެނީ އާންމު އުސޫލުން ބަލާއިރު އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އެކަމަކު އިދިކޮޅު މެމްބަރުންގެ ހަޅޭކާއި ސިފައިންގެ ހިމާޔަތުގައި އިންނަވައިގެން ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް އިއުލާން ކުރެއްވި ގޮތުގައި މިއަދު ބޭއްވީ ދެވަނަ ދައުރުގެ އެންމެ ފަހު ޖަލްސާ އެވެ.

ގަވައިދުގައި ބުނާ އެއް މަސް ދުވަހުގެ ޗުއްޓީ ފެށުމުގެ އެއް ހަފުތާ ކުރިން މެމްބަރުން ޗުއްޓީ އަށް ވަޑައިގެންނެވިއިރު، ދެވަނަ ދައުރުގައި މާ ބޮޑު މަސައްކަތްތަކެއް މަޖިލީހުން ކޮށްފައެއް ނެތެވެ. އެގޮތުން ދެވަނަ ދައުރުގައި ބޭއްވި ޖަލްސާތަކަށް ފަސް ގަޑިއިރެއް ހާއިރު، ވެސް ހޭދައެއް ނުވެ އެވެ. ދައުރުގެ ގިނަ ޖަލްސާތައް ނިންމާލީ ވިއްސަކަށް މިނިޓް ވެސް ނުވަނީސް، އެޖެންޑާގައި އިތުރު ކަމެއް ނެތުމުންނެވެ.

ދެވަނަ ދައުރުގައި ނިންމި ބައެއް ކަންތައްތަކުގެ ތެރޭގައި ވަޒީރުން ހާޒިރުކޮށް ސުވާލު ކުރުމާއި މިނިވަން މުއައްސަސާތަކަށާއި ބޭރު ގައުމުތަކަށް ސަފީރުން އައްޔަން ކުރުމާއި އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެނައުމާއި ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުން ހިމެނެ އެވެ.

ދެވަނަ ދައުރު ފެށުނު ފަހުން ޖަލްސާތައް ބަރާބަރަށް ނުބާއްވާއިރު، މަޖިލީހުގެ ރައީސް މަސީހް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލުމާ އެކު، ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ކޯޅުމާ ގުޅިގެން މަޖިލިސް އޮތީ ހުއްޓިފަ އެވެ.

މަސީހް، މަޖިލީހުގެ މިއަދުގެ ޖަލްސާ ސިފައިންގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދަވަނީ.---ފޮޓޯ: ރިޔާޒް ރަޝީދު/ޓްވިޓާ

މަސީހް މަގާމުން ވަކިކުރުމަށް 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ވެއްދި މައްސަލަ ބޭރުކޮށްލީ، އޭގައި ސޮއިކުރެއްވި ހަ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާ ގުޅިގެން ކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ ބުނެފަ އެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި ބުނަމުން އައީ މަޖިލީހަށް ފުރަތަމަ ވެސް އެޖެންޑާ ކުރަން ޖެހޭނީ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކަމަށާއި އެ ނޫން ގޮތަކަށް ޖަލްސާ ކުރިއަށް ގެންދަން ޖާގަ ނުދޭނެ ކަމަށެވެ. އޭގެ ނަތީޖާ އަކީ އޭގެ ފަހުން ބާއްވަން އުޅުނު ހަތަރު ޖަލްސާ ވެސް އިދިކޮޅު މެމްބަރުންގެ ހަޅޭކާއި ޒުވާބާއި ހަމަނުޖެހުމުގެ ތެރޭގައި މަސީހަށް ބާއްވަން ޖެހުމެވެ. އަދި އެ ހަތަރު ޖަލްސާ ވެސް އެމަނިކުފާނު ބޭއްވީ ސިފައިންގެ "ފައުޖެއް" ކުރިމަތީގަ އާއި ވަށައިގެން އަތުރާލައިގެން އިންނަވައިގެންނެވެ.

ދެވަނަ ދައުރުގެ އެންމެ ފަހު ތިން ޖަލްސާ ވެސް މަސީހް ކުރިއަށް ގެންދެވީ ސަރުކާރުން ބޭނުންވެގެން ކަންކަން މަޖިލީހުން ފާސްކުރުމަށްޓަކަ އެވެ. އެއީ ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް ހަމަޖެއްސެވުމަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވި މުހައްމަދު ހުސެއިން ޝަރީފް (މުންދު) އަށާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަކަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން ނިންމެވި އަހުމަދު ނަސީރަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމެވެ.

މަސީހް، މަޖިލީހުގެ އިއްޔެގެ ޖަލްސާ ކުރިއަށް ގެންދަވާއިރު ސިފައިން އެމަނިކުފާނަށް ހިމާޔަތް ދެނީ.

މަޖިލިސް މިއަދު ޗުއްޓީ އަށް ދިޔައީ އެ ދެ ބޭފުޅުންނަށް ވެސް ރުހުން ދީފަ އެވެ. އޭގެ ތެރެއިން، އިއްޔެގެ ޖަލްސާގައި މުންދަށް ލިބިވަޑައިގަތީ 28 ވޯޓެވެ. މިއަދުގެ ޖަލްސާގައި ނަސީރުގެ ނަން ފާސްވީ 33 ވޯޓުންނެވެ. އެއްވެސް ވޯޓެއްގައި އިދިކޮޅު މެމްބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

އިއްޔެ އާއި މިއަދުގެ ޖަލްސާ ކުރިއަށް ގެންދިއުމުގެ ތެރޭގައި ސަރުކާރާއި އިދިކޮޅު މެމްބަރުންގެ މެދުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައި، ދެ ފަރާތުގެ މެމްބަރުންނަށް ވެސް ވަނީ އަނިޔާވެފަ އެވެ. އަދި މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން، ރިޔާސަތުގައި މަސީހް އިންނަވާ ގޮނޑި އަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ބިސް ޖެހި ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވެފައިވެ އެވެ. ޖަލްސާ އަށް ފަހު އިދިކޮޅު މެމްބަރުންގެ ގަޔަށް މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ބިސް ޖެހި ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން.

މިއަދުގެ ޖަލްސާގައި، ދެވަނަ ދައުރު ނިންމާލެއްވިކަން އިއުލާން ކުރައްވަމުން މަސީހް ވިދާޅުވީ ކުރިމަތިވާ ބިރުދެއްކުމަކަށް، ނުފޫޒަކަށް، ނުވަތަ ދައްޗަކަށް ބެލުމެއް ނެތި އިސްލާމްދީނާއި ދިވެހި ގައުމުގެ ހައްގުގައި ފަސްޖެހުމެއް ނެތި، ސާބިތުކަމާ އެކު ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ހުރިހާ މެމްބަރުންނަށް ދެއްވާ ކަމަށެވެ

23 ކޮމެންޓް, 43 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 5%
icon angry icon angry 81%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަކަރިކޮށި

25 August 2017

މަޖްލީހޭ...ހިނި އަންނީ..ރުޅި އަންނަނީ..

އަތްފުނާ

25 August 2017

ކަލޭމެން ހިފާނެހާ ހިފުމެއް ހިފާފައި ، ލަވާނެހަ ހަޅޭއެއް ލަވާފައި ޖަހާނެހާ ސަކަރާތެއް ޖަހާފައި ތިނެގީ ޗުއްޓީ.މިއީ ބަޔަކު ބުނާ އެއްޗެއްނޫން މިއީ ރައްޔިތުންނަށް ލޯމަތިން ފެންނަމުންދާ މަންޒަރުތަކެއް އަޑުތަކާ އެކީ.ކޯބާ ދާއިރާތަކަށް ކޮށްދެވުނުކަމެއް ؟.

ސަނާ

25 August 2017

އިންސާނުންގެތެރޭ ވެސް ތިބޭ ލަދުހަޔާތްކުޑަ މީހުން މިވަރުގެ ކަމެއް ނުދެކެން!

ހުސީމަ

24 August 2017

ދެންވެސް އަތްޖަހަންވީތޯ

ހިޔަނި

24 August 2017

އަޅެ މަސީހު ހަމަ ލަދެއްވެސް ނުގަނޭ ދޯ؟ ގައިމު އޭނަގެ އާއިލާ މީހުންނަށް ވެސް ސޯޝްލް މީޑިއާގައި މީހުން ލިޔެނަގާ އެއްޗެހި ފެންނާނެ ވިއްޔަ.

ފާރިޝް

24 August 2017

އާއެކޭ ހަމަލަދުގެ ކަންފުލެއްވެސް ނެތޭ

ސަމްސާ

25 August 2017

ލަދުހަޔާތް ވީ އެވެރިންގެ ރައިސްއާއި ހަވާލުކޮށްފައި! އެލިބުނު ދުވަހަކުން ލަދު ގަންނާނީ

ޚިދާޔަތް

24 August 2017

މުސާރަ ކައިގެން އެއްކަމެއް ނުކުރޭ ފައިދާހުރި ...މަޖިލިސް މިހާރު ބޭކާރު ....ވމަސްމާރުކޭޓު ...ހަހަހަހާ

އަލީ ނަސީރު

24 August 2017

ރަގަޅު... ތިއީ ހަމަ ދިވެހިން. އޮފީސް ތަކުގަވެސް ހަމަ ތި ގޮތް. ކޮފީ ބުރުން، ސްކޫލް ދަށުން....

ހުސޭނުބެ

24 August 2017

އިދިކޮޅު މެމްބަރުން މިއަދު އުޅުނީ ބިސް ކުޅި ކުޅެން މަޖްލިސްތެރޭ!!! އިއްޔެ އުޅުނީ ދޮރުވައްޓާ މާރާމާރީ ހިންގާ އަވަގުރާނަ ގޮވަން!! އޭގެކުރީ ދުވަހު އުޅުނީ މަޖްލިސްގެ ނައިބް ރައިސްގެ ފަހަތުން ވީޑިއޯ ކުރަނުން!!! މިރޭ ގޮސްތިބޭނީ ގޮސް ކުނޫޒްތެރޭ އަޗާތަޅަން!!! މާދަމާ ހަވީރު ތިބޭނީ އެމްޑީޕީ ހަރުގެ ކައިރީ މަގުމަތީގަ ކުއްލި ކަޅެއް ބާއްވައިގެން!!! ދެންތިބޭނީ ބައިބަޔަށް ރާއްޖެ ޓީވީ، ސަންގު ޓީވީ، ވީޓީވީ އަށް އަރާ ފިތުބަފަސާދަ އުފައްދާ އާދޮގުތަކެއް އުފަންކުރަން!!! މިހީ އެވެރިންގެ މިއަދުގެ ޙާލަތު!!!

ރީކޯ

24 August 2017

ތީ މިސަރުކާރައް ތާއީދު ކުރާމީހުން ޖެއްސި ވައްތަރު

ސިންދުބާދު

24 August 2017

ހުސޭނުބެ މީ ބޮޑުމޮޔައެއް

އިބްރާހިމް

24 August 2017

ލަދުނަ ބޯހަލާކު! މަސީހު އަކީ ގައުމަށް ރ ނަޝީދު، ޔާމީން މައުމޫނު އަދި ވަހީދު ހެން ގައްދާރު ވި ވެރިން!

ހަސަންކޮ

24 August 2017

ނިހާން ހީވަނީތީ މަސީހުގެ ބައްޕަހެން،!!!

ލަބީދް އެންޑް ކަބީރް

24 August 2017

ދެންބުނާނެ މިދައުރަކީ ވަރަށް ބިނާކުރުވަނިވި ގިނަކަންތައްތަކެއް ކުރެވުނު ދައުރެކޭ.

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454