ރާއްޖޭގެ އެމްބަސީއެއް ޖަރުމަނުގައި ހުޅުވަން ނިންމައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި ރައީސް އަބްދުﷲ ޔާމީން ވަނީ "ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ" މިދިޔަ ބުދަ ދުވަހު އުފައްދަވާފަ އެެވެ.
އެ އެމްބަސީ އުފެއްދެވީ، ރައީސް އޮފީހުން ބުނި ގޮތުގައި، ރާއްޖޭގެ ގަދަރު އުފުލޭ ފަދަ މަސައްކަތް ކުރުމަށާއި ރާއްޖޭގެ ތަރައްގީ އަށް ބޭނުންވާ ބޭރުގެ އެހީ ހޯދުމަށާއި ޖަރުމަނުގައި ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރުމަށެވެ.
"... [އަދި] ދިވެހިރާއްޖެ އާއި ޖަރުމަނުވިލާތާ ދެމެދު އެކުވެރިކަން ދަމަހައްޓައި އިތުރަށް ބަދަހިކުރުމުގެ ބޭނުމުގަ އެވެ،" ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ އޮންނަނީ ޖަރުމަނުގަ އެވެ. ބާލިންގައި ބާއްވާ މި ފެއާގައި ކޮންމެ އަހަރަކު ވެސް ރާއްޖޭން ވަރަށް އިސްކަމެއް ދީގެން ބައިވެރިވެ އެވެ. މީގެ އިތުރުން، ޔޫރަޕުން އެންމެ ގިނައިން ރާއްޖެ އަންނަނީ ވެސް ޖަރުމަނުގެ ޓޫރިސްޓުންނެވެ. އަދި ރާއްޖޭން އެންމެ ގިނަ އަދަދަކަށް މަސް ބޭރުކުރާ އެއް ގައުމަކީ ވެސް ޖަރުމަނެެވެ.
ޖަރުމަނާ ގުޅުން ހުރި ކަންކަން މިހާރު ބަލަހައްޓަނީ ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަން މެދުވެރިކޮށެވެ. ޖަރުމަނުން ވެސް ރާއްޖެއާ މުއާމަލާތް ކުރަނީ ކޮލަމްބޯގައި ހުންނަ އެ ގައުމުގެ އެމްބަސީ މެދުވެރިކޮށެވެ.
ޖަރުމަނުގައި އެމްބަސީއެއް އުފެއްދެވިޔަސް، އެ އެމްބަސީ އަދި ނުހުޅުވަ އެވެ. އަދި ޖަރުމަނަށް ސަފީރެއް ވެސް ކަނޑައެއް ނާޅަ އެވެ.